06 ފެބުރުއަރީ 2017 - 08:35

ވޮޝިންޓަން (ފެބްރުއަރީ 6) - އެމެރިކާ އަށް ވަންނަ ބައެއް ގައުމުތަކުގެ މީހުން ހުއްޓުވުމަށް ނެރުއްވި އަމުރު ކޯޓުން ހުއްޓުވާފައިވާތީ، އެމެރިކާ އަށް އެތެރެވާ މީހުން ފަރުވާތެރިކަމާ އެކު ޗެކް ކުރުމަށް، ބޯޑަރު ރަނގަޅަށް ބެލެހެއްޓުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ކޯޓުތަކުން މަސައްކަތް ކުރަނީ ކަންކަން އުނދަގޫ ކުރުމަށް ކަމަށެވެ. އަދި ކޯޓުތަކުން ގައުމު މިފަދަ ހާލަތަކަށް ވައްޓާލާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވި މައްސަލަ އިސްތިއުނާފް ކުރުމުން ވެސް އެމެރިކާ ސަރުކާރަށް ކާމިޔާބު ލިބޭ ގޮތެއް ނުވި އެވެ. އިސްތިއުނާފް ކޯޓުން ނިންމާފައި ވަނީ ދެ ފަރާތުން އިތުރު ހެކި ހުށަހަޅައިގެން ހުކުމަކާ ހަމައަށް ދަންދެން ދަށު ކޯޓުގެ ހުކުމް ދެމިއޮންނާނެ ކަމަށެވެ. ހެކި ހުށަހެޅުމަށް ވަނީ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ. ކޯޓުގެ ނިންމުމާ ގުޅިގެން ސީރިއާ، އިރާގު، އީރާން، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަން މީހުންނަށް ކުރިއެކޭ އެއްގޮތަށް އެމެރިކާ އަށް އެތެރެވެވޭނެ އެވެ.
ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ވަރަށް ފަރުވާތެރިކަމާ އެކު ބޯޑަރު ޗެކް ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓަށް އަންގަވާފައިވާ ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެމެރިކާ އަށް އެތެރެވޭ މީހުންނާ މެދު ގޮތެއް ނިންމަން ޖެހޭނީ ރައީސް ކަމަށާއި އެއީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
އެމެރިކާ އަށް އެތެރެވާ މީހުން އިންސްޕެކްޓް ކުރަނީ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) ގެ އޮފިޝަލުންނެވެ. އެމެރިކާ އަށް އެތެރެވާ މީހުންގެ އަތުގައި ސައްހަ ވިސާއެއް ނުވަތަ ގްރީން ކާޑެއް އޮންނަން ޖެހޭނެ އެވެ. ޑިކްލަރޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު ފޮޓޯ އާއި ފިންގަޕްރިންޓް ދޭން ޖެހޭނެ އެވެ. ސީބީޕީން ބޭނުން ނަމަ ލަގެޖާއި އެނޫންވެސް ތަކެތި ޗެކް ކުރާނެ އެވެ. ސީބީޕީން ބޭނުން ކުރަނީ ބަޔޯމެޓްރިކް ޓެކްނޮލޮޖީ އެވެ. ބައެއް ގައުމުތަކުގެ މީހުންނަށް އޮޓޮމޭޓެޑް ޕާސްޕޯޓް ކޮންޓްރޯލް (އޭޕީސީ) ވެސް ބޭނުން ކުރެވޭނެ އެވެ.