30 ސެޕްޓެމްބަރ 2023 - 23:34

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް އޮފީސް ދޮރުމަތީގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ބާއްވައިފި އެވެ.

ޕީޕީއެމުން ނިންމާފައި އޮތީ މާދަމާ ހެނދުނު ހައެއް ޖެހުމުގެ ކުރިން އިންތިހާބުގެ އުފާފާޅުކުރުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށެވެ. ނަމަވެސް، ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ވަނީ ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވެފަ އެވެ.

އެ ސަރަހައްދުގައި ތިބެ އެ މީހުން ގޮވާލީ ޖަލުގައި ހުރި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން ވެސް ވަނީ ރައްޔިތުންގެ ނިންމުމާއެކު، ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.
މުޅި ސޯޝަލް މީޑިއާ މުއިއްޒަށް މަރުހަބާ ދެންނެވުމުގެ މެސެޖުތަކުން ފުރާލާފައިވާއިރު، ޕީޕީއެމް އޮފީސް ކައިރީގައި ހުރި އޯޓީޕީ ކެފޭގައި މުއިއްޒު ހުންނަވަނިކޮށް ގިނަ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔުމަށް އެތަނަށް ޖަމާވެފަ އެވެ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ އެ ތަނަށް ޖަމާވި ހުރިހާ ސަޕޯޓަރުންނާ ސަލާމް ކުރައްވައިފަ އެވެ. އެއަށް ފަހު މުއިއްޒު މިހާރު ވަނީ އިންތިހާބުވުމަށް ފަހު ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންފަ އެވެ.
މުއިއްޒު މި އިންތިހާބު ކާމިޔާބުކުރެއްވީ 126،612 ވޯޓު ހޯއްދަވައިގެންނެވެ. އެއީ އިންތިހާބުގެ 53.93 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 108،180 ވޯޓެވެ. [މިއީ މިހާތަނަށް ނަތީޖާ ނުލިބޭ އެއް ވޯޓު ފޮށީގެ ނަތީޖާ ނުހިމަނަ އެވެ.]
ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އެއްވެސް ފަރާތަކުން ބަދުބަސްބުނެ ފުރައްސާރަނުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.