ދެކުނުގެ ތިން ސިޓީގެ ނަތީޖާ ބޮޑު ތަނުން ބަދަލުވާނެ: ރައީސް
ދެކުނުގެ ތިން ސިޓީގެ ނަތީޖާ ބޮޑު ތަނުން ބަދަލުވާނެ: ރައީސް

ދެކުނުގެ ތިން ސިޓީ އަށް ކުރެއްވި ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ތަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ތިން ސިޓީގެ ނަތީޖާ ބޮޑު ތަނުން ބަދަލުވާނެ: ރައީސް
ދެކުނުގެ ތިން ސިޓީގެ ނަތީޖާ ބޮޑު ތަނުން ބަދަލުވާނެ: ރައީސް

ރައީސް މިއަދު އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އަށް ވަޑައިގަތެވެ. އައްޑޫ އަދި ފުވައްމުލަކުގެ ކެމްޕެއިން ޓީމްތަކާ ރައީސް ބައްދަލުކުރެއްވިއިރު، ތިނަދޫން ރައީސަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މަރުހަބާ ކިޔަން ބަނދަރު މަތީ ދިގު ސަފެއް ހަދާފައި އޮތެވެ.

އެ ހުރިހާ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު، މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މިފަހަރު އެމްޑީޕީގެ ކެމްޕެއިން ޓީމްތަކުން މަސައްކަތް ކުރަމުން އަންނަނީ މާ އޮގަނައިޒްކޮށް ކަމަށެވެ. އެކަމުގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުން ފެންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް ވިސްނުންތެރިކަމާ އެކު ކުރިއަށް މި ގެންދަނީ. އަޅުގަނޑަށް ފެންނަނީ މި ތިން ސިޓީން ވެސް ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތަކުން ފެނިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި އެކުގައި މަސައްކަތް ކުރި އެމްޑީއޭ އިން އިންތިހާބަށް ދެ ދުވަހަށްވެފައިވަނިކޮށް ކޯލިޝަން ދޫކޮށްލައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ވަނީ ނިންމަވާފަ އެވެ. ނަމަވެސް، ރައީސް ވިދާޅުވީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ދެން އެކަން އެ ދިޔައީ މާޒީއަށް. އަޅުގަނޑު ދަންނަވާނީ އެ ކުރެވުނީ އެންމެ ރަނގަޅު ގޮތް ނޫންކަން އެކަން އެ ކުރެވުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށް. ހަމަ ލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިނަކަށް އޭގެ ސަބަބުން ހުއްޓުމެއް ނާންނާނެ. އަޅުގަނޑުމެން ތިބީ ހުރިހާ ސިނާރިއޯއަކަށް ތައްޔާރުވެގެން."

ރައީސް ވިދާޅުވީ ކެމްޕެއިންގައި ދިމާވާ މިފަދަ ކަންކަމާ ކުރިމަތިލައި، އެ ކަންކަމުން އަރައިގަންނާނެ ގޮތް އެމްޑީޕީ އަށް އެނގޭނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. ރައީސް ވިދާޅުވީ ދެވަނަ ބުރުގެ އިންތިހާބު ބޮޑު ތަފާތަކުން ނެގޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އެބަ އޮތް ކަމަށެވެ.

ރައީސް މިއަދު ތިން ސިޓީއަކަށް ވަޑައިގެންނެވިއިރު، ފުރަތަމަ ބުރުގައި އެމަނިކުފާނަށް މެޖޯރިޓީ ހޯދުނީ އައްޑޫން އެކަންޏެވެ. ނަމަވެސް، އައްޑޫގެ އިތުރުން ދެވަނަ ބުރުގައި ތިނަދޫގެ މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން މި ރަށުގެ އެމްޑީޕީ މެންބަރުން ދެ އެވެ.

ތިނަދޫގައި ހަރަކާތްރެރިވާ "ޑިމޮކްރެޓްސް"ގެ މެންބަރުން ވެސް ވަނީ ރައީސަށް ތާއިދުކުރަން ނިންމައި، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުމެފަ އެވެ،