30 ސެޕްޓެމްބަރ 2023 - 20:46

ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އެއްވެސް ފަރާތަކުން ބަދުބަސްބުނެ ފުރައްސާރަނުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ މެމްބަރުންތަކަކާ އެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އިސްކޮށް އުޅުއްވާ ނަޝީދު އެކްސްގައި ވިދާޅުވީ ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަތީ އެމްޑީޕީ މެމްބަރުންނާ ދިމާނުކުރުމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން ޑިމޮކްރެޓްސް އުފައްދައި މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ނިންމުމަށެވެ. އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ބުރުުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނެރުނުއިރު، ދެވަނަ ބުރުގައި ނިންމީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.
ޑިމޮކްރެޓްސް އިން މިހާރު ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހުށަހަޅައި މަޖިލީހުން ގަރާރު ފާސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް އެ ގަރާރު ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ އަންނަ މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.