01 އޮކްޓޯބަރ 2023 - 12:01

މިއަދު މުޅި ރާއްޖެއަށް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

ވިއްސާރާ ވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ. އަދި ހއ. އިން ބ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އިން މެންދުރު ފަހު 2:00 އަށެވެ.
މެޓުން ބުނީ ށ. އަތޮޅުން ޅ. އަތޮޅާ ދެތެރޭ ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެ އެވެ.
އުތުރުގެ ރަށްތަކުގެ ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގެ އުސްމިނަކަށް ހުންނާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
އިއްޔެ އާއި މިއަދު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ. ހަނިމާދޫ އަށެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00އަށް އެ ރަށަށް 38 މިލިމީޓަރުގެ ވާރޭ ވެހުނެވެ.