30 ސެޕްޓެމްބަރ 2023 - 23:36

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވި ބަސްފުޅުގެ އިތުބާރު ދަމަހައްޓަވައި، ރައްޔިތުން އެދުނު ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައްޔިތުން މިއަދު ނިންމި ނިންމުމާ އެކު ލިބިގެން މި ދިޔައީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ބޭނުންވެފައި ތިބި މިންވަރު ފެނިގެން މި ދިޔައީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާދަމާ ރޭ އުފާ ފާޅު ކުރުމުގެ ބޮޑު ހަރަކާތެއް މާލޭގައި ބާއްވަވާނެ ކަން އިއުލާނުކުރައްވައި، މުއިއްޒު ވަނީ މި ކާމިޔާބީ އާ އެކު ވެސް އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވައިފަ އެވެ.
އަދި މި ވަގުތަކީ ގައުމުގައި ހަމަޖެހުން ގާއިމުކޮށްފައި ބާއްވަން ވަރަށް މުހިންމު ވަގުތެއް ކަން ފާހަގަކުރައްވައި، އެ މަނިކުފާނު އިލްތިމާސް ކުރެއްވީ އެއްވެސް މީހަކު ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ ކަމަކަށް ފުރުސަތު ނުދެއްވުމަށެވެ.
އެއާ އެކު މުއިއްޒު ވަނީ ރައްޔިތުން މިއަދު ހަވާލުކުރި ޒިންމާ އަދާކޮށް، ގައުމުގެ އިގުތިސޯދު ކޮޅަށް ޖަހައި، މިނިވަންކަން ޔަގީންކުރުމުގެ ފުރުސަތު ދެއްވުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.
"އިރާދަކުރެއްވިއްޔާ ބަހުގެ އިތުބާރު އަޅުގަނޑު ދަމަހައްޓާނަން. ރައްޔިތުން އެދޭ ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މުއިއްޒު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.
"އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ކުރެއްވޭނެ ކަމަށް. އެއީ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ދަންނަވާލަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި، އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމާ އެކު، ވަރުގަދަ ޓީމަކާ އެކު ރައްޔިތުން ހަވާލުކުރި މަސައްކަތް ފައްޓަވާނީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ.
މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ފޮށި ގުނާފައިވާއިރު މުއިއްޒު ވަނީ 126،612 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ. އެއީ، 18،432 ވޯޓުގެ ފަރަގެވެ.