01 އޮކްޓޯބަރ 2023 - 07:16

ބުދަ ދުވަހާ ގުޅޭ
"އަހަރުމެން ފިރިހެނުން ބާލަނީ ތަރިއެއްނު. އަންހެނުން ބާލާނީ ސަތަރި!" ސިރާޖު ބުނެލިއެވެ.
"އާދެބަލަ މި ތަނަށް ކޮފީއެއްބޯލަން. މީ ސެލެބްރޭޓްކުރަން ޖެހޭ ވަރުގެ ކަމެކޭ!" ހީނގެންފައި ފައިސަލް ބުންޏެވެ.
އިރުކޮޅަކުން ސިރާޖު އައެވެ. ދެ މީހުން ކޮފީ ގެނެސް ހަމަޖެހިލިއެވެ.
"އަންހެނުން ބާލާނީ ސަތަރިއޭ؟ އެއްވައްތަރު ބަހެއް ބޭނުންކޮށްލެވެނިކޮށް ކަލެއަށް ވަރިހަމަ ދޯ ކޮންމެ އެއްޗެއް ކިޔުނަސް،" ހިނިއައިސްފައި ފައިސަލް ބުންޏެވެ. "ތަންކޮޅެއް ހަރުދަނާ އެއްޗެއް ކިޔާބަލަ!"
"ހަރުދަނާ އެއްޗެއް އަޑުއަހަން ބޭނުންތަ؟ މައްސަލައެއް ނެތް. ކަލޭ އިނދޭ ވިސްނަން،" ސިރާޖު ކަރުކެހިލާފައި ބުންޏެވެ. "ކަލެއަށް އެނގޭތަ ކުރީ ރޭ ހުޅުމާލެއަށް ގޮސް އާމިރާ މީޓުކުރީ ކާކާކަން؟ އެއްކަލަ ސީމާޔާ!"
"އޭނ؟" ފައިސަލަށް ބުނެވުނެވެ. "އޭނަ އުޅެނީ މާލޭގަތަ؟"
"ތިއެއް އަހަންނަކަށް ނޭނގެ،" ސިރާޖު ޖަވާބުދިނެވެ. "އޭނަ ބޭނުންވީ ފިލައިގެން ރައްކާވުމުގެ ކުރިން ތީރެއް ފޮނުވާލާފަ ދާން. އޭނަ މީޓުކުރާށޭ ބުނެގެން އާމިރާ ދިޔައީ. ކަލެޔޭ ކިޔައިގެން ލައްކަ ދޮގުހަދާފަ ސީމާ އެ ބެޗީ! މަ ބޭނުމެއް ނޫން އެ ވާހަކަތައް ރިޕީޓުކުރާކަށް. އެކަމަކު އާމިރާ ހޭވެސް އަހާލިތަ؟"
ބުނާނެ އެއްޗެއް ނޭނގިފައި ފައިސަލް ވިސްނަން އިނެވެ. ސީމާއަކީ އަނގަފުޅެއް އޮންނަ އަންހެނެކެވެ. ކޮންމެ ފަދަ އެއްޗެއް ވެސް ކިޔައިފާނެއެވެ.
"ކުޅަނދުރެއްހެން ފުއްޕާފަ އާމިރާޔާ ދިމާއަށް ކަލޭ ލައްކަ އެއްޗެހި ކިއިންތާ!" ސިރާޖު ބުންޏެވެ. "އެއްޗެއް ނުބުނީމަ ނުބައެއް އުޅެނީޔޭ! އާމިރާ އަނގަބަންދުވީ ގޯހެއްހެދުނީމައޭ! ކަލެއަށް އާމިރާ އެނގެޔޭ ބަނޑޭހަންގަނޑޭ ކީމެއްނު! އަޅެ އާމިރާ ކީއްވާނީ ސީމާ އެ ބުނީ ތެދެއްހޭ އަހާލި ނަމަ؟"
"ނާހާނެއްނު! އޭނައަށް އެނގޭ އަހަރެން މީ އެ ފާޑު މީހެއް ނޫންކަން." ފަހުރުވެރިކަމާ އެކުގައި ފައިސަލް ބުންޏެވެ.
"ދެން ކަލޭގެ ލޮލަށް މިރުސްއެޅިފަތަ ތިހިރީ؟ ނޫނީ ބޮލަށް ތެޔޮއަރާފަތަ ތިހިރީ؟" ސިރާޖު އެހިއެވެ. "ކަލެއަށް ކީއްވެތަ އަދިވެސް އާމިރާ ނޭނގެނީ؟ އޭނަ މިހާރު ކިހާ ޗޭންޖުވެއްޖެ؟ ކިހާ ރުޅިމަޑުވެއްޖެ؟ ކަލޭ ދެކެ ކިހާ ލޯބިވޭ؟ ނޭނގޭތަ އެ ކަމެއް؟ ލަދުން އަސްދޫންޏެއްހެން ހިނގާފަތަ މި ތަނުން އަހަރެން ނުކުންނަންވީ؟ އޭނ؟"
ފައިސަލް އެކައްޗެކޭ ވެސް ނުބުނެ ވިސްނަން އިނެވެ. ހިތަށްއެރިއެވެ. އެއީ ތެދެކެވެ. ދެން ވެސް ސިރާޖު ހުއްޓައެއްނުލިއެވެ.
"އެ ފަކީރަށް މި ޖެހެނީ އަހަންނަށް ގުޅާފަ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދޭން،" ސިރާޖު ބުންޏެވެ. "އާނ އެހެންނުވާނީ! އެ ރިނދަލިގަނޑެއް ތެރެއަށް ވަތްގޮތަށް ކަލެއަކަށް ނުއެއް ނުކުމެވުނޭ! ދެރަވަރެއްނު! ދެމަފިރިންގެ މައްސަލަތައް ހައްލުކުރާނީ ދެމަފިރިން ވާހަކަދައްކައިގެން. މަ ނުޖެހޭނެ ކަނދުފަތި ކަނބާކަށް."
އެ ވަގުތު ފައިސަލް އަތުގައި މަދިރިއެއް ޖެއްސުމުން ޖެހިޖެހީނުން އެ މަދިރި މަރައިލިއެވެ. ޓިޝޫއިން އަތް ފުހެލިއެވެ.
"ހަމަ ތިހެން ކަލޭގެ އީގޯ ވެސް މަރާލަބަލަ!" ސިރާޖު ބުންޏެވެ. އަދި އިންޒާރު ވެސް ދިނެވެ. " އެޔޭ ހުރިހާ ވެސް ނުބަޔަކީ! ކަލޭ ހަނދާންކުރާތި! ދެން އާމިރާ ފުރައިގެން ހިނގައްޖެއްޔާ އަހަރުމެންގެ މި ރައްޓެހިކަން ނިމުނީ. ފިނިޝް! ހަމަ ރަނގަޅަށް މި ބުނީ. ތި ފެންވަރުގެ މީހަކަށް ބެސްޓްފްރެންޑެކޭ ނުކިޔޭނެ. ކަލެއަށް އެނގޭތަ މާދަމާ ރޭ ތި ކައިވެންޏަށް ކިތައް އަހަރުކަން މި ފުރެނީ؟"
ފަނަރަ ޖަހައިފައިވާ ކޭކުގައި ހުރި ބައްތިތަކަށް އާމިރާއާއި ފައިސަލް އެކުގައި ފުމެލިއެވެ. ކައިރީގައިހުރި ޒިޔާން އަތްތިލަބަޑިޖަހަން ފެށިއެވެ. ކޭކު ފަޅާފައި ދެމަފިރިން ވެސް ކޭކު ލެވީ ޒިޔާނަށެވެ. އެ ވަގުތު ފައިސަލަށް ސިރާޖުގެ ފޯނެއްއައެވެ. ފައިސަލް އެއްފަހަރު ޒިޔާންގެ މޫނަށް، އަނެއް ފަހަރު އާމިރާގެ މޫނަށް ބަލައިލިއެވެ. އާމިރާ ހިނިތުންވެލާފައި ބޮލުގެ އިޝާރާތުން، ފޯނު ނެގުމަށް އެދުނެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ.
"ނުވާނެ މާ ގިނައިރެއް!" އެހެން ބުނެފައި ފައިސަލް ފޯނުނެގިއެވެ. "ކީކޭ ސިރާޖު؟"
"މަ ބުނީ އެއްކަލަ ގޮލާގެ ކުރެހުން ފާސްކުރި މައްސަލަ، އޭސީސީން ބަލާކަން މިހާރު ޔަގީންވެއްޖެ!" ސިރާޖު ބުންޏެވެ. "ދެންމެ އެ ކަން އެނގުނީ! ހިތަށްްއެރީ ކަލެއަށް ޖެހޭނޭ އަންގަން. އަދި ހޯޕް އެބައޮތް."
"ސަޅި! ތި ހާދަ އުފާވެރި ނިއުސްއެކޭ! އެ ޑީލް ލިބެންޖެހޭނީ އަހަރުމެންނަށް،" ފައިސަލް ޔަގީންކަމާ އެކުގައި ބުންޏެވެ. "ސީރިޔަސްކޮށް މި ބުނީ. އެ މީހުން ބޭނުންވި ހުރިހާ ޝަރުތެއް ފުރިހަމަކުރީ އަހަރުމެންނޭ! އަހަރުމެން ލީވަރުގެ ޑީޓެއިލް ކުރެހުމެއް އެ ތާކު ނުވެސް ނެތް. އެ ތަނުގަ ހުންނަންޖެހޭ ބޮކީގެ މޮޑެލް ނަންބަރަށް ދާންދެން އަހަރުމެން ޖެހީމެއްނު! ސިރާޖު އަދި ވެސް މަސައްކަތްކުރޭ! އެކަމަކު ކަޓެއްދޭން އެއްބަސްނުވާތި! ވަރިހަމަ އަހަރުމެން ޑިސްކޮލިފައިކުރިޔަސް."
"އޯކޭ ބޮސް!" ސަމާސާ ރާގެއްގައި ސިރާޖު ބުނެލިއެވެ.
ފައިސަލް ފޯނު ބޭއްވި އިރު މޫނުމަތިން އުފާވެރިކަން ފާޅުވެފައިވާ ތަން އާމިރާއަށް ފެނުނެވެ. އާމިރާ ވެސް ހުރީ ހިނިތުންވެފައެވެ. ކުރީގެ އާމިރާ ނަމަ އެހެނެއް ނުވީހެވެ. އެ ތާކު ނުވެސް ހުރީހެވެ. ނުވާތާކަށް، އެ ކޭކު ވެސް މޭޒުމައްޗަކު ނުހުރީހެވެ. ހާލަތު އެހައި ވަރަށް ބަދަލުވެއްޖެއެވެ. ފައިސަލަށް ވެސް ކޮންމެވެސް ވަރެއްގެ ރަނގަޅު ބަދަލުތަކެއް އަންނަން އާމިރާ ބޭނުމެވެ.
"މިހާރު އަހަންނަށް އެނގޭ ފައިސަލް ވެސް އެއްކޮށް ޗޭންޖެއް ނުވާނެކަން،" އާމިރާ ބުންޏެވެ. "ބައެއް ކަންކަން ޗޭންޖެއް ނުވެސް ކުރެވޭނެ. އަނެކަކު ޖެހޭނީ ހޭނެން، އެޖަސްޓުވާން. އަމިއްލަ އުފަލަށްޓަކައެއް ނޫން. ފެމެލީއަށްޓަކާ. ހިތުލާ ހުރިހާ ކަމެއް ފުރިހަމަވާނީ ސުވަރުގޭގަ އެކަނި. ލައިފްގަ ކެތްކޮށްލަންޖެހޭ ފަހަރު އަންނާނެ. ދޯ ދަރިފުޅާ!"
"އެގްރީ!" ތާއީދުކުރުމުގެ ގޮތުން އަތްމައްޗަށް ނަގައިފައި ޒިޔާން ބުނެލިއެވެ. "ހަންރެޑް ޕަސަންޓް މަންމާ!"
"ހުރިހާ ކްރެޑިޓެއް ސިރާޖަަށް!" ފައިސަލް ބުނެލިއެވެ.
"ޑެޑީ!" ޒިޔާން ބުންޏެވެ. "ޑެޑީއަށް އެނގޭތަ މަންމަ އިންޑިޔާގަ ހުރިއިރު ލަވަކިޔަން ދަސްކުރިކަން؟"
"ސީރިޔަސްކޮށް؟" ހައިރާންވެފައި ފައިސަލް ބުންޏެވެ.
"ދެން ނޫން!" އާމިރާ ބުންޏެވެ. "މި ޒިޔާން ވެސް މިހާރު ހާދަ ނޯޓީވެއްޖޭ! މަންމި ބުނީމެއްނު އެއީ ސީކްރެޓްއެކޭ!"
"ނޯ މޯ!" ހީނގެންފައި ޒިޔާން ބުންޏެވެ.
"އަޅެ އަހަރުމެންނަށް ލަވައެއް ކިޔާލަދީބަލަ!" ފައިސަލް އެދުނެވެ. "ވަރިހަމަ ޗާލުޗާލު ގައުމީ ވިޔަސް، ދޯ ދަރިފުޅާ؟"
"އެއީ ކޯޗެއް؟" ޒިޔާން އެހިއެވެ. އަދި ބުންޏެވެ. "މަންމާ ޕްލީޒް! ޖަސްޓު ވަން!"
އާމިރާ ލަދުގެންފައި އިންކާރުކުރަން ފެށިއެވެ. އެ އުފާވެރި ވަގުތުކޮޅަށް ކުއްލި ނިމުމެއް އަންނަން ކިހައި ކައިރިވެއްޖެކަމެއް އެކަކަށް ވެސް ނޭނގެއެވެ. ސަމާސާ ހައްތަހާ ވީ އިތުރެވެ. އުފާވެރިކަން ވެސް ވީ އިތުރެވެ.
"ދެން މަންމިއަކަށް ނޭނގޭނެ އެހާ ރީތިކޮށް ލަވަކިޔާކަށް ދަރިފުޅާ!" އާމިރާ އިންކާރުކުރިއެވެ. "ޑެޑީ ޖޯކުޖަހާނެ."
"ނުޖަހާނަން! އެނގޭ ގޮތަކަށް ކިޔައިދީ. ދޯ ދަރިފުޅާ!" ފައިސަލް ހިތްވަރުދިނެވެ. "އަހަރުމެން ވެސް ހެލްޕްވާނަމޭ ދޯ ދަރިފުޅާ! ވަރިހަމަ ތަންކޮޅެއްވިޔަސް. ޓުވިންކަލް ޓުވިންކަލް ނޫނީ ޖެކް އެންޑް ޖިލް ވެސް އޯކޭ!"
"ތެދެއް މަންމާ! އަޅެ ޕްލީޒް ޕްލީޒް ޕްލީޒް!" ޒިޔާން އެދުނެވެ.
"އޯކޭ!" އެންމެ ފަހުން އާމިރާ އެއްބަސްވިއެވެ. "އެކަމަކު ޖެހޭނެ އެންމެން ބައިވެރިވާން."
"ޔޭ!" ފައިސަލާއި ޒިޔާން އެކުގައި ހަޅޭއްލަވައިގަތެވެ.
އާމިރާ ހިނިތުންވެލިއެވެ. އެ ދަނޑިވަޅާ ގުޅޭ ލަވައެއްް ހަނދާންކޮށްލިއެވެ. ފުން ނޭވައެއް ބޭރުކޮށްލައިފައި، ލަވަ ފަށަން އަނގަހުޅުވައިލި ވަގުތު ފައިސަލަށް ފޯނެއްއައެވެ. އެ ފަހަރު ފައިސަލް ވެސް ފޫހިވިއެވެ. އެހެނަސް، އާމިރާ އެ ހުއްދަދީފައި އޮތުމުން ފޯނުނެގިއެވެ. އެ ފަހަރު ވެސް ގުޅީ ސިރާޖެއެވެ. އެ ކޯލު ފައިސަލަށް ވަރަށް މުހިންމެވެ.
"ވަރަށް އާޖެންޓުތަ؟" ފޯނުނަގާފައި ފައިސަލް އެހިއެވެ.
"އާޖެންޓު ވާނީ މިހާކަންހާ ވަރަށް،" ސިރާޖު ބުންޏެވެ. "އޭސީސީން މައްސަލަ ބަލަބަލާ އޮއްވާ ޖުނޭދުގެ ކުރެހުން ފާސްކޮށް އެ ޑީލް ނިންމާލައިފި. އެއީ މިހާރު ހިސްޓްރީ!"
"އޭނ؟" ފައިސަލަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ފޯނު ހިފައިގެން ކޮޓަރިއަށް ހިނގައިގަންނަމުން ފައިސަލް ވާހަކަދެއްކިއެވެ. "ނުވާނެ އެހެނެއް! ގަބޫލެއް ނުކުރެވޭ! ހިނގާ ކޯޓަށް ވައްދަމާ! ނޫނީ ހިނގާ.."
ފައިސަލް ދައްކަންއުޅުނު ވާހަކަތައް ހުއްޓުވައިލީ ސިރާޖެވެ.
"ދެން އެންމެ ރަނގަޅުވާނީ އެ ކަން ހަނދާނައްތާލިއްޔާ!" މާޔޫސްވެފައިވާ ރާގަކަށް ސިރާޖު ބުންޏެވެ. "ބިޑް އެވޯޑްކުރި ސިޓީ ވެސް އެ މީހުންނަށް ފޮނުވައިފި! މާދަމާ ހީވަނީ އެގްރީމަންޓްގަ ސޮއި ވެސް ކުރާނެހެން. ފަޓާސްފައްޗެއްހެން މި ދަނީ. ދެން ނުހުއްޓުވޭނެ! ފޮގެޓް އިޓް!"
އެ ވަގުތު ކޮޓަރިއަށް ޒިޔާން ވަނެވެ. ފައިސަލް ހުރީ ސިރާޖު ދައްކަމުންގެންދިޔަ ވާހަކަ އަޑުއަހާށެވެ.
"ޑެޑީ!" ޒިޔާން ބުންޏެވެ. "ދެން ހިނގާބަލަ އަވަހަށް. މަންމަ މިހާރު ރެޑީއޭ!"
ފައިސަލް އަތުގެ އިޝާރާތުން، އިހަށް މަޑުކުރާށޭ ޒިޔާނަށް އަންގަމުން ފޯނުން ވާހަކަދެއްކިއެވެ.
"އެހާ ފަސޭހައިން ބަލިގަބޫލުކުރާކަށް ނުވާނެ،" ގޮތްދޫނުކުރާ ރާގަކަށް ފައިސަލް ބުންޏެވެ. "ގްރީވަންސް ކޮމެޓީ ވެސް އަދި އޮންނާނެ. އަހަރުމެންގެ ޝަކުވާއަށް އެ ކޮޅުން ޖަވާބުދާރީ ވެސް ވާންޖެހޭނެ. އޭނަގެ ކުރެހުމުގަ ހުރީ ގޮޅިތަކެއް އެކަނި. ކޮރިޑޯއެއް، ދޮރެއް، ކުޑަދޮރެއް ވަކިނުވޭ! ޕާކިންޒޯން އޮތްތަ؟ ނެތް! ދެ ފްލޯ މަދު. އަހަރުމެންނަށް ވުރެ އަގު ވެސް ބޮޑު. ހެޔޮނުވާނެ.."
"ޑެޑީ! މަންމަގެ މައިންޑު ޗޭންޖުވެއްޖެއްޔާ ދެން ނޯ ޗާންސް އިނގޭ ޑެޑީ." ޒިޔާން ހަނދާންކޮށްދިނެވެ.
ފައިސަލް އެއް އަތުން ޒިޔާނަށް އެންގީ ވާހަކަނުދެއްކުމަށެވެ.
"ރަނގަޅޭ! ކަންވެ ނިމިއްޖޭ! ކޯޓުން މައްސަލަބަލަން ފަށާ އިރު އެ ތާގެ ފައުންޑޭޝަން ވެސް އަޅާފަކަން ނޭނގެ އޮންނާނީ،" ފައިސަލް ބުންޏެވެ. "އެކަމަކު ވެސް އަހަރުމެން ފައިޓެއްދިންކަން.."
"ޑެޑީ މިހާރު މަންމަ.." ޒިޔާނަށް ބުނެވުނީ އެ ހިސާބަށެވެ.
"އިހަށް މައިތިރިވެބަލަ ޒިޔާން!" ޒިޔާނާ ދިމާއަށް ފައިސަލް ހަޅޭއްލަވައިގަތެވެ.
ޒިޔާން ދިޔައީ ސިއްސައިގެންނެވެ. ފައިސަލް ދުވަހަކު ވެސް ޒިޔާނާ ދިމާއަށް އެހައި ބާރަކަށް އެއްޗެއް ނުބުނެއެވެ. އެހައި ރުޅިއެއް ވެސް ނާދެއެވެ. ޒިޔާން ރޮއިގެންފައި ކޮޓަރިން ނުކުތްތަން އާމިރާއަށް ފެނުނެވެ. ފައިސަލް ނުކުތް އިރު އާމިރާ ހުރީ ބަލަހައްޓައިގެންނެވެ. އިތުރަށް އާމިރާ ބުނާނެ އެއްޗެއް ނެތެވެ.
-ނުނިމޭ-