ފެނުނީ އުފާވެރި މަންޒަރުތަކެއް، މި ފަހަރު ފަރަގު މާ ބޮޑުވާނެ: މުއިއްޒު
ފެނުނީ އުފާވެރި މަންޒަރުތަކެއް، މި ފަހަރު ފަރަގު މާ ބޮޑުވާނެ: މުއިއްޒު

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ވުރެ މާ ރަނގަޅު ނަތީޖާއެއް މާދަމާ ބާއްވާ ދެ ވަނަ ބުރުގެ ވޯޓު ލުމުގައި އޭނާ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފެނުނީ އުފާވެރި މަންޒަރުތަކެއް، މި ފަހަރު ފަރަގު މާ ބޮޑުވާނެ: މުއިއްޒު
ފެނުނީ އުފާވެރި މަންޒަރުތަކެއް، މި ފަހަރު ފަރަގު މާ ބޮޑުވާނެ: މުއިއްޒު

ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ އެ ބުރުގައި ވެސް 15،474 ވޯޓުގެ ފަރަގެވެ.

ފެނުނީ އުފާވެރި މަންޒަރުތަކެއް، މި ފަހަރު ފަރަގު މާ ބޮޑުވާނެ: މުއިއްޒު
ފެނުނީ އުފާވެރި މަންޒަރުތަކެއް، މި ފަހަރު ފަރަގު މާ ބޮޑުވާނެ: މުއިއްޒު

ދެ ވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން "މިހާރު" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ފުރަތަމަ ބުރުގެ ކެމްޕެއިނަށް ވަޑައިނުގެންނެވުނު 50 ވަރަކަށް ރަށަށް ފަހުން ވަޑައިގެންފައިވާ ކަމަށާއި ފެނިވަޑައިގަތީ ސަރުކާރުގެ ތާއީދު ކުޑަވާ މަންޒަރު ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ ސަރުކާރަށް ކުރާ ތާއީދު ކުޑަ ތަން. އަޅުގަނޑަށް ކުރާ ތާއީދު މާބޮޑު. ވަރަށް ބޮޑަށް ސަރުކާރު ބަދަލުކުރަން ބޭނުންވެފައި ތިބީ. ބަދަލެއް ބޭނުންވޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި 15،000 ވޯޓާ އެކު، ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސް ޕާޓީގެ ގޮފިތަކުގެ ތާއީދު ވެސް އޭނާ އަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށާއި އެ މެންބަރުން ބޭނުންވަނީ މި ސަރުކާރު ނޫން ގޮތެއް ކަމަށެވެ. އެހެންވެ، އާ އިތުރު ވޯޓުތަކެއް ދެވަނަ ބުރުގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓުތަކެއް ވެސް ލިބޭނެކަން ފާހަގަކުރެއްވި އެވެ. އަދި އެމްއެންޕީ އާއި އެމްޑީއޭގެ ވޯޓުތައް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑަށް ނުލިބޭ ގިނަ ވޯޓުތަކެއް މި ފަހަރު ލިބޭނެ ކަމަށް ގަބޫލު ކުރެވޭ. ކުދި ރަށްތަކުން ވެސް އެ މަންޒަރު ފެނޭ. މާލޭގެ ނަތީޖާ އަދި މާ ރަނގަޅުވާނެ. އައްޑޫގެ މެޖޯރިޓީ ވެސް ދެއްވާނެ ކަމަށް ގަބޫލު ކުރެވެނީ. އެއީ ޑިމޮކްރެޓްސްގެ ވަރަށް ބޮޑު ތާއީދެއް އަޅުގަނޑަށް [އައްޑޫ އިން] އެބަ ކުރޭ. މި ދަތުރުގައި އެކަން ފާޅުގައި އެ ބޭފުޅުން ދެއްކެވި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދެ ވަނަ ބުރުގެ ކެމްއިނަށް ބަލާއިރު މި ފަހަރު ކޮންމެ ރަށަކުން ވެސް ގިނައިން ވޯޓު ލިބޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ބުރުގައި އޭނާ އަށް އަޣުލަބިއްޔަތު ނުލިބު ރަށްތަކުގެ މީހުންގެ ވިސްނުން ބަދަލުވެ، ޕީޕީއެމް/ޕީއެންސީ އަށް ގިނަ ބަޔަކު އެނބުރޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރު ބަދަލުކުރަން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ މުއިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ކަންކަން މި ސަރުކާރުން ފުރިހަމަކޮށްދެމުން ނުދިޔުމެވެ. ނުކޮށްދީ ހުރި އެތައް ކަމެއް އިންތިހާބާ ދިމާކޮށް ފަށަމުންދާ ކަމަށާއި ނަމަވެސް، އެއީ ރައްޔިތުން އިތުބާރު ކުރާނެ ކަމެއް ނޫން ކަމަށް ބުނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭ ތަރައްގީގެ ކަންކަން މާރަނގަޅަށް އޭނާ އަށް ކުރިއަށް ގެންދެވޭނެ ކަމަށް ހުރިހާ ޕާޓީއެއްގެ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ. އެއީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮށްދީފައިވާ ކަންކަމަށް ބަލައިގެން، ރައްޔިތުންގެ އޮތް ތާއިދެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑާ ހަވާލުކޮށްފިއްޔާ އެ ކަމެއް ކުރާނެ، އެ ޔަގީންކަން ރައްޔިތުންނަށް އެބަ ގަބޫލުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެ ބިރުގައި ބައެއް މީހުންނަށް ސަލާން ކުރަން ސަފަށް އަރާލަން ވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް، ދެ ވަނަ ބުރުގެ ކެމްޕެއިންގައި ފާހަގަވީ އެފަދަ ގިނަ ބަޔަކު އެ ބިރު ދޫކޮށްލައި ފާޅުގައި އޭނާ އަށް ތާއިދު ކުރަމުންދާ ތަން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ފުރަތަމަ ބުރުގައި ކޮންމެވެސް ވަރަކަށް ސިޔާސަތުތައް ވިއްކަން މަސައްކަތްކުރި. އެކަމަކު ދެ ވަނަ ބުރަށް އެޅީމާ ކުރިން ނުވާ ވަރަށް ބޮޑެތި ވައުދުތައް އެބަވޭ. އެ އަށް ވުރެ މާގިނަ ވަގުތު އެބަ ހޭދަކުރޭ އެންޓި ކެމްޕެއިން ކުރަން އަޅުގަނޑާ ދެކޮޅަށް. ރައްޔިތުންނަށް ވެސް އެބަ ފާހަގަކުރެވޭ އެކަމުގައި މާގިނަ ވަގުތު އެ ބޭފުޅުން އެބަ ހޭދަކުރާކަން. ދެ ވަނަ ބުރުގައި އަޅުގަނޑު އެކަނި ކަން ނޭނގޭ ކެމްޕެއިނެއް މި ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް މުހިންމީ އަޅުގަނޑު ގައުމު ހިންގަން ބޭނުންވާ ގޮތް ރައްޔިތުންނަށް ކިޔައިދިނުން."

މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ހުރިހާ ކަންތައްތަކެއް ވެސް ކޮށްދޭނެ ކަމަށް ހުރިހާ ޕާޓީތަކުން ކަހަލަ ގޮތަކަށް ދެކޭ ކަމަށެވެ.

"އަޅުގަނޑާ ސަލާން ކުރަން ސަފުތަކުގައި ތިއްބަވާ ބޭފުޅުން ވެސް އަދި ޖަލްސާތަކުން ދިމާވެގެން ވެސް ސަލާން ކޮށްފައި ވިދާޅުވޭ ތިމަންނަމެން ތިބީ މި ގޮތަށޭ. ތިމަންނައަކީ އެމްޑީޕީ މީހެއް. އެކަމަކު ތާއީދު ކުރަނީ އަޅުގަނޑަށޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ އަށް ރައްޔިތުން ވޯޓު ދޭންވީ ސަބަބަކީ ބަހާއި އަމަލު ދިމާވެ ތެދުވެރިވެ، ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭނެތީ ކަމަށެވެ. އިހްލާސްތެރިކަމާއި އަދުލުވެރިކަމާ އެކު ވެރިކަން ކުރާނެ ކަމަށާއި އެފަދަ ވެރިކަމެއްގައި ރައްޔިތުންނަށް ލިބޭނީ ހަމަޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއް ވާނީ އިންސާފާއި އަދުލުވެރިކަން ގާއިމްކޮށްދީ، އަނިޔާވެރިކަން ނިންމާނެ ސަރުކާރަކަށެވެ. އަދި ރައްޔިތުންނަށް އުފާވެރިކަން އިންތިހާ އަށް ގެނެސްދޭނެ ސަރުކާރަކަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށްޓަކައި ގައުމުގެ މިނިވަންކަން ޔަގީންކޮށްދީ ގައުމުގެ އިގުތިސޯދު ނަގާ ކޮޅަށް ޖަހައިދީ، ރައްޔިތުންނަކީ ގެދޮރު ކަށަވަރުވެފައިވާ ފުދުންތެރި ބަޔަކަށް ހަދައިދީ، އަމާން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ބަޔަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރެއް ސާފުވާނެ، ޖަވާބުދާރީވާނެ."