01 އޮކްޓޯބަރ 2023 - 12:24

ނުވަ މަސް ތެރޭގައި ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މިދިޔަ މަހު ރާއްޖެ އަށް 114،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ 12 ޕަސެންޓު އިތުރު އަދަދެކެވެ. ނަމަވެސް އޮގަސްޓް މަހަށް ވުރެ ފަސް ޕަސެންޓު ދަށް އަދަދެކެވެ. އޮގަސްޓް މަހު ރާއްޖެ އަށް 154،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައިސްފައި ވަނީ 1.1 މިލިއަން ޓޫރިސްޓުންނެވެ. އެހެންވެ، މި އަހަރު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހަށް ވުރެ 13 ޕަސެންޓު އިތުރު އަދަދަކަށް ޓޫރިސްޓުން އައިސްފަ އެވެ.
މި އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 155،000 ޓޫރިސްޓުން އައި އިރު އިންޑިއާގެ ޓޫރިސްޓުންގެ އަދަދަކީ 147،000 އެވެ. ތިން ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާގެ އަދަދަކީ 140،000 އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މި އަމާޒަށް ދާން ކުރިއަށް އޮތް ތިން މަހު ރާއްޖެ އަށް ހަ ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ.