ރިތިކް ރޯޝަންގެ "ގާބިލް" ވެސް 100 ކްރޯޑު ހޯދައިފި
ރިތިކް ރޯޝަންގެ "ގާބިލް" ވެސް 100 ކްރޯޑު ހޯދައިފި

ޝާހްރުކް ޚާންގެ "ރައީސް" އަކީ 2017 ވަނަ އަހަރު 100 ކްރޯޑު (1 ބިލިއަން ރުޕީސް) ލިބުނު ފުރަތަމަ ފިލްމަށް ވިޔަސް އެ ފިލްމާ އެ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަންގެ "ގާބިލް" އަށް ވެސް 100 ކްރޯޑު ލިބިއްޖެ އެވެ.

މި ދެ ފިލްމު ރިލީޒްކުރި ދުވަހު "ގާބިލް" އާއި "ރައީސް"ގެ ވިޔަފާރީގައި ބޮޑު ފަރަގެއް ހުރި ނަމަވެސް މަޑުމަޑުން އެ ފަރަގު ނެރެމުން އައިސް 11 ދުވަސް ފާއިތުވީއިރު "ރައީސް" އަށް 135.96 ކްރޯޑު (1.3 ބިލިއަން ރުޕީސް) ލިބިފައިވާއިރު އެ މުއްދަތުގައި "ގާބިލް" އަށް 103.70 ކްރޯޑު (1.03 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ.

ބޭރު ގައުމުތަކުގައި ވެސް "ރައީސް"ގެ ވިޔަފާރި "ގާބިލް" އަށް ވުރެ ރަނގަޅެވެ. ނަމަވެސް މިދިޔަ ހަފުތާގައި ޕާކިސްތާނުގައި "ގާބިލް" ރިލީޒްކުރުމާ އެކު އެ ގައުމުގެ މީހުން ފިލްމަށް ބޮޑު ތަރުހީބެއް ދެމުން އެބަދެ އެވެ. މިއީ ގިނަ އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި އެޅުވުން މަނާކޮށްފައި ގިނަ ދުވަސްތަކެއް އޮތުމަށް ފަހު ރިލިޒްކުރި ފުރަތަމަ ފިލްމެވެ.

ޕާކިސްތާނުގެ ބަތަލާއެއް އުޅޭ "ރައީސް" ވެސް އެ ގައުމުގައި ރިލީޒްކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެއީ "ގާބިލް" އަށް ވުރެ ހަފުތާއެއް ފަހުންނެވެ.