04 އޮކްޓޯބަރ 2023 - 11:09

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ ކަނޑުތައް ގަަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.
މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
ވައިޓް އެލާޓް ނެރެނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެވެ. މިއަދު އެލާޓް ނެރެފައިވާ ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓުން ބުންޏެވެ.
މޫސުން ގޯސްވާނެތީ ފުލުހުން ވެސް ވަނީ ދަތުރުކުރުމުގައި ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
ކަނޑު ދަތުރުފަތުރު ކުރާއިރު، އުޅަނދެއްގެ ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވޭތޯ ޔަގީންކޮށް، އުޅަނދަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުން ނޭރުވުމަށާއި، އެ އުޅަނދަކަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
މިދިޔަ 24 ގަޑިއިރުގެ ރެކޯޑްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހުނީ ށ. ފުނަދޫއަށެވެ. އިއްޔެގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ފުނަދުއަށް 87.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫއަށެވެ. އެ ރަށަށް 48.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ.