އިސްލާހީ ބަދަލާއި ހަމަޖެހުމަށް ވޯޓު ދީ: ރައީސް
އިސްލާހީ ބަދަލާއި ހަމަޖެހުމަށް ވޯޓު ދީ: ރައީސް

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެނެސްދިން އިސްލާހީ ހެޔޮ ބަދަލާއި, ހަމަޖެހުމާ އެކު ކުރިއަށް ދިއުމަށް ވޯޓު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އިސްލާހީ ބަދަލާއި ހަމަޖެހުމަށް ވޯޓު ދީ: ރައީސް
އިސްލާހީ ބަދަލާއި ހަމަޖެހުމަށް ވޯޓު ދީ: ރައީސް

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން އާންމުކުރި ރައީސްގެ އެންމެ ފަހު ވީޑީއޯ މެސެޖުގައި ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން ނިންމި ނިންމުމާއެކު ފަސް އަހަރު ތެރޭގައި ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށެވެ.

"ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމާ މުޅިން ނައްތާލެވިއްޖެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގިއްޖެ. ތަފާތު ކުރުމެއްނެތި މިއަދު ދިރިއުޅޭ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ. ހަމަޖެހުން ރާއްޖެ އަށް ގެނެސްދެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ތަފާތެއް ނުކޮށް، ހުރިހާ ދާއިރާއަކަށް ކުރިއެރުން ގެނައުމަށް ފަސް އަހަރުގެ ތެރޭގައި މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ.

"މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރިކަމާއި ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މި ނޫން ވެސް އެތައް ސެކްޓާއެއްގައި މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްފައި އަޅުގަނޑުމެން މިވަނީ،" ރައީސް ވިދާޅުވި އެވެ.

އެންމެ އިސްކަންދެއްވީ ގައުމުގެ ހަމަޖެހުން ގާއިމް ކުރައްވަން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާދަމާގެ ނިންމުން ގުޅިފައި އޮތީ ގައުމުގެ މުސްތަގުބަލާ ކަމަށެވެ. މާދަމާގެ ނިންމުމަކީ މި ރާއްޖެ އަނެއްކާ ވެސް އެނބުރި ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ ނުވަތަ އެތައް ބައެއްގެ ގުރުބާނީން މި ރާއްޖެ އަށް ގެނެވުނު އިސްލާހީ ބަދަލުތަކާ އެކުގައި ޒުވާނުންނަށް މި ރާއްޖެ ފޯރުކޮށްދޭނީތޯ އޮތް ގޮތް ނިންމާނެ ނިންމުން ކަމަށް ރައީސް ވިދާޅުވިި އެވެ.

"އަޅުގަނޑުގެ މިއަދުގެ އެދުމަކީ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން މާދަމާ ނިކުމެވަޑައިގެން އަޅުގަނޑުމެން ރާއްޖެ މި ގެނައި އިސްލާހީ ހެޔޮ ބަދަލާއި ހަމަޖެހުމާ އެކީގައި ކުރިއަށް ދިއުމަށް ވޯޓު ދެއްވުން،" ރައީސް ވިދާޅުވި އެވެ.

މާދަމާގެ އިންތިހާބުގައި ރައީސާ ވާދަކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު ވަނީ ރައީސަށް ވުރެ ކުރި ހޯއްދަވައިފަ އެވެ. ރައީސަށް 38 ޕަސެންޓު ފުރަތަމަ ބުރުގައި ލިބިވަޑައިގަތް އިރު، މުއިއްޒަށް 45 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ.