02 އޮކްޓޯބަރ 2023 - 11:27

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވީ، އެމްޑީޕީގެ ގިނަ މެންބަރުން މާލޭގައި ނެތުމުން ކަމަށާއި ޖަލްސާ ބޮއިކޮޓު ކުރުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ނިންމާފައިނުވާ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ބުނެފި އެވެ.
އެ ޕާޓީގެ މަޖިލިސް މެންބަރަކު ވިދާޅުވީ، ޖަލްސާއަށް ނުދިއުމާ މެދު ޕީޖީން ވަކި ގޮތެއް އަންގާފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ގިނަ މެންބަރުން އަދި މާލޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ އާއި މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވަނީ ހޮނިހިރު ދުވަހު އޮތް އިންތިހާބާ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާއިން ނިންމީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، ޖަލްސާ ކުރިއަށް ގެންދާށެވެ.
މިއަދު ހެނދުނު ޖަލްސާ ފެށިއިރު، ހާޒިރުވެތިބީ އެންމެ 15 މެންބަރުންނެވެ. ޖަލްސާ ކުރިއަށް ގެންދިއުމަށް ކޯރަމް ހަމަވާ އަދަދަކީ 22 އެވެ.
ކޯރަމް ހަމަނުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން މިއަދު މަޖިލީހަށް ވަޑައިނުގަންނަވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
މިފަހަކަށް އައިސް މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާތައް ނުބޭއްވުން އަދި ކުރިއަށް ގެންދަން ދަތިވާ ކަމުގެ ކަންބޮޑުވުން ނަޝީދު ވަނީ ތަކުރާރުކޮށް މީގެ ކުރިން ފާޅުކުރައްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އެވެ.
ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން މަޖިލީހުން ނިންމަން މަސައްކަތް ކުރަމުންދާއިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.