05 ފެބުރުއަރީ 2017 - 16:01

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާކޮށް، ސިވިލް ސާވިސްގެ ގަވައިދުގައި އޮންނަ މާއްދާ ބާތިލްކުރަން އަމިއްލަ ބަޔަކު ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ސިވިލް ސާވިސްގެ ގަވާއިދުގެ 145 ވަނަ މާއްދާގައި، ކާކުކަން ނޭނގޭ ފަދަ ހެދުން އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާކުރުން މަނާކޮށްފައިވާތީ، ރަށްރަށުގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ވަކީލުންތަކެއް ހިމެނޭ ގޮތުން 12 މީހެއްގެ ނަމުގަ އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ހުށަހެޅި މައްސަލާގައިވާ ގޮތުން މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމާ މެދު ޚިލާފެއް ނެތެވެ. އަދި އިސްލާމް ދީނުގެ އަސްލަކާ ޚިލާފް އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ. އެހެންވެ، ސިވިލް ސާވިސް ގަވާއިދުގެ އެ މާއްދާ އަކީ ގާނޫނުއަސާސީއާ ޚިލާފް މާއްދާއެއް ކަމަށް މައްސަލާގައިވެ އެވެ.
ގަވާއިދުގެ އެ މާއްދާގެ ސަބަބުން، މޫނު ބުރުގާ އަޅާ މީހުންގެ އެތައް ހައްގުތަކެއް ގެއްލެމުންދާ ކަމަށާއި އެހެންވެ، މޫނު ބުރުގާ އެޅުން މަނާ ކުރެވޭ ގޮތަށް އޮތް މާއްދާ ބާތިލްކުރަން މައްސަލާގައި އެދިފައިވެ އެވެ.
ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
މޫނު ބުރުގާ ނެގުމަށް ދެ ސްކޫލެއްގެ ދެ ޓީޗަރަކަށް އެންގި މައްސަލައެއް ހޫނުވެ، އޭގެ ތެރެއިން އެއް ސްކޫލެއްގެ ބެލެނިވެރިން ވަނީ ދަރިވަރުން އަނބުރާ ގެންގޮސްފަ އެވެ. އޭގެ ތެރެއިން އެއް ޓީޗަރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
މީގެ ކުރިން 2012 ގައި ކުއްލިއްޔާގައި ކިޔެވި ދަރިވަރަކު މޫނު ބުރުގާ އަޅައިގެން އެތަނަށް ނުދެވޭނެ ކަމަށް އެތަނުން އެންގި މައްސަލައެއް ވެސް ހޫނުވެ، ކޯޓާ ހަމައަށް މައްސަަލަ ދިޔަ އެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ކުއްލިއްޔާގެ އުސޫލުތައް ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ގޮތް ވަނީ ހަދައިފަ އެވެ.