27 ސެޕްޓެމްބަރ 2023 - 18:38

އައްޑޫގައި އައްސޭރި ޓޫރިޒަމް ތައާރަފުކޮށް، 10،000 ވަޒީފާ އިތުރު ކުރުމަކީ އޭނާގެ ސަރުކާރުގެ އަމާޒެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އައްޑު އަށް މިއަދު ހެނދުނު ފެއްޓެވި ކެމްޕެއިން ދަތުރުގައި ހިތަދޫ ދެކުނު ދާއިރާގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކައިގަ އެވެ.

މުއިއްޒު ވިދާޅުވީ، އައްސޭރި ޓޫރިޒަމް މަޝްރޫއު އައްޑޫގައި އޭނާގެ ސަރުކާރުން ހިންގާނީ 6،000 އެނދު ގާއިމްކުރާ ގޮތަށް ކަމަށެވެ.
"ބޭނުމަކީ މި ތަނުގައި ތިބެގެން އާމްދަނީގެ ފުރުސަތު ހޯދައި ދިނުން. އެއީ އަމާޒަކީ. މުޅި ސިޓީ އަށް ނިސްބަތްކޮށް އެ ވައުދު މި ވަނީ. ޓޫރިޒަމްގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި އުފެއްދުންތެރިކަމުގެ ދާއިރާތަކުން އެ ފުރުސަތު ހޯދައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އައްޑޫ މީހުން ބޭނުންވާ ގޮތަށް މި ސަރަަހައްދު މިހާތަނަށް ވެސް ތަރައްގީ ކުރެވިފައި ނުވާ ކަމަށާއި އެ މީހުންގެ އުންމީދުތަކުގައި އޭނާގެ ސަރުކާރެއްގައި ކުލަ ޖައްސައިދޭނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދެ ވަނަ ބުރުގެ ކެމްޕެއިންގެ ދަތުރުތަކުގެ ފަހު މަންޒިލް އައްޑޫ ހިތަދޫގައި މުއިއްޒު ވިދާޅުވީ، އައްޑޫ ތަރައްގީ ކުރުމަށްޓަކައި މި ސިޓީގެ މީހުން އެދިއެދި އޮތް ތަރައްގީ، އެ މީހުން ބޭނުންވާ ގޮތަށް މީގެ ކުރިން ގެނެސްދެވިފައި ނުވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އައްޑޫ މީހުން އޭނާ އަށް އިތުބާރުކޮށް، ވެރިކަމަށް ހޮވައިދީފި ނަމަ އެ މީހުން އުންމީދުކުރާ ތަރައްގީގެ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
"އެކަން ހާސިލް ކޮށްދިނުމުގައި ތިބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވާ. ޒިންމާ ހަވާލުކުރައްވައިފިއްޔާ އެ ޒިންމާ ފުރިހަމަ އަށް އަދާކޮށްދޭނަން،" ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގާއިމްކުރާނީ ރެއާއި ދުވާލު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަވަދިނެތި އުޅޭ ހީވާގި ސަރުކާރެއް ކަމަށެވެ.
"މި ސިޓީގެ ތަރައްގީއަށްޓަކައި ތި ރައްޔިތުން އެދިލައްވާ ހިސާބަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އައްޑު އަށް ގެންގުޅުއްވާ ތަސައްވުރުގައި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމާއި މި ސަރަހައްދުގައި އައްސޭރި ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި، މުއިއްޒު ވިދާޅުވީ ބަޔޮސްފިއާ ރިޒާވް ބަދަލުކުރުމުގައި ކުރަން ޖެހޭ ބައެއް މަޝްވަރާ އެބަހުރި ކަމަށާއި އެކަމަކު ގޮތެއް ހޯދޭނެ ކަމަށެވެ.
"މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ބަޔޮސްފިއާ ރިޒާވްގެތެރެއިން ހަދަން ޖެހޭ މަގުގެ ކަންތައް ބަލައި، އެކަމަކީ ވެސް ކޮށްދެވޭނެ ކަމެއްތޯ ބަލާނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާ އަށް އިތުބާރުކޮށް، ވެރިކަމަށް ހޮވައިދީފި ނަމަ، ތެދުވެރިކަމާ އެކު ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.