29 ސެޕްޓެމްބަރ 2023 - 11:25

ކައިވެނި ނުކޮށް ތިބޭ ޒުވާނުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހަައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބޭ 18 އަހަރާ 23 އަހަރުގެ ގިނަ ޒުވާނުންތަކަކާ އެކު ރޭ ޗަމްޕާ ސެންޓްރަލްގައި ބޭއްވި އިވެންޓެއްގައި މުއިއްޒު ވިދާޅުވީ، ގިނަ ބަޔަކާއެކު މާލޭގެ ކުދި ޖާގަތަކުގައި ޒުވާނުން ދިރިއުޅެމުންދާ ހާލު އެނގޭ ކަމަށާއި އެފަދަ ގިނަ ތަންތަނަށް ދެވިފައިވާ ކަމަށެވެ.
ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕޮއިންޓު ދިނުމުގައި މީހަކާ އިނދެގެން އުޅޭތޯ އާއި ދަރިން ތިބި އަދަދަށް ބަލާ ކަމަށެވެ. އެހެންނަމަވެސް، މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ އެކަން ބަދަލުކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ހުށަހަޅަނީ ހަމަ ފުރަތަމަ 18 ވާ ހިސާބުން ވެސް މީހަކާ ނީނދެ ހުއްޓަސް ފުރަތަމަ ދުވަހުން ފެށިގެން އަމިއްލަ ހައުސިންއެއް އޮތުން،" މާލޭ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
އޭގެ ތަފްސީލް ދެއްވަމުން މުއިއްޒު ވިދާޅުވީ އެ ވެގެން ދާނީ އިތުރު ކުއްޖަކާ ބައިވެރިވެގެން ވިޔަސް ހޯދޭނެ ސްޓޫޑިއޯ ފްލެޓު ނުވަތަ ސްޓޫޑިއޯ އެޕާޓްމެންޓަކަށް ކަަމަށެވެ. އަދި، 18 އަހަރު ވާ ގިނަ ޒުވާނުންނަކީ މާ ބޮޑު މުސާރައެއް ލިބޭނެ ބަޔަކަށް ނުވާތީ އެތަންތަން ދޭނީ ހިލޭއޭ ބުނެވޭހާ ކުޑަ އަގެއްގައި ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން އެފޯޑަބަލް ހައުސިންއެއް ޒުވާން ކުދިންނަށް ފޯރުކޮށްދީގެން ލައިފެއް ބިލްޑް ކުރަން ފުރުސަތު ދޭން. އަމިއްލަ ހައުސިން ލިބިގެން ޕްލަސް އަމިއްލައަށް ފުދުންތެރިކަމެއް ލިބޭ ކަހަލަ ގޮތަކަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ޒުވާނުން ކުރިއެރުވުމަށް ގެންގުޅޭ މައިގަނޑު ދެ ސިޔާސަތަކީ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ފުދުންތެރި ބަޔަކަށް ޒުވާނުން ހެދުމެވެ. އެ ދެ ކަންކަން ޒުވާނުންނަށް ފުރިހަމަވުމުން އެ މީހުން ކުރިއަރައިގެން ދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ގޯތިގެދޮރު ފޯރުކޮށްދިނުމަކީ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.