ފެންނަނީ ގައުމަށް ހެޔޮ ބަދަލެއް ބޭނުންވާކަން: މުއިއްޒު
ފެންނަނީ ގައުމަށް ހެޔޮ ބަދަލެއް ބޭނުންވާކަން: މުއިއްޒު

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުން ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ގައުމަށް ހަމަޖެހުން ގެނެސްދީ، މިނިވަންކަން ހިމާޔަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ބުރުގެ ކެމްޕެއިން ނިންމާލުމަށް މިހާރު މާލޭގައި ބާއްވާ ކެމްޕެއިން ހިނގާލުމުގެ ތެރެއިން މީޑިއާއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގައުމަށް ރައްޔިތުން ބޭނުންވާ އުންމީދު ހާސިލް ކޮށްދެއްވާނެ ކަމަށެވެ.

"މި ފެންނަނީ ގައުމަށް ހެޔޮ ބަދަލެއް ބޭނުންވާކަން. ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދޭނެ ކަހަލަ ވެރިކަމެއް ގެންނަން ބޭނުންވާ ކަން،" ކެމްޕެއިން ނިންމައިލުމުގެ ހިނގާލުމުގައި ބައިވެރިވާ އެތައް ހާސް ބަޔަކަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިން ނިންމާލާ ގޮތަށް ނިންމާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. ދެ ވަނަ ބުރުގެ ކެމްޕެއިނަށް 50 ވަރަކަށް ރަށަށް ވަޑައިގެންނެވިއިރު އޭނާ އިއްޔެ ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާއާ ބަލާއިރު ބޮޑު ފަރަހެއް މި ފަހަރު ފެންނާނެ ކަމަށެވެ.

ފުރަތަމަ ބުރުގައި ލައްކައަކަށް ވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވީ 86،000 ވޯޓެވެ.