03 އޮކްޓޯބަރ 2023 - 10:31

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ އާދިއްތަ ދުވަހު ޖަލުން ގެ އަށް ބަދަލު ކުރުމުން، އެ މަނިކުފާނަށް މަރުހަބާ ވިދާޅުވާން އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް ޔާމީންގެ ގެކޮޅު ކައިރި އަށް ވަޑައިގަތީ އަންނަ މަހު ވެރިކަމާ ހަވާލުވާ އާ ސަރުކާރުގެ ރުހުން ހޯދަން ކަމަށް، އެފްއޭއެމާއި ފުޓްބޯޅަ ރިފޯމް ކުރަން ކެމްޕޭނު ކުރާ "ސޭވް އެފްއޭއެމް" އިން ބުނެފި އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނާއި ބައްސާމަކީ އާއިލީ ގޮތުން ގާތް ދެ ބޭފުޅުންނެވެ.
ނަމަވެސް ސޭވް އެފްއޭއެމުން ބުނީ ޔާމީން ގެ އަށް ބަދަލު ކުރުމުން މަރުހަބާ ވިދާޅުވާން ބައްސާމް ވަޑައިގަތީ ކޮންމެހެން އާއިލީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.
"މިއީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރި ފުރަތަމަ ފަހަރެއް ވެސް ނޫން. މީގެ ކުރިން އެހެން މައްސަލައެއްގައި ގޭގައި ހުންނަވަނިކޮށް އިސްތިއުނާފު މަރުހަލާ އިން މިނިވަންވެ ވަޑައިގެންނެވި. އެ ދުވަހު ކޮބައިތޯ ބައްސާމް. ނުފެނުނު،" ސޭވް އެފްއޭއެމްގެ އިސް ހަރަކާތްތެރިޔާ އިބްރާހިމް އާމިރު (ސަލްސާ) ވިދާޅުވި އެވެ.
"އިންތިހާބުން ޕީޕީއެމް މޮޅުވި ފަހުން ރައީސް ޔާމީން ގެ އަށް ބަދަލު ކުރުމާ ދިމާކޮށް ދެން އެ ތަނަށް ގޮސް ހުރީމާ އެބަ އެނގޭ އާ ސަރުކާރުގެ ރުހުން ހޯދަން ކުރާ ކަމެއް ކަން. އެފްއޭއެމްގައި ހުރެގެން އިތުރަށް ޖަރީމާ ހިންގަން މަގުފަހި ކުރަން ކުރާ ކަމެއް އެއީ."
އާމިރު ވިދާޅުވީ އެފްއޭއެމްގެ މުދަލާއި ބިންތައް ނަހަމަ ގޮތުގައި ބައްސާމް ބޭނުން ކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތައް ހުރި އިރު އޭނާ އަށް ރުހި، އާ ސަރުކާރުން އެ ކަންކަމަށް ލޯ މަރާލައިފި ނަމަ ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ވަރަށް ވުރެ ވެސް ދަށަށް ވެއްޓޭނެ ކަމަށެވެ.
"އާ ސަރުކާރުން ވެސް މި ކަަންކަމަށް އަޅާ ނުލައިފިއްޔާ މި [ރާއްޖޭގެ ފުޓްބޯޅަ] ދާނީ އިތުރަށް އަޑިއަށް،" އޭނާ ވިދާޅުވި އެވެ.
ދޫވެހި ކައިރިއަށް ޕީޕީއެމާއި ޔާމީންގެ ސަޕޯޓަރުން އެއްވެފައި އޮތް ވަގުތު އެ ތަނުގައި ބައްސާމް ހުންނެވި ފޮޓޯއެއް، އާންމު ވުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
އެ ފޮޓޯ އެކްސް (ކުރިން ޓްވިޓާ) ގައި ޕޯސްޓް ކުރަމަށް ފަހު، ސޭވް އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީ އިން ދޭ ފައިސާ ނަހަމަ ގޮތުގައި ބައްސާމް ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އެކަމަކު، އެ ތުހުމަތުތައް މީގެ ކުރިން ވެސް ބައްސާމް ވަނީ ދޮގުކުރައްވައިފަ އެވެ.
"ފީފާ އާއި އޭއެފްސީން [ދޭ] ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދިއުމުގައި [ދެމި ހުންނަވަން] ޕީޕީއެމްގެ ތާއީދު ހޯދުމަށް މޫނު ދައްކާލުން. އޭނާގެ [އެސޯސިއޭޝަންގެ މައްޗަށް] ކޯޓު އަމުރެއް އޮތް ކަމާއި އޭނާގެ މުވައްޒަފުންނަށް މުސާރަ ނުދޭ ހަނދާނެއް ނެތް،" ސޭވް އެފްއޭއެމުން އެކްސްގައި ކުރި ޕޯސްޓްގައި ބުންޏެވެ.
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި މި ފަހަކަށް އައިސް އެފްއޭއެމަށް ފާޑު ކިޔަމުންދާ ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ، މުވައްޒަފުންނަށް މުސާރަ ނުދީ އަދި ކޯޓް ހުކުމްތަކަށް ވެސް ތަބާ ނުވެ، އާންމު ތަންތަނަށް ދާން ބައްސާމް ލަދު ނުގަންނާތީ ހައިރާންވާ ކަމަށެވެ.
ފުޓްބޯޅަ އަށް މަޝްހޫރު ރަށް ބ. އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް އަބްދުލް ވާހިދު (ވާޑޭ) ބުނީ ފުޓްބޯޅަ ފުން އަނދަވަޅަކަށް ވެއްޓިފައިވާ އިރު، ސިޔާސީ ހަރަކާތަކަށް ވަޑައިގަތުމުގެ ކުރިން ބައްސާމް އެފްއޭއެމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
ޝިފާން އަބްދުލް ގަނީ ކިޔާ މީހަކު ސޯޝަލް މީޑިއާގައި ބުނީ، ބައްސާމާއި އޭނާގެ ޓީމު އެ ތަނުން ބޭރުކޮށްގެން ނޫނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ ކަންކަން ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
ސޭވް އެފްއޭއެމް ގުރޫޕްގައި އެހެން މީހަކު ބުނެފައި ވަނީ ބައްސާމްގެ މައްސަލަތައް ހިފައިގެން އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް ސޭވް އެފްއޭއެމުން ދާން ޖެހޭނެ ކަމަށެވެ.
އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކައިގެން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ދެ ހުކުމެއް ކޮށްފަ އެވެ. އެލް މޯބައިލްގެ މައި ކުންފުނި އެލް މޯލްޑިވްސް އަށް ދެ ލައްކަ ޑޮލަރު 10 ދުވަސް ތެރޭގައި ދައްކަން ވެސް އެފްއޭއެމަށް މިދިޔަ މަހު އެ ކޯޓުން ހުކުމް ކުރި އެވެ. އެކަމަކު ކޯޓުން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ފައިސާއެއް ދައްކާފައެއް ނުވެ އެވެ.
އެއީ އެލް މޯލްޑިވްސް އިން އެފްއޭއެމުން ނެގި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އެލް އިން އެ ލޯނު ނެގީ ޑޮލަރުން އެ ފައިސާ ދައްކާނެ ކަމަށް ބުނެ އެވެ.
މިދިޔަ މަހު އެ ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކުރީ ވެލިގާ ހާޑްވެއާ އަށް 171،850.10ރ. ދައްކާށެވެ. އެކަމަކު އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އެ ފައިސާ އެއް އަހަރުތެރޭ ބަހާލައިގެން ދެއްކުމުގެ އިހްތިޔާރު އެފްއޭއެމަށް ދީފަ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު 25 ގެ ނިޔަލަށް ކޮންމެ މަހަކު މަދުވެގެން 14،729.71ރ. ކޯޓަށް ދައްކަން ޖެހެ އެވެ. އެ ހުކުމާ އެއްގޮތަށް މިދިޔަ މަހު ދައްކަން ޖެހޭ ފައިސާ ވެސް އެފްއޭއެމުން ކޯޓަށް ދައްކާފައި ނުވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެފްއޭއެމްގެ އިދާރީ އަދި ފަންނީ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭތާ ނުވަ ވަރަކަށް މަސް ވެއްޖެ އެވެ. ބައެއް މުވައްޒަފުން ވަނީ މުސާރަ ނުދޭ މައްސަލަ ވަޒީފާއާ ބެހޭ ޓްރެބިއުނަލް އަށް ހުށަހަޅައިފަ އެވެ.
އެހެން ބައެއް މުވައްޒަފުން ވަނީ މުސާރަ ނުދޭތީ އެހެން ތަންތަނަށް ވަޒީފާ އަށް ބަދަލު ވެފަ އެވެ.
އެފްއޭއެމުން މުސާރަ ނުދޭ މުވައްޒަފުންގެ މައްސަލަތައް ފީފާ އާއި އޭއެފްސީ އަށް ގެންދިއުމަށް ސޭވް އެފްއޭއެމް ކެމްޕޭނުން ދަނީ ކުރި އަދި މިހާރުގެ މުވައްޒަފުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.