05 ފެބުރުއަރީ 2017 - 14:22

އަންނަ މަހުގެ ދޭއްގައި އަޅުވާ ފިލްމް "މަލިކާ" ގެ ޓިކެޓް އޮލިމްޕަހުން މިއަދު ވިއްކަން ފަށައިފި އެވެ.
އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ، މި ފިލްމުގެ މާކެޓިންއާ ހަވާލުވެ ހުރި ހުސައިން ނޫރައްދީން (ނޫރު) ބުނީ ފިލްމުގެ ޓިކެޓް ވިއްކަން ފެށީ މެންދުރު ފަހު ކަމަށެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ޓިކެޓް ދޫކުރާނީ އޮންލައިން ބުކިންސް އަށް ހުޅުވާލުމުން ޓިކެޓް ނޯޓް ކުރި މީހުންނަށް ކަމަށެވެ.
"މަލިކާ" ގެ ޕްރިމިއާ ޝޯގެ ޓިކެޓްގެ އަގަކީ 200ރ. އެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.
"މަލިކާ" ގެ ޓީމުން ވަނީ އެ ފިލްމް އޮލިމްޕަހުގައި ދައްކަން އަންނަ މަހުގެ 1-20 އަށް އޮލިމްޕަސް ނަގައިފަ އެވެ.
ފިލްމް މާޗް 2 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރުމުގެ ކުރިން މާޗް 1 ގައި މީޑިއާތަކަށް ފިލްމްގެ ހާއްސް ސްކްރީނިންއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މިއީ ދިވެހި ފިލްމެއް ރިލީޒް ކުރުމުގެ ކުރިން މީޑިއާ އަށް ދައްކައިލާ ފުރަތަމަ ފަހަރެވެ.
"މަލިކާ" އަކީ އާއިލީ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިންމާ އިވްރާހީމް ވަހީދު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަލީ މުސްތޮފާ (ސެމީ) އެވެ.
މި ފިލްމުގެ ޓައިޓްލް ރޯލް "ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) ކުޅެފައިވާ އިރު، މި ފިލްމުން ތަޖުރިބާރު އެކްޓަރުންނާއި ޒުވާން ތަރިންތަކެއް ފެނުގެން ދާނެ އެވެ.
އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.