އެކަށީގެންވާ އަވަސް މިނެއްގައި އަދުލު އިންސާފު ކަށަވަރު ކޮށްދިނުމަކީ އަމާޒެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސްޓްރެންތެނިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން - ސްޓްރީމްލައިނިން ފޯ ހައި ޕާފޯމަންސް"ގެ ނަމުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބޭއްވި ކޮންފަރެންސް އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމުގެ ނިޒާމު (ޕީއެމްއެސް) މެދުވެރިކޮށް، ކޯޓުތަކުގެ ޚިދުމަތުގެ ފެންވަރު މަތި ކުރުމަކީ ޝަރުއީ ދާއިރާގެ އަމާޒެއް ކަމަށެވެ.

މިއީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ނިޒާމެއް ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ނިޒާމުގެ އަމާޒަކީ އަވަސްކަމާ އެކު ކުޑަ ޚަރަދެއްގައި އިންސާފު ގާއިމްކޮށްދެވޭ ކަން ކަށަވަރު ކުރުމެވެ. އަދި ފަނޑިޔާރުންނާއި މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރުމަކީ ވެސް އެ ނިޒާމުގެ މަގްސަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މިންގަނޑުކަން ފާހަގަކުރަން. އަދި މީގެ ސަބަބުން ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭންގައި ހިމެނޭ އެހެނިހެން މިންގަނޑުތައް އިތުރަށް ހަރުދަނާވެ، ތަރައްގީވުމަށް މަގުފަހިވެގެން ދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި އެވެ.

އެ ނިޒާމުގެ ސަބަބުން، ފަސޭހަކަމާ އެކު އިންސާފަށް ވާސިލްވުމަށް ހުރި މިންގަނޑުތަކާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަމާއި ނަޒާހަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ މިންގަނޑުތަކާއި ޖިނާއީ އަދުލުގެ ނިޒާމާއި މަދަނީ އަދުލުގެ ނިޒާމަށް އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރަން ފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ކޯޓުތަކުގެ ބަޖެޓް އަދި ހިއުމަން ރިސޯސް މުވައްޒަފުން ބައިވެރިވެ އެވެ.