އަހަރީ ދުވަހާ ގުޅުވާ ދިރާގުން "އީ ޒޯން" ތައާރަފްކޮށް ގިނަ ޕްރޮމޯޝަންތަކެއް
އަހަރީ ދުވަހާ ގުޅުވާ ދިރާގުން "އީ ޒޯން" ތައާރަފްކޮށް ގިނަ ޕްރޮމޯޝަންތަކެއް

މުނިފޫހިފިލުވުމަށް ހާއްސަ ވަން ސްޓޮޕް ޝޮޕް "އީ ޒޯން" ދިރާގުން ތައާރަފްކޮށްފި އެވެ.

އެ ކުންފުންޏަށް 35 އަހަރު ފުރުން ފާހާގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ތައާރަފްކޮށް ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު ވިދާޅުވީ "އީ ޒޯން" އަކީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއް ތަނަކުން ފުރިހަމަކޮށްދިނުމަށް ތައާރަފްކުރި ޕްލެޓްފޯމެއް ކަމަށެވެ.

"މި ޕްލެޓްފޯމަށް ހިލޭ ވަދެވޭނެ. މި ވަގުތު އަޅުގަނޑުމެން ހުންނާނެ ކޮންމެ ހަފްތާއަކަށް ދޭ ފްރީ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް. އެ ގޭމުތައް ހިލޭ ކުޅެވޭނެ. އިތުރު ގޭމުތަކަށް ޗާޖުކުރާނެ. ޗާޖުކުރާނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ނަމަ ބިލަށް އަދި ޕްރިޕެއިޑް ކަސްޓަމަރުންގެ ފޯނަށް އަޅާ ކްރެޑިޓުން،" ޝާރިހު ވިދާޅުވި އެވެ.

މި ޕްލެޓްފޯމް ތައާރަފްކޮށްފައި ވަނީ ތަފާތު ގިނަ ގޭމުތަކަކާ އެކު އެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފިލްމާއި ސީރީޒް ފަދަ ސްޓްރީމިން ވީޑިއޯ ކޮންޓެންޓާއި އިތުރު ފީޗާތަކެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުގެ އެޕްގައި ހިމަނާފައިވާ "އީ ޒޯން" ބެނާއަށް ކްލިކް ކޮށްލައިގެން އެ ޕްލެޓްފޯމަށް ވަދެވޭނެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ޕްރޮމޯޝަންތަކެއް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި "ރީލޯޑް ބޮނޭންޒާ"ގެ ނަމުގައި ރީލޯޑް ކޮށްގެން ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ހިމެނެ އެވެ.

"ރީލޯޑް ބޮނޭންޒާ"އިން ދިރާގު އެޕުން 50ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 35ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

ދިރާގުން މިއަދު ދެން އިއުލާނު ކުރި ޕްރޮމޯޝަނަކީ ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ރައުޓަރު އަޕްގްރޭޑު ކުރުމަށް ޝަރުތު ހަމަވޭތޯ ދިރާގު އެޕުން ބެލޭނެ އެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ޕްރޮމޯޝަންތައް އިއުލާނުކުރާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި ބައްދަލުވުމުގައި ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ދެމި ތިބޭނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރަމުން ދާނީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރުމަށް. ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލަޖީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.

ފާއިތުވި އަހަރުގައި ދިރާގުން އިޖުތިމާއީ ޒިންމާގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ދިރާގުގެ ޑައިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ މުޖުތަމައުއާ ގުޅިގެން ފައިދާ ކުރަނިވި ގިނަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

"ފާއިތުވި އަހަރު ވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ޒުވާނުން ބަރުވެރިކުރުވުމާއި އެކިއެކި މި ފަދަ އިޖުތިމާއީ ދާއިރާތަކުން އެކި އެންޖީއޯތަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރިން. އަޅުގަނޑުމެން މި ގޮތުގައި ދެމި ތިބޭނަން. މި ފަދަ މަސައްކަތްތަކުގެ ސަބަބުން މި ކުންފުންޏަކީ މި ދާއިރާގައި އޮތް އެންމެ ބޮޑު ކުންފުނި." މިރްޝާން ވިދާޅުވި އެވެ،

މިރްޝާން ވިދާޅުވީ ކަސްޓަމަރުންނަށް ޗޮއިސްއެއް އޮންނަ އިރު ގިނަ ކަސްޓަމަރުންތަކެއް ދިރާގު ހިޔާރުކުރުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.