އަޅުގަނޑު ތާއީދުކުރަނީ ރިޔާސީ ނިޒާމަށް: ރައީސް
އަޅުގަނޑު ތާއީދުކުރަނީ ރިޔާސީ ނިޒާމަށް: ރައީސް

އެމަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށާއި އެކަމަކު އެކަން ނިންމާނީ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަޅުގަނޑު ތާއީދުކުރަނީ ރިޔާސީ ނިޒާމަށް: ރައީސް
އަޅުގަނޑު ތާއީދުކުރަނީ ރިޔާސީ ނިޒާމަށް: ރައީސް

ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ނާކާމިޔާބަށް ފަހު ރައީސް މިހާރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވަނީ ރިޔާސީ ނިޒާމު ކަމަށާއި އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން، ޕާޓީގެ ނިންމުން ޕާޓީން ނިންމާނެ. އެ ނިންމާ ގޮތަކަށް އަޅުގަނޑު ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު ބަރުލަމާނީ އަށް ތާއިދު ކުރުމާ މެދު ގޮތެއް ނިންމުމަށް މާދަމާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ. އިއްޔެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ބައެއް މެންބަރުން މިކަމާ ގުޅޭ ގޮތުން ބަހުސް ކުރައްވާފައިވާއިރު، މިވަގުތު ނިޒާމް ބަދަލުކުރަން ގިނަ މެންބަރުން ދެކޮޅެވެ.

އެ ބަހުސް ކުރިއަށް ދިޔައީ ޕާޓީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ޝައުގުވެރިކަން ފާޅުކުރައްވައި، ބަރުލަމާނީ ނިޒާމަށް ތާއިދުކޮށްދޭން އެދިވަޑައިގެންނެވުމުންނެވެ.

ރައީސް ވިދާޅުވީ ގައުމީ މަޖިލީހުގެ 99 ޕަސެންޓް މެންބަރުން ނަޝީދު އަލުން އެމްޑީޕީއާ ގުޅުމަށާއި ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރާކަން އިއްޔެ ގުރީޕްގައި ދެއްކެވި ވާހަކަތަކުން ފެނުނު ކަމަށެވެ. ނަމަވެސް، ރަސްމީކޮށް ޕާޓީން ގޮތެއް ނިންމާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ "ދަ ޑިމޮކްރެޓްސް" އިން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރަމުންނެވެ. މަޖިލީހުން ފާސްކޮށްގެން ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަނަށް ވެސް އަންގާފަ އެވެ. އެކަމަކު ކޮމިޝަނުން ވަނީ ވޯޓުގައި އަހަންވީ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހުށަހެޅުންތައް އިސްލާހުކުރުމަށް މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރި ނަމަވެސް، ކޯރަމް ހަވަނުވެގެން ޖަލްސާ ނުބޭއްވުނެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހު މަޖިލީހުން ފާސްކުރެވޭނީ 75 ޕަސެންޓް ވޯޓު ލިބިގެން ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުން ނިންމައިގެން އަޔަސް، އެ އިސްލާހެއް ތަސްދީގު ކުރައްވަން ރައްޔިތުންގެ އާން ބަސް ބޭނުންވާނެ ކަމަށެވެ.

"[ތަސްދީގުކުރަން] އަޅުގަނޑަށް ފޮނުވީމާ އެ ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން. ގާނޫނުއަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެނަންޏާ އެއީ ގާނޫނުއަސާސީގައި އެކަން ކުރަން އޮތްގޮތް. އެހެންވީމަ އެ ޕްރޮސެސް އައީމަ އަޅުގަނޑު ދާނަން ރައްޔިތުން ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން [އެ ބަދަލު ގެންނަން] ގަބޫލުނުކޮށްފިއްޔާ އަޅުގަނޑަކަށް ތަސްދީގެއް ނުކުރެވޭނެ."

ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ދެން އަންނަ ފަސް އަހަރަށް ރައްޔިތުން ވެރިއަކު އިންތިހާބުކޮށްފި އެވެ. ރައްޔިތުންގެ އެ ބޮޑު ނިންމުން ބޮލާލައިޖަހައި، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫނެވެ.