05 ފެބުރުއަރީ 2017 - 12:55

ރިޒޯޓް ވޮލީބޯޅަ މުބާރާތުގައި ކޮންމެ ޓީމަކަށް ވެސް ކުޅެވޭނީ ގިނަ ވެގެން ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ކަނޑައަޅައިފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް މީގެ ކުރިން ގައުމީ ޓީމުގެ ކިތަންމެ ކުޅުންތެރިޔަކަށް ވެސް ކުޅެވިދާނެ އެވެ. އަދި އޭގެ ތެރެއިން ގިނަ ކުޅުންތެރިން މުޅި އަހަރު ތިބެނީ ރިޒޯޓުގެ ކޮންޓްރެކްޓުގަ އެވެ.
އެސޯސިއޭޝަނުގެ ޓެކްނިކަލް ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނީ މިގޮތަށް ގަވާއިދަށް ބަދަލު ގެނައީ އެއް އަހަރުގެ މުއްދަތަކަށް ކަމަށާއި މިއީ ނިސްބަތުން ބޮޑު ބަދަލެއް ކަމަށެވެ.
"އިންޓަ ރިޒޯޓަކީ ވޮލީ ދަމަހައްޓާ، ވޮލީ ކުޅުންތެރިންނަށް ފައިސާ ލިބޭ އަދި އަޅުގަނޑުމެންގެ މާކެޓިން ސްޓޭޖަށް ބެލިޔަސް މުހިއްމު މުބާރާތެއް. މީގެ ކުރިން ރިޒޯޓް މުބާރާތަކީ އޯޕަންކޮށް އޮންނަ މުބާރާތެއް. އެކަމަކު މި ފަހަރު ބޮޑު ބަދަލެއް އެބައޮތް. އެއީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިމިޓޭޝަނެއް އައުން،" ޝަރަފް ބުންޏެވެ.
ޝަރަފް ބުނީ ރިޒޯޓުގައި ވަޒީފާ އަދާނުކުރިޔަސް ކޮންމެ ރިޒޯޓަކަށް ވެސް ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް ކުޅެވިދާނެ ކަމަށާއި އެއް ރިޒޯޓެއްގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ކުޅުންތެރިން ވަޒީފާ އަދާކުރި ނަމަވެސް ކުޅެވޭނީ ދެ ކުޅުންތެރިން ކަމަށެވެ.
އޭނާ ބުނީ މިއީ މި އަހަރަށް ގެނައި ބަދަލެއް ކަމަށާއި މިކަމުން ކުރަނީ ކޮން އަސަރެއްތޯ ބަލައި މުރާޖައާކުރުމަށް ފަހު އަލުން ފަހަރުގައި ކުރިން އޮތް ގޮތަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ދެ ކުޅުންތެރިންނަށް ލިމިޓްކުރީ މޮޅެތި ކުޅުންތެރިން ގިނަ ރިޒޯޓްތަކަށް ބެހި ވާދަވެރިކަން އެއް ވަރެއްގައި ހިފެހެއްޓުމަށް. ބޭނުންވަނީ އެއް ޓީމެއް އާދަޔާހިލާފަށް ގަދަނުވާނެ ގޮތަށް ރޭވުން. މިހާރު ސަރުކާރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސެއް ވެސް ދޭ. އެހެންވެ މުބާރާތަށާއި ދިވެހި ވޮލީއަށް އެންމެ ފައިދާހުރި ގޮތަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ބެހިގެން ދާން ޖެހޭ،" ޝަރަފް ބުންޏެވެ.
ޝަރަފް ބުނީ މި މުބާރާތުގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެގެންދާނީ ފްރީލާންސް ކުޅުންތެރިންނަށް ކަމަށާއި އެހެންކަމުން ރިޒޯޓުގެ ވަޒީފާގައި ތިބި ނަމަވެސް ޓީމަށް ނުނަގާ ނަމަ އެހެން ޓީމަކަށް ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު އެ ކުޅުންތެރިޔާއަށް ރިޒޯޓުން ރިލީޒް ނުދޭ ނަމަ އެކަމުގައި އެސޯސިއޭޝަނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޝަރަފް ބުންޏެވެ.
"އެއީކީ އަޅުގަނޑުމެންގެ އަތްފޯރާ ކަމެއް ނޫން،" ޝަރަފް ބުންޏެވެ. "މިސާލަކަށް ބުނަންޏާ، ކްލަބް މުބާރާތަކަށް ބެލިޔަސް އެ ކުޅުންތެރިޔަކު ވަޒީފާ އަދާކުރާތަނެއް، މިސާލަކަށް އިމިގްރޭޝަނުގައި އުޅޭ ކުޅުންތެރިޔަކު އޭނާ އިމިގްރޭޝަނުން ކްލަބަށް ނުވީއްލަންޏާ އޭނާ ވަޒީފާ ހުރި ގޮތުން ކުޅެން ނުދެވެންޏާ އޭގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ."
ޝަރަފް ބުނީ މި އަހަރު ލަންކޮޅެއް ލަހުން ގަވާއިދު އިއުލާންކުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި އެކަން އަވަސްކުރާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ މުބާރާތް ނިމޭތާ އެއް މަސް ތެރޭގައި އަންނަ އަހަރުގެ ގަވާއިދު ނެރޭނެ ކަމަށް އޭނާ ބުންޏެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ސީނިއާ ކުޅުންތެރިޔަކު ވަނީ މި ގަވާއިދަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ ބުނީ ކުރީގެ އުސޫލަށް ބަލާއިރު ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ދެ ޓީމަކަށް ބެހިގެން ދިއުމުން މުބާރާތުގެ ފޯރި ގެއްލޭ ކަމަށެވެ. އަދި ދެން ހުރި ޓީމުތަކުން ބައިވެރިވަނީ ހަމައެކަނި ނަމެއްގައި ކަމަށާއި އެކަމަކު މި ބަދަލާ އެކު ހުރިހާ ޓީމެއް އެވްރެޖްކޮށް ވަރުގަދަ ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ ރިޒޯޓް ވޮލީބޯޅަ މުބާރާތަށް މިހާތަނަށް ގެނައި އެންމެ ރަނގަޅު ބަދަލު،" އޭނާ ބުންޏެވެ.