ފްރާންސްގެ ތަރި ޕަަޔެޓް ރުއީ ކީއްވެ؟
ފްރާންސްގެ ތަރި ޕަަޔެޓް ރުއީ ކީއްވެ؟

ޕެރިސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ރޫމޭނިއާ އަތުން 2-1 އިން ފްރާންސް މޮޅުވި މެޗުގެ ކުރިން އެންމެން ދެއްކީ ފްރާންސްގެ ޕައުލް ޕޮގްބާގެ ވާހަކަ އެވެ. އެކަމަކު މެޗަށް ފަހު އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ފްރާންސުގެ ޑިމިޓްރީ ޕަޔެޓަށެވެ. ފްރާންސް މޮޅުވި ލަނޑު އޭނާ ޖެހިލެއް މޮޅު ކަމުގެ ވާހަކައިގެ އިތުރުން ދަނޑުން ފައިބަމުން އޭނާ ރުއި ވާހަކަ އެންމެން އަންނަނީ ދައްކަމުންނެވެ. މިހާރު އުފެދޭ ސުވާލަކީ އޭނާ ރުއީ ކީއްވެ ހެއްޔެވެ؟

ފްރާންސްގެ ތަރި ޕަަޔެޓް ރުއީ ކީއްވެ؟
ފްރާންސްގެ ތަރި ޕަަޔެޓް ރުއީ ކީއްވެ؟

މިދިޔަ ސީޒަން ފެށުމުގެ ކުރިން ފްރާންސްގެ މާސޭ ދޫކޮށް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވުމުން ޕަޔެޓަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ނަމަވެސް އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ވެސް ފާހަގަކުރެވޭ ފަދަ ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އޭނާ އަށް ވޯލްޑް ކަޕް ސްކޮޑުން ޖާގައެއް ނުދިނެވެ. އޭނާ މިރޭ ރުއީ އޭރު ކުރި އަސަރާއި އަލުން ޓީމަށް ނަގަން ކުރި މަސައްކަތް ހަނދާން ވުމުންނެވެ.

"މިދިޔަ ސީޒަން ފެށިއިރު އެއްވެސް މީހަކަށް ގަބޫލުކުރަން އުނދަގޫވާނެ އަހަންނަށް މި ހިސާބަށް އާދެވޭނެކަމަށް. އެކަމަކު މިއީ އަހަރެން ކުރި މަސައްކަތުގެ ނަތީޖާ. މެޗު ކުޅެން ދަނޑަށް އެރި ވަގުތު ކުރެވުނު އިހުސާސާ އެކީ މޮޅު ކުޅުމެއް ދެއްކުމަށް އަހަރެންގެ އުއްމީދު އާވި. ލަނޑު ޖެހުމަށް ފަހު ރޮވުނީ މި ހިސާބަށް އައުމަށް ކުރި މަސައްކަތް ހަނދާންވުމުން،" އުމުރުން 29 އަހަރުގެ ޕަޔެޓް ބުންޏެވެ.

ފްރާންސްގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ބުނީ ޕަޔެޓުގެ ފަރާތުން ފެނިގެން ދިޔައީ އޭނާގެ ހިތަށް ކޮށްފައިވާ އަސަރުކަމަށެވެ. އަދި އޭނާގެ ފެންވަރު ސާބިތުކޮށްދޭން ވަރަށް ބޮޑަށް މަސައްކަތްކުރި މަންޒަރު ފެނުނު ކަމަށް އޮންރީ ބުންޏެެވެ.

"އަމިއްލަ މަސައްކަތުން ޓީމު މޮޅުކޮށް ނުދެވޭނެ. އެކަމަކު ޕަޔެޓް އެއޮށް ޖަހާލި ލަނޑެއް!،" ހައިރާންވެފައި ހުރި އޮންރީ ބުންޏެވެ. "މުޅި ޓީމުގެ ހިތްވަރާއި ރޫހަކީ އޭނާ."

މި މެޗުގައި އޮލިވިއޭ ޖިރޯގެ ލަނޑުން ފްރާންސް ލީޑު ނަގާފައިވަނިކޮށް ރުމޭނިއާ އަށް އެއްވަރުކޮށްދިނީ ބޮގްޑަން ސްޓަންޗޫ އެވެ. ފްރާންސް މޮޅުވި ލަނޑު ޕަޔެޓް ޖެހީ ފަހު މިނެޓުގަ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯޕް ބުނީ ރުމޭނިއާ ކުޅުނު ޑިފެންސިވް ގޭމްގެ ސަބަބުން ފްރާންސްގެ އަސްލު ކުޅުން ދައްކަން އުނދަގޫވި ކަމަށެވެ.

'މޮޅެއް ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. އެއީ ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް. މި މެޗުގައި ރުމޭނިއާ ކުޅުނީ ވަރަށް ޑިފެންސްކޮށްގެން. މުބާރާތުގެ ފުރަތަމަ މެޗަކީ ފައިނަލެއް ކަހަލަ މެޗެއް. އުނދަގުލުން މޮޅުވެވޭނީ. އެކަން ހާސިލް ކުރެވުނީ ޓީމުގެ ހިތްވަރުން" ފްރާންސަށް 1998 ގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން ބުންޏެވެ.

ރުމޭނިއާގެ ކޯޗު އެންޖެލް އުޑެނެސްކޫ ބުނީ އޭނާގެ ޓީމުން ވަރަށް ހިތްވަރުކުރި ކަމަށާއި ބަލިވީ ފަހު ވަގުތު ފަރުވާ ކުޑަކޮށްލެވުމުން ކަމަށެވެ.