01 އޮކްޓޯބަރ 2023 - 10:30

ބޭނުން ވަގުތަކު ބޭނުން ތަނެއްގައި ހުރެ ބޭނުން ކޮންމެ ވާހަކައެއް މެސެޖަކުން ދޫކޮށްލެވެން އޮތް މި ޒަމާނުގައި އިހުގެ މުއާސަލަތީ ދަތިތައް ތަސައްވުރަކުރަން ދައްޗެވެ. ޖެހިގެން ހުރި ރަށުގައި ހުރި އެކުވެރިޔާގެ ހާލު ނޭނގި ސިޓީއެއްގެ އިންތިޒާރުގައި ހުންނަ ވާހަކަތައް ހިތަށް ގެންނަން ވެސް މިހާރު އުނދަގުލެވެ. މުއާސަލާތުކުރުމަށް ބަދަލުކުރަމުން ދިޔަ ސިޓީބިޓީ ފޯނުކޯލުތަކަށް ބަދަލުވެ، އެއް ރަށް އަނެއް ރަށާ ގުޅާލަދީ ރާއްޖެއަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ތައާރަފްކުރި ކުންފުންޏަކީ ދިރާގެވެ.

ދިރާގަކީ މެއި 1988 ގައި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވި އެއްބަސްވުމެއްގެ ދަށުން ރަޖިސްޓްރީކުރި ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތައް ފަށައިގަނެ ހިދުމަތް ދޭން ފެށީ އެ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ އަހަރު ދިރާގުން މާލޭގައި ލައިން ފޯނާއި ބޫތުން ފެށި ހިދުމަތް ފުޅާކޮށް އަތޮޅުތަކާ ހަމައަށް އެ ހިދުމަތް ގެންދިޔަ އެވެ. އެއަށް ފަހު އެ ކުންފުނިން އަމާޒު ހިފީ ރާއްޖެއަށް އިންޓަނެޓުގެ ހިދުމަތް ތައާރަފްކުރުމަށެވެ. އެ ކުންފުނިން އިންޓަނެޓުގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރީ 1996 ވަނަ އަހަރު އެވެ.

ރާއްޖޭގައި ހަމައެކަނި ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތް ދެމުން ދިޔަ ކުންފުނީގެ ގޮތުގައި 16 އަހަރު ވަންދެން ދިރާގު އޮތެވެ. އިތުރު ކުންފުންޏަކާ އެކު ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރަންފެށި އެވެ.

ޓެކްނޮލަޖީގެ ދާއިރާއިން މުޅި ދުނިޔެއަށް އަންނަ ފެށި ހަލުވި ދުވެލީގައި ފައި ހަމަކޮށް ރާއްޖެ ޑިޖިޓަލީ ކުރިއަރާފައި އޮތް ގައުމަކަށް ހެދުމުގެ މުހިންމު މަސައްކަތްތަކެއް ދިރާގުން ކުރި އެވެ. އެގޮތުން، ސެޓަލައިޓް ކަނެކްޓިވިޓީއަށް ދިވެހިރާއްޖެ ވާ ބަރޯސާ ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ 2006 ވަނަ އަހަރު ރާއްޖެއާ ލަންކާއާ ދެމެދު ފައިބަ އޮޕްޓިކް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްއެއް އަޅައިފަ އެވެ. އަދި ރާއްޖޭގެ އުތުރުން ދެކުނަށް މުއާސަލާތީ ވިއުގައަކުން ގުޅާލައި ބްރޯޑްބޭންޑް ހިދުމަތް ފުޅާކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމް ވެސް ފުޅާކޮށްފަ އެވެ.

މުޅި ދިވެހިރާއްޖެއަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދީ އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމަށާއި ގައުމަށް ގެނައި އިންގިލާބީ ބަދަލުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިރާގަށް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެވޯޑް ލިބިފަ އެވެ. މީގެ އިތުރުން އެ ކުންފުންޏަށް ވަނީ ޖެހިޖެހިގެން ދެ އަހަރު އޫކްލާގެ ފަރާތުން ރާއްޖޭގެ "ފާސްޓަސްޓް މޮބައިލް ނެޓްވޯކް" އަށް ދޭ އެވޯޑު ލިބިފަ އެވެ. މިއީ ރާއްޖޭގެ ޓެލެކޮމް ނެޓްވާކް ވަރުގަދަކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދިރާގުން ކުރުމަން އަންނަ މިންނެތް މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.
ދިރާގުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފެށި މަސައްކަތްތައް އަދިވެސް ހުއްޓުމަކަށް ނާދެ އެވެ. ޒަމާނީ ބަދަލުތަކާ އެއް ހަމައެއްގައި ފައި ހަމަކޮށް، އެންމެ ފެންވަރު ރަނގަޅު ކަވަރޭޖް ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ދިރާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދިވެހިރާއްޖޭގެ މުއާސަލާތީ ވިއުގަ ވަރުގަދަކުރުމުގެ ގޮތުން ދިރާގުން ވަނީ ދިވެހިރާއްޖެ ގްލޯބަލް ސުޕަ ހައިވޭއާ ގުޅާލުމަށް ވޭތުވެދިޔަ އަހަރު ސީ-މީ-ވީ 6 ޓެކް ކޮންސޯޓިއަމްއާ ގުޅިފަ އެވެ.
އަދި ރާއްޖޭގެ އެކި ރަށްރަށުގައި ފައިބާ ބްރޯޑްބޭންޑް ނެޓްވޯކު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދިރާގުން މިހާރު ވަނީ ރާއްޖޭގެ 90 އިންސައްތައަށް ވުރެ ބޮޑު ގޭބީސީއަށް މި ހިދުމަތް ތައާރަފްކޮށްފަ އެވެ.
ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ދިރާގަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތްތަކާއި މުޖުތަމައަށް ފައިދާ ކުރަނިވި ޕްރޮޖެކްޓުތައް ފާއިތުވި އަހަރު ވެސް ދިރާގުން ހިންގި އެވެ. އަދި އެކި ދާއިރާތަކުން ޒުވާނުންނާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް 35 ވަނަ އަހަރަކީ ވެސް ކާމިޔާބު އަހަރަކަށް ހެދުމެވެ. އެގޮތުން ދިވެހި މުއާސަލާތީ ސިނާއަތުގެ ވާދަވެރި މާހައުލުގައި ގިނަ ކަސްޓަމަރުންތަކެއް ދިރާގާ އެކު ތިބުމަކީ "ޑިޖިޓަލް ރާއްޖެ" އެއްގެ ހުވަފެން ދިވެހިންނަށް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި އެ ކުންފުނިން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ ހެއްކެކެވެ.