28 ސެޕްޓެމްބަރ 2023 - 09:41

ރާއްޖޭގެ ވެރިކަން ކޮށްފައި ތިބި ބަޔަކު މިނިވަންކަމާ ގުޅުވައި ހަގީގަތެއް ނެތް އެހާ ބޮޑެތި ދޮގުތަކެއް ހަދަމުން ދިޔައަސް ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައި އޮތް އިސްލާހު އުވާލައި އެންމެ ވެލިފުކެއް ވެސް ދޫކޮށްނުލާ ގޮތަށް ހެދީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. އެ އިސްލާހު އުވާލީ މި ވެރިކަމުގަ އެވެ.

ދެކުނުގެ ތިން ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރައްޔިތުންގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާނެ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ކޮށްފައި ނޯންނާނެ ކަމަށެވެ.
އެކަމަކު ރާއްޖޭގެ މިނިވަންކަމާ ގުޅުވައި ދޮގު ހަދައި އިންޑިއާ ސިފައިން ތިބި ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކުން ރާއްޖޭގެ ކަނޑުވިއްކާލީ ކަމަށް އިދިކޮޅުން ވާހަކަ ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް އަންނަން ބޭނުންވެގެން ރާއްޖޭގެ މިނިވަންކަމާ ގުޅުވައި, ވެރިކަން ކޮށްފައި ތިބި ބަޔަކު މިވަރަށް ރައްޔިތުންނަށް އޮޅުވާލާނެއޭ ހީފުޅު ނުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވާ ގޮތަށް އިދިކޮޅުގެ "ފިތުނަ ދޮލަނގު"ގައި ހުރީ ހުސް ދޮގުކަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް އުޅުއްވާ އެންމެންނަށް މިހާރު އެނގޭނެ އެވެ. ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނަށް ރައީސް އިޝާރާތް ކުރެއްވި އިރު ދެވަނަ ބުރުގެ ތާއީދަށް ކުރި މަޝްވަރާތަކުގައި ރައީސް ވަނީ އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު އެ ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަކުރާރުކޮށް މިކަމުގައި ދޮގު ހަދައި އިދިކޮޅުން އޮޅުވާލަމުން ދިއުމުގެ ބޭނުމަކީ ވެސް އެއީ ތެދެއްކަން ވިސްނައިދިނުން ކަމަށާއި ބައެއް މީހުންނަށް އެކަން ގަބޫލުވެސް ކުރެވުނެވެ.
"އޭރު އެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ތިލަނުކުރީ ނުވަތަ ނުކުރެވުނީ, އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހިތަކަށް ނާރާ ގައުމުގައި ވެރިކަން ކޮށްފައި ތިބި ބަޔަކު އަދި ކުރަން އުއްމީދުކުރާ ބަޔަކު މިފަދަ ބުހުތާނު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީގައި ދައްކާނެއޭ. އޮޅުވާލާނެއެކޭ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަނޑުން ބައެއް ވިއްކާލި ކަމަށް ތުހުމަތުކުރާ, މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ވެސް މިހާރު އެ އޮތީ އާއްމުވެފައި ކަމަށާއި އޭގައި ގޯހެއް އޮތް ނަމަ ފެންނާނެ ކަމަށެވެ.
އެ ސިޓީގައި ހަމައެކަނި އޮތީ އދ.ގައި ނަގާ ވޯޓެއްގައި ރާއްޖެއިން އަމަލުކުރަ ނިންމާފައި އޮތް ގޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ.
އުތުރު ތިލަފަޅުގައި އަޅާ ބަނދަރާ ގުޅުވައި އެތަނުގައި ބޭރުގެ ސިފައިން ތިބޭނެ ކަމަށާއި އިންޑިއާގެ މަނަވަރުތައް އޮންނާނެ ވާހަކަ ވެސް ދައްކަމުން ދިޔަކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު ހަމަގައިމު ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުންނަށް އެ އެގްރިމެންޓުގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާނެ. ޖުމްހޫރީ ޕާޓީގެ އިސް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން އޭގައި ހުރި މައުލޫމާތު ވާނީ ހިއްސާކޮށްފައި." ރައީސް ވިދާޅުވި އެވެ.
"އެއިން އެއްވެސް ބޭފުޅަކަށް މިހާރު އޮޅިވަޑައެއް ނުގަންނަވާނެ. އޭގައި އެފަދަ އެއްވެސް ވާހަކައެއް ނެތް ކަން."
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ކަންކަން ކުރެއްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެންނެވެ. އިދިކޮޅުން އޮޅުވާލަމުންދާއިރު ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް އޮތް ގޮތުން ބަދަލުކުރީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދަކު މި ރާއްޖޭގެ އެންމެ ވެލިފުކެއް ވެސް, އެންމެ އިންޗިއެއް ވެސް އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް މިލްކު ނުކުރެވޭނެ. ގާނޫނުއަސާސީން ވަނީ އެކަން ބަދަލުކޮށްފައި," ރައީސް ވިދާޅުވި އެވެ.