ރަންބީރުގެ "އެނިމަލް"ގެ ޓީޒާ ނެރެފި
ރަންބީރުގެ "އެނިމަލް"ގެ ޓީޒާ ނެރެފި

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު "އެނިމަލް"ގެ ޓީޒާ ޓްރެއިލާ ނެރެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ދެ މިނެޓާއި 26 ސިކުންތުގެ އެ ޓީޒާއަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. އެއް ދުވަސް ނުވަނީސް ޔޫޓިއުބްގައި 16 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

"އެނިމަލް" އަކީ ދަރިއެއްގެ ހިތުގައި ބައްޕައަށް އޮތް ލޯބި އަދި ބަދަލުގައި ދަރިފުޅަށް ބައްޕަގެ ފަރާތުން ބޭނުންވާ ލޯބި އެންމެ ރަނގަޅަށް ނުލިބުމުން ހިނގާ ބޮޑެތި ކަންތައްގަނޑެއް ދައްކާނެ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި އެކްޝަންގެ ވަރުގަދަ މަންޒަރުތަކެއް ހިމެނޭނެ ކަން ޓީޒާއިން ވެސް ވަނީ އެނގިފަ އެވެ.

މި ފިލްމަކީ "ކަބީރު ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕު ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ.

"އެނިމަލް"ގެ ލީޑް ރޯލުތަކުން ފެންނާނީ ރަންބީރު ކަޕޫރު، އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ތުރިޕްތީ ދިމްރީ އަދި ރަޝްމީކާ މަންދަނާ އެވެ.

ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ ޑިސެމްބަރު މަހު އެކެއްގަ އެވެ.