06 ފެބުރުއަރީ 2017 - 05:59

"ދަންގަލް" ކުޅެން އާމިރު ޚާން ފަލަވި ގޮތަށް، ސަންޖޭ ދަތުގެ ހަޔާތާ ގުޅޭ ފިލްމު ކުޅެން ރަންބީރު ކަޕޫރު ފަލަވާން ފަށައިފި އެވެ.
ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ސަންޖޭ ދަތުގެ ކެރެކްޓާއަށް ފިޓްވުމަށް މިހާރު ވެސް ރަންބީރު ވަނީ އޭނާގެ ކުރީގެ ބަރުދަނަށް ވުރެ 13 ކިލޯ ބަރުވެފަ އެވެ. ނަމަވެސް ރަންބީރު ފަލަވަނީ އާމިރު ފަލަވި ގޮތަކަށް ނޫނެވެ. އޭނާގެ ގައިގެ މަސްތައް ވަރުގަދަކުރަނީ ފެޓް އިތުރު ނުކޮށެވެ. ސަންޖޭ ދަތުގެ ހުންނަ ކަހަލަ ބިޔަ ހަށިގަނޑެއް އޭނާގެ ވެސް މި ފިލްމުގައި ހުންނަން ޖެހެ އެވެ.
މި ފިލްމުގައި ސަންޖޭގެ ހަޔާތުގެ ތިން ދުވަސްވަރެއް ރަންބީރު ދައްކުވައިދޭނެ އެވެ. އެ ތިން ދުވަސްވަރު އޭނާގެ ހަށިގަނޑު ވެސް ހުންނާނީ ތަފާތު ތިން ގޮތަކަށެވެ. އެންމެ ފުރަތަމަ، ވަރުގަދަޔަށް މަސްޖަހާފައި ހުންނަ ވަރުގަދަ ހަށިގަނޑެއް ހުއްޓަ އެވެ. އެއަށްފަހު މުޅިން ހިކިފައި ހުއްޓަ އެވެ. ތިން ވަނަ ބައިގައި ދައްކާނީ ސަންޖޭ ދަތު ރިހެބުގައި ހޭދަކުރި ދުވަސްވަރު ހަށިގަނޑުގެ ސިފައަށް އައިސްފައި ހުރި ބަދަލެވެ.
މި ފިލްމުގައި 1990ގެ އަހަރުތަކުން ފެށިގެން ސަންޖޭ ދަތުގެ ހަށިގަނޑަށް އައި ބަދަލުތައް ދައްކުވައިދޭން ރަންބީރަށް ޖެހޭނެ އެވެ.
ރަންބީރުގެ ފިޓްނަސް ޓްރެއިނާ ކުނާލް ގީރް ބުނި ގޮތުގައި ރަންބީރުގެ ހަށިގަނޑުގެ ބަރުދަނަށް 13 ކިލޯ އިތުރު ވިޔަސް އޭނާ ފަލަވަނީ ސަރުބީ ވިރުވަމުން މަސްތައް އިތުރުކުރަމުންނެވެ. އަދި އުނަގަނޑުން ވެސް އެއް އިންޗި އިތުރަށް ހިމަވެ ގައިގައި ހުރި ފެޓްތައް ވިރޭ ވަރަކަށް މަސްތައް އިތުރުވަމުންދާ ކަމަށް ބުންޏެވެ.
"ރަންބީރަށް ކޮންމެ ދުވަހަކުވެސް ދޮޅުގަޑިއިރު ވަރަށް ވަރުގަދައަށް ކަސްރަތުކުރަން ޖެހޭ. ސަންޖޭ ދަތުގެ ހަށިގަނޑު ކުރިން ހުރި ގޮތަށް ގައިގައި ތަންތަނަށް މަސް އެރުވުމަކީ ރަންބީރު ކަހަލަ ހިމަތޮޅިކޮށް ހުރި މީހަކަށް ވަރަށް އުނދަގޫވާނެ ކަމެއް. ނަމަވެސް ރަންބީރު ހުރީ އެކަންކުރަން އަޒުމު ކަނޑައަޅައިގެން. ދަންވަރު 3.00 ޖަހާއިރު ރަންބީރަށް ހޭލަންޖެހޭ. އެގަޑީގައި ޕްރޮޓީން ޝޭކް ބޮއެގެން އަނެއްކާ ނިދަނީ،" ފިޓްނަސް ޓްރެއިނާ ބުންޏެވެ.
ރަންބީރުގެ ކެއުން ބަހައްޓާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ރަންބީރު މިހާރު ވަރަށް ގިނައިން ތަރުކާރީ ކާ ކަމަށެވެ. މީގެ ކުރިން އޭނާގެ ކެއުމުގައި އެއްގަމު މަސް ބޭނުންކުރި ނަމަވެސް މިހާރު މަސް ކެއުން ވަރަށް މަދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.