ޖަދަލު
ޖަދަލު

އާދިއްތަ ދުވަހާ ގުޅޭ

އިތުރަށް އާމިރާ ބުނާނެ އެއްޗެއް ނެތެވެ. އާމިރާ ހިތަށްއެރިއެވެ. ކެތްކުރެވިއްޖެއެވެ. ބަދަލުވެވިއްޖެއެވެ. ވަގުތުދެވިއްޖެއެވެ. އެކަމަކު ފައިސަލް ވާނީ ފައިސަލަށެވެ.

"އަހަރެން ދުވަހަކު ވެސް ހިޔެއްނުކުރަން ޒިޔާނާ ދިމާއަށް..." އާމިރާއަށް ބުނެވުނީ އެ ހިސާބަށެވެ.

ބިއްލޫރި ކުޑަދޮރަށް ވިއްސާރަ ވިއްސަމުންދިޔައެވެ. އޯގާވެރިކަމެއް، ރަހުމެއް ނެތިއެވެ. ދުރުން ފެންނަ މަންޒަރު އެކުވެ، ފުސްވާތަން ބަލަން ފައިސަލް ހުއްޓެވެ. ޒިޔާނާ ދިމާއަށް ބާރަށް އެއްޗެއް ބުނުމަކީ ފައިސަލްގެ ހިތަށް ވެސް ނާރާކަމެކެވެ. ހިތެއް ވިރިގެން ފައިބާނެ ނަމަ ފައިސަލްގެ ހިތް ވިރިގެން ފޭބީހެވެ. އަނިޔާލިބުނީ ޒިޔާނަށެވެ. ތަދުވީ ފައިސަލަށެވެ. އެ ވަގުތު ފުރަގަހުން އަޑެއްއިވިގެން ފައިސަލް ބަލައިލި އިރު ޒިޔާންގެ ކޮޓަރިން އާމިރާ ނުކުންނަނީއެވެ.

"ކޮބާ ޒިޔާން؟" ފައިސަލް އެހިއެވެ.

"ނުވެސް ތެދުވި، ނުވެސް ކެއި،" އާމިރާ ބުންޏެވެ. "ވަރަށް ހިތުގަޖެހިފަ އޮތީ. ފައިސަލް ދުވަހަކު ވެސް އޭނަ ދެކެ ރުޅިއެއް ނާންނަމެއްނު!"

"އަނެއްކާ ވެސް ބުނީއޭ!" ހިތްހަމަނުޖެހިފައި، މަޑުމަޑުން ފައިސަލް ބުންޏެވެ. "އަހަރެން އޭނަ ދެކެ ރުޅިއެއްނާދެއޭ!"

"އެހެންތަ؟" އާމިރާ ބުންޏެވެ. "އެކަމަކު ފައިސަލް ހަޅޭއްލަވައިގަތް އަޑު ކޮޓަރިން ބޭރަށް ވެސް އިވުނު."

"ގަސްތުގަ ކުރި ކަމެއް ނޫނޭ އެއީ." އިސްޖަހައިލަމުން ފައިސަލް ބުންޏެވެ.

"ދުލުން ބަހެއް ބޭރުވީމަ އެ ބޭރުވީ!" އާމިރާ ބުންޏެވެ. "މިހާރު އަހަންނަށް ޔަގީންވެއްޖެ ފައިސަލް ޗޭންޖެއް ނުވާނެކަން. ޔަގީންވެއްޖެ އަހަންނަށް މި ގެއަކު ދެން ނޫޅެވޭނެކަން ވެސް."

އަނެއްކާ ދަނީ؟" ފައިސަލަށް ބުނެވުނެވެ. "އޭރުން ޒިޔާން ވަރަށް ދެރަވާނެ."

"މިހާރު އޭނަ އެ އޮތީ ހޭންތަ؟" އާމިރާ އެހިއެވެ.

އާމިރާއަށް ރައްދުދޭނެ ގޮތެއް ފައިސަލަކަށް ނުވިސްނުނެވެ. އިރުކޮޅަކު ހުރެލައިފައި ޒިޔާންގެ ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ.

"އަހަރެން މީ ފައިސަލް ނަމަ މި ވަގުތު ތި ތާކަށް ނުވަނީމުސް." އާމިރާ ބުންޏެވެ.

ވިސްނައިލާފައި ފައިސަލް ހިނގައިގަތެވެ. ޒިޔާންގެ ކޮޓަރިއަށް ވަނެވެ.

"މަ ކީއްކުރަންބާ އަނގައިން ބަހެއް ބޭކާރުކޮށްލީ!" އާމިރާ މަޑުމަޑުން ބުނެލިއެވެ.

އެނދުގައި އޮށޯވެގެން އޮތް ޒިޔާނަށް ފައިސަލް ފެނުމާއެކު ބިއްދޮށަށް އެނބުރިލިއެވެ. ފައިސަލް އައިސް ޒިޔާންގެ އެނދުގައި އިށީނެވެ. އެއްޗެއް ނުބުނެ އެތައް އިރަކު އިން އިރު ވެސް ޒިޔާން ބަލައެއްނުލިއެވެ.

"ދަރިފުޅު އަދިވެސް ރުޅިއައިއްސަތަ؟" ފައިސަލް އެހިއެވެ.

ދެން ވެސް ޒިޔާން ވާހަކައެއްނުދެއްކިއެވެ. ތަނުގައި ރަސްކަންކުރީ ގަޑީގެ ސިކުންތުކަށްޓެވެ.

"ޑެޑީ ދުވަހަކު ވެސް ހިތަކަށްނާރާ ދަރިފުޅާ ދިމާލަށް ބާރަށް އެއްޗެއް ބުނާނަމެކޭ،" ހަމަހިމޭންކަން ނިމުމަކަށް ގެނައީ ފައިސަލްއެވެ. "ވަރަށް ބޮޑަށް ސޮރީ ދަރިފުޅާ!"

"ލޯބިވާ މީހަކާ ދިމާލަށް ހަޅޭކެއް ނުލަވާނެ." ޒިޔާން ބޭނުންކުރީ ފައިސަލްގެ ބަހުރުވައެވެ.

ފައިސަލް ބުނަން ނިންމައިގެންހުރި ހުރިހައި ވާހަކައެއް ހަނދާންނެތުނު ކަހަލައެވެ. ހެންވޭރު ދަނޑު ސަރަހައްްދުގައި އަޅަން ހަމަޖެހުނު ބިޔަ އިމާރާތުގެ މަސައްކަތް ނުހައްގުން އެހެން ބަޔަކަށް ދޭ މައްސަލަ ކޯޓަށް ވެއްދުމަށް ޓަކައި، ވަކީލާ ބައްދަލުކުރަން އައި އިރު ވެސް ފައިސަލްގެ ސަމާލުކަން ހުރީ އެހެން ދިމާއަކަށެވެ. ޖަލްސާ މާލަމުގައި ވަކީލުގެ އިންތިޒާރުގައި ތިބި އިރު، ސިރާޖަށް އެ ކަން ފާހަގަކުރެވުނެވެ.

"ތީ މަ ބުނި ވާހަކަ،" ވިސްނައިދޭ ރާގެއްގައި ސިރާޖު ބުންޏެވެ. "ދެ ގުރައެއް ނޫން ތިން ގުރާ އެ ދަނީ. ވާންވީ ގޮތަކީ، ގެ ހިފައިގެން އޮފީހަށް ނާންނަންވީ. އޮފީސް ހިފައިގެން ގެއަށް ވެސް ނުދާންވީ! ކަލޭގެ ރުޅިގަނޑު ވެސް މައިތިރިކުރަންވީ! މިހާރު ފޯމުނެގީ؟"

"މަޑިދަށަށް ލައިގެން މިއުޅެނީ،" ފައިސަލް ބުންޏެވެ. "އެކަމަކު ނުވޭ އާމިރާ ވަރިކުރާހިތެއް. ނުވޭ ދޫކޮށްލާހިތެއް. ކިތެއް ކަންތައް ކިތެއް ގޮތަށް ބަދަލުވެއްޖެ؟ އާމިރާ ހުރި ގޮތަށް ހުރީނު. އެކަމަކު މީ އެތައް މިލިޔަން ރުފިޔާއެއްގެ ޕްރޮޖެކްޓެކޭ! ކިހިނެއް މި ވެސް ދޫކޮށްލާނީ؟"

"މީ ގެއްލިފައޮތް އެއްޗެކޭ! އަދިވެސް މަސައްކަތްކުރީމަ ލާރި ލިބޭނޭ ފައިސަލް!" ސިރާޖު ބުންޏެވެ. "އަންހެނުންނާ ދަރިފުޅާ އެ އުޅެނީ ގެއްލެން. މޮޔައެއްތަ ކަލޭ ތީ؟ ތި ކަރުދާސްތައް ވީދާލަބަލަ! ފެމެލީއަށް ވުރެ ލާރި މުހިންމެއް ނުވާނޭ!"

އާމިރާ އިން ޓެކުސީ ބުރިޖުމައްޗަށް އަރައިގެން ހުޅުލެއަށް ދަތުރު ފެށިއެވެ. ޒިޔާން އިނީ ފޯނުން ގޭމުކުޅޭށެވެ. ކުއްލިއަކަށް އާމިރާއަށް ފެނުނީ ފައިސަލްގެ ފޯނެއްއަންނަ ތަނެވެ. ވަރަށް އުފަލުން ފޯނުނެގިއެވެ.

"އަހަރެން ފޯމު ބޭއްވިން ކޮޓަރީގަ. ސޮއިކުރިން ދޯ؟" ފައިސަލް އެހިއެވެ.

"އެ ވާހަކަ އަހަންތަ ތި ގުޅީ؟" މާޔޫސްކަމާ އެކުގައި އާމިރާ އެހިއެވެ. "އަހަރެން ވަރަށް ހަނދާންކޮށްގެން ހުރީ އެކަމަކު ހަނދާންނެތި ސޮއިނުކޮށް މި އާދެވުނީ.. ދެން ކިހިނެއްހޭ ހަދަނީ؟ ފައިސަލް ފޯމެއް ލާބަލަ! ހަމަ އެއްތާކުއެއްނު ޖެހޭނީ."

"ނުޖެހޭނެއްނު! އަހަރެން ބޭނުމެއް ނޫނޭ ވަރިކުރާކަށް،" ފައިސަލް ބުންޏެވެ. "ވަރިވާން ބޭނުން މީހާ ފޯމު ލާންޖެހޭނީ! އަހަރެން މި ދަނީ ފޯމުހިފައިގެން. އެތެރެއަށް ނުވަދެ މަޑުކުރާތި! ވަގުތު އެބައޮތެއްނު!"

އާމިރާ ރުޅިއައިސްފައި ފޯނު ކަނޑައިލިއެވެ. ފައިސަލް ގެއިން ނުކުމެ ޓެކްސީއަކަށް އެރިއެވެ. ޓްރޯލީއަށް ދެ ފޮށި އަރުވައިގެން އާމިރާއާއި ޒިޔާން އިންތިޒާރުކުރީ ފައިސަލަށެވެ.

"ދޫ ކަމެއް ނުޖައްސާނެ." ހިތްހަމަނުޖެހިފައި އާމިރާ ބުންޏެވެ.

ފައިސަލަށް ފޯނުކުރުމުން ފައިސަލް ފޯނެއްނުނެގިއެވެ. އާމިރާގެ ހިތްހަމަނުޖެހުން ހައްތަހާ އިތުރުވިއެވެ.

"ދަރިފުޅާ ހިނގާ ވަންނަން." އާމިރާ ބުންޏެވެ.

އެ ވަގުތު ޓެކުސީއެއް އައިސް މަޑުކޮށްލި ތަން ފެނުނެވެ. އެއިން ފައިސަލް ފޭބިއެވެ. އޭނަ އަތުގައި ކަރުދާހުކޮތަޅެއް އޮތެވެ.

"ދަރިފުޅު މި ތާ މަޑުކުރޭ!" އާމިރާ ބުންޏެވެ.

ނިކަން ބާރަށް ހިނގައިފައި އާމިރާ ގޮސް ފައިސަލާ ބައްދަލުކުރިއެވެ.

"އަވަހަށް ގެނޭ ތި ފޯމު،" އަމުރުވެރި ރާގަކަށް އާމިރާ ބުންޏެވެ. "މިއަދު ފޯމުލައްޗޭ! ޗިޓު ހަމަ އަންނަ އިރަށް ގުޅާތި! އަވަހަށް މިކަން ނިމުނީމަ، އިންނަން ތި އުޅޭ ކުއްޖަކާ އިނދެވޭނީ. އެކަމަކު ފައިސަލަކަށް އެއްވެސް މީހެއްގެ ލޯބި ހައްގެއް ނޫން. ކޮންމެ މީހަކަށް ވެސް ހަމަ މި ހާލު ޖެހޭނީ."

"ގަބޫލުކުރަން،" ފައިސަލް އެއްބަސްވިއެވެ. "އަހަރެންގެ ހުރިހާ ވެސް އެއްޗަކީ ލާރި. ވެދާނެ އެއީ މައްސަލައަކަށް ވެސް. އާމިރާގެ ވެސް މައްސަލަ އެބަހުރި."

"ތި ވާހަކަދައްކާކަށް ނެތް ޓައިމެއް. ކޮބާ ފޯމު؟" އާމިރާ އެހިއެވެ.

ފައިސަލް ފޯމު ދޭކަށް ނޫޅެއެވެ.

"އަހަރެންގެ ރަނގަޅު ސިފަތަކެއް ވެސް ހުންނާނެ،" ފައިސަލް ބުންޏެވެ. "ވައިފް ދެކެ އަހަރެން ވަރަށް ލޯބިވޭ! އޭނައަށް އަނިޔާއެއް ނުކުރަން. ދަރިފުޅަށް ބާރަ އަހަރުވީއިރު، އަޑުވީއްލާ އޭނައަށް އެއްޗެއް ބުނީ އެންމެ ފަހަރަކު. އެ ތަދު އަދި ވެސް ހިތަކުން ނުފިލާ،" ފައިސަލް ފެންކަޅިވިއެވެ. "އަހަންނަކީ ގޯސް މީހެއް ނޫނޭ އާމިރާ! ކުރިން އާމިރާ ދިޔަ ދުވަހު ވެސް އަހަރެން ހަމަ މި އާދޭސްކުރިން. އާމިރާ އަޑެއްނޭހި. މި ފަހަރު ވެސް ނޭނގެ އަހާނެކަމެއް. އަހަރެން ދޫކޮށްލާފަ ނުދޭ!"

ފައިސަލްގެ ލޮލުން ފޭބީ ކިނބޫކަރުނައެއް ނޫނެވެ. އެއީ ހާލިސް ކަރުނައެވެ. އާމިރާއަށް ވެސް އެ ވަރު އެނގެއެވެ. އާމިރާ ގަސްތުކުރީ އިތުރު ފުރުސަތެއް ދޭށެވެ. ކުރިން ދިން ގޮތަކަށް ނޫނެވެ.

"ހިނގާ އަހަރުމެންނާ އެކީ ދާން. ކެރޭނެތަ؟" އާމިރާ އެހިއެވެ.

ފައިސަލް އެއްޗެއް ނުބުނެ ކޮތަޅު ދިއްކޮށްލިއެވެ. އާމިރާ ހިތަށްއެރިއެވެ. ފޯމުގައި ވަގުތުން ސޮއިކުރާނަމެވެ. އެންމެ ސިކުންތެއް ވެސް ލަހެއް ނުކުރާނަމެވެ.

"މާ ކުރިން ވެސް އެނގޭ ފައިސަލަކަށްނުކެރޭނެކަން." ކޮތަޅުގެ އެތެރެ ބަލައިލަމުން އާމިރާ ބުންޏެވެ. "މީ ކޯޗެއް؟"

"އަހަރެންގެ ޕާސްޕޯޓާ ޓިކެޓު،" ފައިސަލް އެހެން ބުނުމުން އާމިރާ ހައިރާންވިއެވެ."ހީވޭތަ އަހަރެން ބަހައްޓާފަ އާމިރާއަށް ފުރޭނެހެން؟ ބޯޓުގަ އެލިގަނެގެން ވިޔަސް ދާނަން."

އާމިރާގެ ރުޅިމޫނު ވަގުތުން ބޮޑާހޭކުމަކަށް ބަދަލުވިއެވެ.

"ދެން ފައިސަލްގެ އޮފީހޯ؟ ފިހާރަޔޯ؟" އާމިރާ އެހިއެވެ.

"އެއީ އަހަރެންގެ އަމިއްލަ އޮފީސް. އަމިއްލަ ފިހާރަ،" ލާނެތް ހިންޏެއް އައިސްފައި ފައިސަލް ބުންޏެވެ. "އެ ކަން ކުރަން ތިބޭނެ ވަރުވަރުން މީހުން ލާފަ. އާމިރާ ނެތްތާކު އަހަންނެއް ނުހުންނާނަން."

"ހަމަ އަސްލު ވެސް އަހަރުމެންނާ އެއްކޮށް ދަނީ؟ ކިހާ ދުވަހަކަށް؟" ގަބޫލުނުކުރެވިގެން އާމިރާ އެހިއެވެ.

"އާމިރާ ފޫހިވެގެން އަންނަން ބުނަންދެން،" ފައިސަލް ޖަވާބުދިނެވެ. "ހެޕީ؟"

"ކީއްވެ ހިޔާލު ބަދަލުވީ؟" އާމިރާގެ ސުވާލު ހުހެއްނުވިއެވެ.

"އާމިރާ! ޒިޔާން ޝަކުވާކުރި މަންމަ ދިޔައީމަ. އާމިރާ ޝަކުވާކުރި އަހަރެން ޓައިމްނުދޭތީ. އަހަރެން ޝަކުވާ ކުރިން، ދިޔަ ގޮތަށް އާމިރާ ގުޅާނުލީތީ. ނުވާތާކަށް ރިންދާ ވެސް ޝަކުވާކުރި އޭނަ ބާކީވީތީ،" ފައިސަލް ބުންޏެވެ. "ކާކު ޝަކުވާ ނުކުރަނީ؟ ޝަކުވާއަކީ، ދިރިއުޅުމުގެ ބައެކޭ. ޝަކުވާކުރަން ޖެހޭނެ. ޝަކުވާ އަހަން ވެސް ޖެހޭނެ. ފެމެލީއެއްގަ ހުރިހާ ކަމެއް ވެސް އޮންނާނެ."

"ދެން ފައިސަލްގެ މުހިންމު ޕްރޮޖެކްޓް؟" އާމިރާ ސުވާލުކުރިއެވެ.

"އެއް ޕްރޮޖެކްޓް ނެތިއްޔާ އަނެއް ޕްރޮޖެކްޓް އޮންނާނެ،" ވަރަށް ހަމަޖެހިލާފައި ފައިސަލް ބުންޏެވެ. "އެކަމަކު ފެމެލީ އޮންނާނީ ހަމަ އެންމެ ފެމެލީއެއް. ހުރިހާ އެއްޗެއް ސެކްރިފައިސްކޮށްފަ ވެސް ފެމެލީ ޖެހޭނެ ސަލާމަތްކުރަން. އެހެންވެ މި އައީ."

އާމިރާ ފެންކަޅިވެފައި އަތުގެ ހަރަކާތުން ޒިޔާނަށް، އަވަސްއަވަހަށް ގޮވައިލިއެވެ. ޒިޔާން ދުވެފައި އައެވެ.

"ޑެޑީ ވެސް ދާނަމޯ!" ވަރަށް އުފާވެފައި އާމިރާ ބުންޏެވެ.

ޒިޔާން ވަރަށް އުފާވެފައި ފައިސަލަށް ބަލައިލިއެވެ. ތެދެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. ފައިސަލް ބޯޖަހައިލިއެވެ. ފައިސަލަށް އެނގެއެވެ. އެ ދަނޑިވަޅު ފައިސަލް ފުރައިފި ނަމަ، ކޯޓަށް ވައްދަންއުޅޭ މައްސަލައިގެ މުއާލާތްކެނޑި، އެތަކެއް މިލިޔަން ރުފިޔާއެއްގެ ބިޔަ މަސްރޫއު އަތްމަތިން ބީވާނެއެވެ. އެހެނަސް، ހަޔާތުގެ އެއް ތިލަފަތަށް އެ ހުރިހައި ފައިސާއެއް އަޅާފައި، އަނެއް ތިލަފަތުގައި އާއިލާގެ ލޯބި ބޭއްވުމުން، ވަގުތުން އެ ކޮޅަށް ބަރުވީއެވެ. މައްސަލަ ދެން ވެސް ޖެހޭނެއެވެ. ޖަދަލު ދެން ވެސް ކުރެވޭނެއެވެ. އެކަމަކު އަޖަލު ހަމަވަންދެން، ބަދަލަކުން ނުފުދޭ ހަމައެކަނި އުފަލަކީ އާއިލާއެވެ. ފައިސަލަށް އެ ކަން ވިސްނުނީ އޭގެ އެންމެ އުނދަގޫ ގޮތަށެވެ. އެންމެ ދިގުމަގުން ދަތުރުކުރުމަށް ފަހުގައެވެ. ​

-ނިމުނީ-