04 އޮކްޓޯބަރ 2023 - 12:55

މަޝްހޫރު ޔަމަހާ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު އެލިއާއިން ލޯގޯ ޑިޒައިންކުރުމުގެ ދެ މުބާރާތެއް ފަށައިފި އެވެ.
މި ދެ މުބާރާތަކީ އެލިއާ އަށް އަންނަ އަހަރު 60 އަހަރު ފުރުމާއި އެ ކުންފުނިން ޔަމަހާގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކުރިތާ 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުވާލި ދެ މުބާރާތެވެ. އެއް މުބާރާތަކީ އެލިއާގެ ލޯގޯ ޑިޒައިންކުރުމަށް ހުޅުވާލި މުބާރާތެވެ. އަނެއް މުބާރާތަކީ ޔަމަހާގެ ލޯގޯ ޑިޒައިންކުރުމަށް ހުޅުވާލި މުބާރާތެވެ.
އެލިއާގެ ލޯގޯ ޑިޒައިންކުރުމަށް ހުޅުވާލީ އެ ކުންފުނީގެ ކާމިޔާބީތަކާއި ތަސައްވަރު ދައްކުވައިދޭ ތަފާތު ލޯގޯއެއް ޑިޒައިންކުރުމަށެވެ. މި މުބާރާތުގެ އެންމެ މޮޅު ލޯގޯ ހުށަހަޅާ ޑިޒައިނަރަށް 10،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
ޔަމަހާގެ ލޯގޯ ޑިޒައިންކުރުމަށް ހުޅުވާލި މުބާރާތަކީ ރާއްޖޭގައި ޔަމަހާ ބްރޭންޑްގެ ތާރީހު ރަމްޒުކޮށްދޭ ލޯގޯއެއް ޑިޒައިންކުރުމަށް ހުޅުވާލާފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ވެސް އެންމެ މޮޅު ލޯގޯ ހުށަހަޅާ ޑިޒައިނަރަށް ވެސް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ.
އެލިއާއިން ބުނި ގޮތުގައި މިއީ އެ ކުންފުންޏަށް 60 އަހަރުފުރުމުގެ މުނާސަބަތުގައި ދިވެހި ހުނަރުވެރިންގެ ފަންނު ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދޭ ފުރުސަތެކެވެ. އަދި އެލިއާގެ އެންމެ މޮޅު ލޯގޯގެ ގޮތުގައި ހޮވޭ ލޯގޯ އެ ކުންފުންނީގެ 60 އަހަރު ފުރުމުގެ ހަރަކާތްތަކުގައި ބޭނުންކުރާނެ ކަމަށް ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުން މުބާރާތުގެ ކްރައިޓީރިއާ އާއި ގުޅޭ މައުލޫމާތުތައް ލިބޭނެ އެވެ.
މި މުބާރާތަށް ލޯގޯ ހުށަހެޅޭނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެލިއާ އަކީ ރާއްޖެއަށް ޔަމަހާ އިންޖީނު ތައާރަފްކުރި ކުންފުންޏެވެ. އަދި މި ކުންފުންޏަކީ ރާއްޖޭގައި ޔަމަހާގެ އުފެއްދުންތައް ވިއްކާ ސޯލް ޑިސްޓްރިބިއުޓަރެވެ. ޔަމަހާ އިންޖީނަކީ އެންމެ ފަހުގެ ޓެެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މޮޅު އިންޖީނެއް ކަމަށް އެލިއާއިން ބުނެ އެވެ.