ސްޓޭންޑަޑަށް ފިޓްވާ ގޮތަށް ސީމަނުންނަށް ޑޮކިއުމެންޓް ދޫކުރަން ފަށައިފި
ސްޓޭންޑަޑަށް ފިޓްވާ ގޮތަށް ސީމަނުންނަށް ޑޮކިއުމެންޓް ދޫކުރަން ފަށައިފި

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމަންޓް، ސީފެއަރާ އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) ދޫކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ، އައިޑެންޓިޓީ ޑޮކިއުމެންޓް މިހާރު ހުށަހަޅާފައިވާ ފަރާތްތަކަށް ވެލާނާގެ އެއް ވަނަ ފްލޯއިން މިއަދު 6:00 އާ ހަމައަށް ޑޮކިއުމެންޓް ލިބޭނެ ކަމަށެވެ. އިމިގްރޭޝަނުން ބުނީ، އޮފީސް ހުޅުވާ ހުރިހާ ވަގުތެއްގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް 8:30 އިން 5:00 އިން އައިޑީ ކާޑު ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ ޑޮކިއުމެންޓް ދޫނުކުރާތީ، ބައެއް ގައުމުތަކަށް ރާއްޖޭގެ ސީމަނުންނަށް މިދިޔަ މެއި މަހުން ފެށިގެން ނުވަދެވޭތީ އެކަމާ ސީމަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު ރާއްޖޭގެ ސީމަނުންނަށް ބްރެޒިލް އާއި އެމެރިކާ ބައްރުގެ ގައުމުތަކަށް ނުވަދެވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ވަނީ ބޭރުގެ ގައުމުތަކުގެ ޕޯޓުތަކުން ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓެއް އުފެއްދުމުގެ މަސައްކަތް އިމިގްރޭޝަނާ އެކު ކުރަމުން އަންނަ ކަމަށެވެ.