އީއޭ ސްޕޯޓްސް އެފްސީ 24، މިއީ އަދި ފެށުމެއް
އީއޭ ސްޕޯޓްސް އެފްސީ 24، މިއީ އަދި ފެށުމެއް

ކެލިފޯނިއާ (އޮކްޓޫބަރު 1) - މަޝްހޫރު ވީޑިއޯ ގޭމް ޕަބްލިޝާ، އިލެކްޓްރޯނިކް އާޓްސް (އީއޭ) ސްޕޯޓްސް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ 30 އަހަރުވީ ގުޅުން ނިމުނު ފަހުން އެ ޕަބްލިޝާސްގެ އާ ފުޓްބޯޅަ ގޭމް، "އީއޭ ސްޕޯޓްސް އެފްސީ 24" ނުވަތަ "އެފްސީ 24" ރަސްމީކޮށް ލޯންޗް ކޮށްފި އެވެ.

ފުޓްބޯޅަ ގޭމިން ފްރެންޗައިޒްގެ އެންމެ ކާމިޔާބު އެއް ގޭމް "ފީފާ" ހުއްޓާލުމަށް ފަހު ނެރުނު "އެފްސީ" މިދިޔަ ހުކުރު ދުވަހު އާއްމުކޮށް ގަންނަން ހުޅުވާލާފައި ވާއިރު، ގިނަ ގޮތްގޮތުން ފީފާ ގޭމާ އެއްގޮތެވެ. އާ ގޭމުގައި ބޮޑު ތަފާތެއް ގެނެސްފައި ވަނީ އަލްޓިމޭޓް ޓީމް މޯޑުގަ އެވެ.

ގޭމުގެ އަސްލު ތަޖުރިބާ އެންމެ ފުރިހަމައަށް ކުޅުންތެރިންނަން ލިބެނީ ޕްލޭސްޓޭޝަނާއި ކޮމްޕިއުޓަރުން ނުވަތަ އެކްސްބޮކްސް އާއި ނިންޓެންޑޯ ސްވިޗުންނެވެ. އެކަމަކު ޕަބްލިޝާސް އިން ބުނާ ގޮތުގައި ކުރިން ފާހަގަކުރެވުނު ޕްލެޓްފޯމްތަކުން ގޭމު ކުޅެނީ ފުޓްބޯޅަ ސަޕޯޓަރުންގެ މަދު ޕަސެންޓެއް ކަމަށެވެ. އަދި އެކަން ބަދަލު ކޮށްލުމުގެ ގޮތުން އެ ފްރެންޗައިޒް އިން އެންމެ ފުރަތަމަ ބޮޑު އަމާޒެއް ހިފަނީ "އެފްސީ މޯބައިލް"؛ ފޯނު ވާޝަންގެ ޒަރީއާއިން، ފުޓްބޯޅަ ސަޕޯޓަރުންގެ ގިނަ ބަޔަކަށް މި ގޭމް އެންމެ ފުރިހަމައަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އެ ޕަބްލިޝާސް އިން ވަނީ ބުނެފަ އެވެ.

"ކޮންސޯލްތަކުން ގޭމު ކުޅެނީ ހަގީގަތުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ތެރެއިން މަދު ބަޔަކު. ހަތަރު ވަރަކަށް ބިލިއަން ސަޕޯޓަރުން ތިބިއިރު، އެންމެންނަކަށް އަހަރެމެންގެ ޕްރިމިއަމް ޕްރޮޑަކްޓް އެފްސީ 24 ތަޖުރިބާ ކޮށްލުމުގެ ނަސީބެއް ނުލިބޭ،" އެފްސީ މޯބައިލްގެ ނައިބު ރައީސް ލޯރެންސް ކޯ ވިދާޅުވި އެވެ.

މޯބައިލް ވާޝަން އިތުރަށް ތަރައްގީކުރުމާ އެކު، މިހާރު ބާރު ސްޕީޑުގައި ދުނިޔޭގައި ކުރިއަރަމުން އަންނަ އަންހެނުންގެ ފުޓްބޯޅަ މި ގޭމުގައި ހިމެނޭ މިންވަރު ފުޅާކުރުމަކީ ވެސް އެ އީއޭ ފްރެންޗައިޒްގެ އަމާޒެކެވެ.

"އަހަރެމެން ވަރަށް ބޮޑު އިސްކަމެއް ދެން ހަގީގީ ފުޓްބޯޅައިގެ ދުނިޔޭގައި ހިނގާ ކަންކަމަށް. އަންހެނުންގެ ފުޓްބޯޅަ ބޮޑުތަނުން ކުރިއަރާތަން އެބަ ފެނޭ. އެހެންވެ އަހަރެމެންގެ މި ޕްރޮޑަކްޓުގައި އަންހެނުންގެ ފުޓްބޯޅަ މިހާރަށް ވުރެ ބޮޑަށް ހިމަނަން އަހަރެމެން އެބަ އިންވެސްޓް ކުރަން. އެއީ ކުޅުންތެރިންނަށް ވެސް ބޮޑު ހިތްހަމަޖެހުމެއް ގެނުވައިދޭނެ ކަމެއް،" އެފްސީ ފްރެންޗައިޒްގެ މެނޭޖިން ޑިރެކްޓަރު ނިކް ވްލޮޑީކާ ވިދާޅުވެފައި ވެއެވެ.

އަމާޒަށް ވާސިލް ވާން އެފްސީ އަށް އޮތީ ގޮންޖެހުން ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ގޭމުގެ ނަން؛ "އެފްސީ" ކަމަށް ވުން ވެސް އެކަށީގެން ވެއެވެ. ފާއިތުވި 30 ވަރަކަށް އަހަރު ވަންދެން ފުޓްބޯޅަ ވީޑިއޯ ގޭމް ކުޅުމަށް ކިޔާ އެންމެ އާއްމު އަތްމަތީ ބަހަކަށް ވެފައި އޮތީ "ފީފާ" ކުޅުމެވެ.

"އަހަރެމެން މި ކުރަނީ މޮޔަ ކަމެއް ނޫން. އަހަރެމެންނަށް އެނގޭ ވަގުތުކޮޅެއް ނަގާނެކަން. އަހަރެމެންގެ ފްރެންޗައިޒް އަށް 30 އަހަރު ވަންދެން ލޯބި ޖެހުނު މީހުން އެބަ އުޅޭ،" ވްލޮޑީކާ ވިދާޅުވި އެވެ.