މެސީ ނެތި އިންޓަ މަޔާމީ އަށް ތައްޓެއް ނުލިބުނު
މެސީ ނެތި އިންޓަ މަޔާމީ އަށް ތައްޓެއް ނުލިބުނު

ފްލޮރިޑާ (ސެޕްޓެމްބަރު 28) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ޔޫއެސް އޯޕަން ކަޕް ފައިނަލުން އިންޓަ މަޔާމީ ބަލިވެއްޖެ އެވެ.

މެސީ ނެތި އިންޓަ މަޔާމީ އަށް ތައްޓެއް ނުލިބުނު
މެސީ ނެތި އިންޓަ މަޔާމީ އަށް ތައްޓެއް ނުލިބުނު

މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި އިންޓަ މަޔާމީ ބަލިވީ ހިއުސްޓަން ޑައިނަމޯއާ ވާދަކޮށް 2-1 އިންނެވެ. ހިއުސްޓަން ޑައިނަމޯގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ އިތުރު ވަގުތުގައި އިންޓަ މަޔާމީ އަށް ސުން ކަނޑުވައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ފޯވާޑް ޖޯސެފް މާޓިނޭޒް އެވެ.

މެސީގެ އިތުރުން ޖޯޑީ އަލްބާ އަށް ވެސް އަނިޔާގެ ސަބަބުން މި މެޗު ނުކުޅެވުނެވެ. ނަމަވެސް މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވަނީ އެޓީމުގެ މެދުތެރެ ލީޑް ކޮށްފަ އެވެ.

"އޭނާ [މެސީ] މި މެޗުގައި ކުޑަ ވަގުތުކޮޅަކަށް ވިޔަސް ކުޅުވުން ރަނގަޅެއް ނޫން. އަހަރެމެންނަށް އޭނާ ރިސްކެއް ނުކުރެވޭނެ،" ފައިނަލް މެޗަށް ފަހު އިންޓަ މަޔާމީގެ ކޯޗު ޖެރާޑޯ މާޓީނޯ ބުންޏެވެ.

"މިވަގުތު ދަނޑުމަތީގައި އޭނާގެ ބޭނުން ނުކުރެވުނަސް ސީޒަން ނިމުމުގެ ކުރިން ޔަގީނުން ވެސް އޭނާ ކުޅޭނެ. އޭނާ ކުޅުވުމާ މެދު ގޮތެއް ނިންމާނީ މެޑިކަލް ޓީމުގެ ލަފައާ އެކު."

މެޗާ ގުޅޭ ގޮތުން މާޓީނޯ ބުނީ، އޭނާގެ ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެން ދިޔަ ކަމަށެވެ. އަދި ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހުރެ ޓީމުގެ ކުޅުމަށް އޭގެ އަސަރު ކޮށްފައި ވާކަމަށް ވެސް އޭނާ ބުންޏެވެ.

މެސީ އަށް މި މެޗުގައި ނުކުޅެވުމަކީ މެޗު ބަލަން ދިޔަ ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. މެޗު ފެށުމުގެ ދެތިން ގަޑިއިރެއް ކުރިން ކަޅު ބާޒާރުގައި 4000 ޑޮލަރަށް ޓިކެޓް ވިކިފައި ވާކަމަށް މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.