ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެމްޑީޕީއާ ގުޅެން ތައްޔާރު: ނަޝީދު
ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެމްޑީޕީއާ ގުޅެން ތައްޔާރު: ނަޝީދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ އެމަނިކުފާނު އަލުން ޕާޓީއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ކަަމަށެވެ. "އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ ގުޅެން ބޭނުންވާ" ކަމަށް ނަޝީދުގެ މެސެޖް ފައްޔާޒް ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ.

މިއީ ނަޝީދު ފޮނުއްވި މެސެޖެއްކަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން "މިހާރު"އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެކަމުގައި ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހިޔާލުފާޅުކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ނަޝީދު އަނބުރާ ޕާޓީއަށް ވަޑައިގަތުމަށް "ތާއީދު ނުކުރާ ކަމަށާއި ވަގުތު ފާއިތުވެއްޖެ" ކަަމަށެވެ. އެމްޑީޕީ ދެވަނަ ބުރުން ބަލިވުމުގެ ކުރިން، ނަޝީދު ހުށަހެޅުއްވި ނަމަ ގަބޫލުކުރެވުނީސް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު ވަގުތު ފާއިތުވެއްޖެ. ހަމަ ރީތިކޮށް އޮތް އެމްޑީޕީ ވެރިކަން ވައްޓާލީ ރައީސް ނަޝީދު އިސްވެ ހުރެ. ރިޔާސީ ޕްރައިމަރީގައި ބަލިގަބޫލުނުކޮށް ވަކިވެގަތީ އެމްޑީޕީގެ ވެރިކަން ވައްޓާލަން،" މެމްބަރަކު، ގައުމީ މަޖިލިސް ގްރޫޕްގައި ލިއުއްވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީއަށް އިއްޔެ ގެއްލުމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އެކަމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭ ކަމަށް އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވި އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ބޭނުންފުޅުވުން ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ގުޅުވީ ބަރުލަމާނީ ނިޒާމު ގެނައުމާ އެވެ. މަޖިލީހުން ބަރުލަމާނީ ގަރާރު ފާސްކޮށް އީސީއަށް ފޮނުވާފައި ވިޔަސް އެއާ އެއްގޮތަށް ނިޒާމް ބަދަލުކުރަން ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ތާއީދެއް ނުކުރެ އެވެ.

ޗެއާޕާސަން ފައްޔާޒް ވެސް ވިދާޅުވީ ބަރުލަމާނީ ގެންނަން ބޭނުން ނުވާ ކަަމަށެވެ.

"ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެ މީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކޮށްފައި.. އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް. ބަރުލަމާނީއޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލައި ނުޖެހޭނެ. ޑރ. މުއިއްޒަށް ފުރުސަތު ލިބެން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމުން ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންނަށް ފުރައްސާރަނުކުރަން އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން ޑިމޮކްރެޓްސް އުފައްދައި މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ނިންމުމަށެވެ. އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ބުރުުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނެރުނުއިރު، ދެވަނަ ބުރުގައި ނިންމީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.