06 ފެބުރުއަރީ 2017 - 06:02

އިންޑިއާގެ އިންޖާމްބަކަމް ސަރަހައްދުގައި ދިރިއުޅޭ ސެލްވީ، 42، އަކީ ގޭގެއަށް މަސައްކަތް ކޮށްދޭން ދާ މީހެކެވެ. އޭނާ ނިދާފައި އޮއްވައި ދަންވަރު ހޭލެވުނީ ނޭފަތް ތެރެއިން އެއްޗެއް ހިރުވާ ކަހަލަ ގޮތެއް ވެގެންނެވެ. އޭރު ބޮލުން ވެސް ދިލަ ނަގަ އެވެ. އެންމެ ފުރަތަމަ އޭނާ ހީކުރީ ރޯގާ ޖެހެން އުޅޭތީ ވާ ގޮތެއް ކަމަށެވެ. ނަމަވެސް ނޭފަތު ތެރޭން އެއްޗެއް ހިރޭހެން ހީވާވަރުން އެންމެ ފަހުން ހޮސްޕިޓަލަށް ދިޔައީ އެވެ.
ގާތްގަނޑަކަށް 12 ގަޑިއިރުވަންދެން ސެލްވީގެ ނޭފަތް ތެރޭގައި ދިރޭ ކުރަތްޕެއް ގެއަޅައިގެން އިނެވެ. އޭނާއަށް ނޭފަތް ތެރޭގައި އިނީ ކުރަތްޕެއްކަން ނޭނގުނު ނަމަވެސް ނޭފަތުގެ ތެރޭގައ އެއްޗެއް އުޅޭތީ އުނދަގޫވެ ބޮލުން ދިލަނަގާތީ އޭނާ ހަތަރު ހޮސްޕިޓަލަށް ދިޔަ އެވެ. އަދި ވަރަށް ގިނަ ޑޮކްޓަރުން އޭނާގެ ނޭފަތުގައި އޮތް އެއްޗެއް ނެގޭތޯ މަސައްކަތް ކުރި އެވެ. އެންމެ ފަހުން ލައްކަ މަސައްކަތުން އެ ނެގިއިރު ކަމަކުދާކަށް ނެތެވެ. ދިރޭ ކުރަތްޕެކެވެ.
ސެލްވީ ފުރަތަމަ ދިޔަ ހޮސްޕިޓަލުން ދެއްކި ޑޮކްޓަރަށް ހީވީ ނޭފަތު ތެރޭގައި އެއްޗެއް އުފެދެނީ ކަމަށެވެ. ދެވަނަ އަށް ދިޔަ ހޮސްޕިޓަލުގެ ޑޮކްޓަރުން ފެން ދުއްވައިގެން ޕަމްޕްކޮށްގެން ނޭފަތުގައި އޮތް އެތި ނަގަން މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހުންނަކަށް ވެސް އެކަމެއް ކާމިޔާބެއް ނުވި އެވެ. ތިން ވަނައަށް ދިޔަ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ހީވީ ނޭފަތަށް އެތިކޮޅެއް ވަދެގެން އުޅޭހެންނެވެ. އެހެންވެ ސްކޭންކުރަން ލަފާ ދިނެވެ.
ނަމަވެސް އިރު އެރިއިރު ސެލްވީ އަށް ނޭވާ ނުލެވިގެން ތެޅި ފޮޅެނީ އެވެ. އެހެންވެ ސްޓެންލީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ދައްކަން ޑޮކްޓަރުން އޭނާއަށް ލަފާ ދިނެވެ. އެ ހޮސްޕިޓަލަށް ދިއުމުން އީއެންޓީ ޑިޕާޓްމަންޓްގެ ޑޮކްޓަރުން ނޭފަތަށް ކެމެރާ ލައްވައިގެން ބެލިއިރު ދެ ނަރުވަ ވެސް ދިއްކޮށްގެން އިން ބޮޑު ކުރަތްޕެއް ފެނުނެވެ.
"އެއީ ހަމަ ބޮޑުވެފަ އިން ކުރަތްޕެއް. އޭތި އިނީ ދެ ލޮލުގެ ދޭތެރޭގައިވާ ނޭފަތުގެ ކެވިޓީ ތެރޭގައި، ސިކުނޑިއާ ވަރަށް ކައިރީގައި،" އީއެންޓީ ޑިޕާޓްމަންޓްގެ ހެޑް ޑރ. އެމް އެން ޝަންކަރް ވިދާޅުވި އެވެ.
ޑރ. ޝަންކަރް ވިދާޅުވީ އެ ކުރަފި ދިރޭ ކަމަށާއި އަދި އެއްގޮތަކަށް ވެސް ނޭފަތުން ނުކުންނަން ބޭނުން ނުވެފައި އިން ކަމަށެވެ.
ސަކްޝަން އެޕަރޭޓަސް އަކުން އޭތި ދަމައިގަންނަން މަސައްކަތްކުރުމުން ވެސް ނޭފަތުގެ އެތެރޭގައި އިން ޓިޝޫތަކުގައި ރަނގަޅަށް ހިފަހައްޓާލައިގެން ނުނިކުންނަން ގަދަހަދާފައި އިންކަމަށާއި އެންމެ ފަހުން ފޯސެޕްސް ކޮއްޕައިގެންއޭތި ނެރެން ޖެހުނީ ގަދަކަމުން ކަމަށް މި ރެސްކިއު ޓީމުގައި ހިމެނޭ ޑރ. މުތުޗިތުރަ ވިދާޅުވި އެވެ. ކުރަފި ނެރެވުނީ ގާތްގަނޑަކަށް 45 ވަރަކަށް މިނެޓުގެ މަސައްކަތުންނެވެ.
ޑޮކްޓަރު ވިދާޅުވީ އީއެންޓީ ޑިޕާޓްމަންޓުން މީގެ ކުރިން މީހުންގެ ނޭފަތުން މިނާފުއް، ހެދުމުގައި ލާ ގޮށް، ކުދިކުދި ދިރޭ އެއްޗެތި އަދި ޗޯކުކޮޅު ފަދަ ތަކެތި ނަގާފައިވާނެ ކަމަށެވެ. ނަމަވެސް ކުރަތްޕެއް ނެގި މިއީ ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ. ޚާއްސަކޮށް މިހާ ބޮޑު ކުރަތްޕެއް ނުނަގާ ކަމަށް ބުންޏެވެ.