01 އޮކްޓޯބަރ 2023 - 13:47

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެ އަށް ބަދަލުކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތައް ކަމާ ބެހޭ އިދާރާތަކުން ފަށައިފި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާޅުވަމުންދާ ގޮތުގައި ޔާމީނު ގެ އަށް ބަދަލުކުރަން ނިންމާފައިވަނީ މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު އެވެ.
އެ ޕާޓީގެ ބައެއް އޮފިޝަލުން އެކަން "މިހާރު" އަށް ޔަގީން ވެސް ކޮށްދެއްވި އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ކަރެކްޝަން ސާވިސް އިން އަދި އެއްޗެއް ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި ސިއްހީ ސަބަބުތަކަށްޓަކައި ގެ އަށް ބަދަލު ކޮށްދިނުމަށް އެ މަނިކުފާނު ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެދިވަޑައިގެންފަ އެވެ.
ޔާމީން ގެ އަށް ބަދަލުކުރަން ނިންމީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިްޒަށް ކާމިިޔާބު ކުރެއްވުމާ އެކު އެވެ.
އިންތިހާބުގެ ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މީޑިއާއާ ބައްދަލު ކުރައްވައި މުއިއްޒު ރޭ ވަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވއިފަ އެވެ.
"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް،" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެ މަނިކުފާނު ގެ އަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށް ޓަކައި އެންމެ ރަނގަޅު ގޮތް."
މުއިއްޒު ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ކަމަކީ ވެސް ޔާމީން ގެއަށް ބަދަލުކުރުމެވެ. އަދި ވެރިކަމާ ހަވާލުވެ، އެ މަނިކުފާނު މިނިވަންކުރުމެވެ.
ޔާމީންގެ ޖަލު ހުކުމްގެ ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ ވެސް އެ ހުކުމް އޮތުމުންނެވެ.