އަނިޔާވެރިކަމަށް ނުދިޔުމަށް ހުރިހާ ކަމެއް ކުރާނަން، ތަހައްމަލެއް ނުކުރާނަން: ފައްޔާޒު
އަނިޔާވެރިކަމަށް ނުދިޔުމަށް ހުރިހާ ކަމެއް ކުރާނަން، ތަހައްމަލެއް ނުކުރާނަން: ފައްޔާޒު

ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ފެނުނު އަނިޔާވެރިކަން އަލުން ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.

އަނިޔާވެރިކަމަށް ނުދިޔުމަށް ހުރިހާ ކަމެއް ކުރާނަން، ތަހައްމަލެއް ނުކުރާނަން: ފައްޔާޒު
އަނިޔާވެރިކަމަށް ނުދިޔުމަށް ހުރިހާ ކަމެއް ކުރާނަން، ތަހައްމަލެއް ނުކުރާނަން: ފައްޔާޒު

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެ ޕާޓީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ފައްޔާޒު ވަނީ 2013 ގައި ފެނުނު ހުދުމުހުތާރު ވެރިކަމާއި އަނިޔާވެރިކަމަށް އަނބުރާ ދިއުން ތަހައްމަލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ތި އެންމެ ބޭފުޅުންގެ [އެމްޑީޕީގެ] ބޭނުމަކީ ރައްޔިތުންގެ ހައްގުތަށް ކަށަވަރުވެފައި އޮތުން. އަނިޔާވެރިކަމުން ސަލާމަތްވެފައި އޮތުން، މިނިވަންކަމާާ އެކު ރާއްޖޭގައި ދިރިއުޅެވޭނެ ގޮތެއް އޮތުން. ފުދުންތެރި ދިރިއުޅުމެއް ރައްޔިތުންނަށް އުޅެވުން. އަޅުގަނޑުމެން އެންމެން [އެމްޑީޕީން] ކުރަމުން އައި މަސައްކަތަކީ އެއީ،" ފައްޔާޒު ވިދާޅުވި އެވެ.

"އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު ދެން ފެނިގެން ދިޔައީ ކުރީގެ 30 އަހަރު [ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ] ވެރިކަމަށް ވުރެ އަނިޔާވެރި ހަތް އަހަރުގެ ވެރިކަމެއް."

ފައްޔާޒު ވިދާޅުވީ ރައްޔިތުން އެކަން ހަދާން ނެތުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރެއްވި ގޮތުން ކަމަށެވެ.

"އޭރު ކަންކަން ހުރި ގޮތް އަޅުގަނޑުމެންގެ ގިނަ ބޭފުޅުންނަށް ހަދާނުން ނެތިގެން ގޮއްސި 2018 އިން 2023 އާ ހިސާބަށް ވެރިކަން ކުރައްވަމުން ގެންދެވި ގޮތުން. ރައްޔިތަކަށް ބިރުވެރިކަމެއް ނެތި ތަންމިނަށް ރައްޔިތުންނަށް މި ގައުމުގައި ކަންކަން ކުރުމާއި ބަސް ބުނުމާއި ސިޔާސީ ހަރަކާތްތަކާއި ވާހަކަ ދެއްކުމުގައި ޕްރެސް ފްރީޑޮމް ދުނިޔޭގައި ނެތް ވަރަށް، އެއްވެސް ގައުމެއްގައި ނެތް ވަރަށް މިނިވަންކަން އޮވެގެން އޭގެ ނާޖާއިޒް ފައިދާތަކާ އެއްކޮށް އަނެއްކާ ވެސް މި ވަނީ ހެޔޮ ވެރިކަމެއް ބަދަލު ކުރެވިފައި،" ފައްޔާޒު ވިދާޅުވި އެވެ.

އާ ވެރިކަމެއް ރައްޔިތުން ބޭނުންވީ ކުރީގެ އަނިޔާވެރިކަން ހަނދާން ނެތި، ދޮގު ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު އެހެން ވިދާޅުވީ އެމްޑީޕީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުމަށް އިންތިހާބީ ރައީސް މުއިއްޒު އިއްޔެ ރޭ އެދިވަޑައިގެންފައިވަނިކޮށެވެ.

އެ މަނިކުފާނު އަންނަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމާ އެކު، ޒިންމާދާރު އިދިކޮޅު ޕާޓީއެއް ސަރުކާރަށް މުހިންމު ވާނެ ކަމަށާއި އެފަދަ ޕާޓީއަކުން ސަރުކާރަށް ފާޑުކިޔާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވުރެ ރަނގަޅު ސިޔާސަތުތައް ވެސް ޒިންމާދާރު އިދިކޮޅު ޕާޓީއަކުން ރައްޔިތުންނަށް ގެނެސްދޭނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.