ވިކީ އާއި ރަޝްމީކާ އެކުގައި ފިލްމެއް ކުޅެނީ
ވިކީ އާއި ރަޝްމީކާ އެކުގައި ފިލްމެއް ކުޅެނީ

ބޮލީވުޑްގެ ތަރި، ވިކީ ކޯޝަލް އާއި ރަޝްމީކާ މަންދަނާ އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

އެއީ އިންޑިއާގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ސަމްބާޖީ މަހަރާޖުގެ ހަޔާތަށް ހަދާ ތާރީހީ ފިލްމެއް ކަމަށްވާ "ޗާވަ" އެވެ. އެ ފިލްމުގައި ސަމްބާޖީގެ ރޯލު ކުޅޭނީ ވިކީ އެވެ.

އެ ފިލްމަށް ވިކީ ސޮއިކުރި ކަން މީގެ ދުވަސްކޮޅެއް ކުރިން ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފަ އެވެ. އިއްޔެ ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ވިކީއާ އެކު، ލީޑު އަންހެން ތަރިއަކަށް ރަޝްމީކާ ނަގަން ޑައިރެކްޓަރު މިހާރު ވަނީ ނިންމައިފަ އެވެ.

ވިކީ އާއި ރަޝްމީކާ ލީޑު ރޯލު ކުޅޭ މި ފިލްމު ޑައިރެކްޓުކުރަނީ މިދިޔަ އަހަރު ނުކުތް ނެޓްފްލިކްސްގެ ފިލްމު "މިމީ" އާއި މި އަހަރު ނުކުތް ވިކީގެ ފިލްމު "ޒަރަ ހަޓްކެ ޒަރަ ބަޗުކެ" ޑައިރެކްޓުކުރި ލަކްޝްމަން އުޓޭކަރެވެ.

ލަކްޝްމަން މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ މި ފިލްމަށް ތައްޔާރުވުމަށް ވިކީ ހަތަރު މަހުގެ ޓްރެއިނިންއެއް ވެސް ހަދާނެ ކަމަށެވެ. އެ ހަތަރު މަސްދުވަހުގެ ތެރޭގައި ހެވިކަމާއި އަސް ދުއްވުމާ އަދިވެސް އެ ކަހަލަ އެކި ކަންކަން ވިކީ ދަސްކުރާނެ ކަމަށް ލަކްޝްމަން ބުންޏެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.