28 ސެޕްޓެމްބަރ 2023 - 08:50

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީގެ "އެތައް ބަޔަކު" ޕީޕީއެމާ ގުޅިފައިވާ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ބުރުގެ ކެމްޕެއިން ދަތުރުތަކުގެ ފަހު މަންޒިލް އައްޑޫ ހުޅުދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އެމްޑީޕީން ބަދަލުވެ، ޕީޕީއެމާ ގުޅިފައިވާ މީހުންގެ ތެރޭގައި އެމްޑީޕީ އަށް އެތައް ދުވަހެއް ވަންދެން ހިދުމަތް ކޮށްދިން ބައެއް ހިމެނޭ ކަމަށެވެ.

މީދޫން ވެސް އެމްޑީޕީގެ 100 އެއްހާ މީހުން ރޭ ޕީޕީއެމާ ގުޅުނެވެ.
މުއިއްޒު ވިދާޅުވީ، ލ. އަތޮޅާއި ގދ. ތިނަދު އާއި ގއ. ވިލިނގިލި އަދި މާލެ އާއި އެހެން ބައެއް ރަށްރަށުން ވެސް އެމްޑީޕީން ޕީޕީއެމަށް ގިނަ ބަޔަކު ގުޅިފައިވާ ކަމަށެވެ.
"އެ ކަމަށްޓަކައި އަޅުގަނޑު ހުރިހާ ބޭފުޅުންނަށް އަނެއްކާވެސް ޝުކުރު ދަންނަވާލަން،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމަށް ސޮއި ނުކުރި ނަމަވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ޑިމޮކްރެޓްސް ޕާޓީގެ ބައެއް މެމްބަރުން ގެންދަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ. އިއްޔެ އައްޑު އަށް މުއިއްޒު ކުރެއްވި ދަތުރުގައި ވެސް ހިތަދޫ މެދުދާއިރާގެ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު ވެސް މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރި ތަން ފެނުނެވެ.
މުއިއްޒު ވިދާޅުވީ، ޕާޓީ ބަދަލުނުކުރުމަކީ މި އިންތިހާބުގައި ވޯޓު ދިނުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
"ތިއިން ކޮން ބޭފުޅަކީ ދިވެހި ލޮބުވެތި ރައްޔިތެކޭ. ގައުމު ދެކެ ލޯބިވާ ރައްޔިތެކޭ. އެހެންވީމާ ގައުމުގެ ވިސްނުން އިސްކުރައްވާށޭ. މިއަދު އަޅުގަނޑުމެންގެ ލޯ ކުރިމަތިން ފެންނަންށޭ މި އޮތީ ގައުމަށް ވަމުންދާ ގޮތް،" އޭނާ ވިދާޅުވި އެވެ.
"މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމެއް ނެތް ގައުމުގެ ކަންކަމުގައި ބަސް ބުނުމުގައި. ބޭރުގެ ސިފައިން މިތާ ތިބިކަން ހުދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ. އަދި އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކި ދުވަހު އެކި ގޮތަށް އެ ވާހަކަ އެ ގެންދަވަނީ ދައްކަވަމުން."