28 ސެޕްޓެމްބަރ 2023 - 10:45

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހުސެއިން ޝިފާއު ބަންދުން ދޫކޮށްލުމާ އެކު ރާއްޖޭން ފުރައިގެން ގޮސް އުޅުމަށް ފަހު ރާއްޖެ އައުމާ އެކު ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު ހިންގި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުވާ މައްސަލާގައި އޭނާ ހައްޔަރުކުރީ މި އަހަރުގެ އޭޕްރީލް 28 ގަ އެވެ. އެކަމަކު މޭ މަހުގެ 27 ގައި ކޯޓުން އޭނާ ދޫކޮށްލީ އެވެ.
އޭނާ ދޫކޮށްލި އަމުރު އިސްތިއުނާފުކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ވާތީ ފުލުހުން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް އޮތީ ނެރެފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު" އަށް ވިދާޅުވީ ރެޑް ނޯޓިސް ނެރުމުން ޝިފާއު ރާއްޖެ އައީ ކަމަށާއި އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއް އޮތުމުން ޝިފާއު ރާއްޖެ އައުމުން ހައްޔަރުކުރި ނަމަވެސް ފަހުން ޝަރުތުތަކަކާ އެކު މިހާރު ހުރީ ދޫކޮށްލާފައި ކަމަށެވެ. ގިނަ އަދަދެއްގެ ދައުވާ އޮތް ޝިފާއު ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކަމަށް ޝަފީއު ވިދާޅުވި އެވެ.
ޝިފާއުގެ މައްޗަށް 23 ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ހަތް ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 ޑޮލަރު (1،909،682 ރުފިޔާ) ކަމަށެވެ. ދައުވާތަކާ އެކު ޕީޖީން ވަނީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފަ އެވެ.