އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދޭން ރައީސްގެ ވައުދެއް
އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދޭން ރައީސްގެ ވައުދެއް

މާލެ އެކޭ އެއް ފަދައިން އައްޑޫގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައްޔިތުން އެދެމުންދާތީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މަޝްވަރާކޮށްގެން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދޭން ރައީސްގެ ވައުދެއް
އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދޭން ރައީސްގެ ވައުދެއް

އައްޑޫއަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ރައީސްގެ ރަނިންމޭޓު ނިސްބަތްވާ ހިތަދޫގައި ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އައްޑޫގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ ފަރާތުން އެ ސިޓީގެ މޭޔަރު ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

"އައްޑޫ ސިޓީން ޑޮލަރު ނެގޭނެ އެޓީއެމްގެ ހިދުމަތް ބީއެމްއެލް އާ އެކު މަޝްވަރާކޮށްގެން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭ ނަން،" ރައީސް ވިދާޅުވި އެވެ.

މިހާރު މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމަށް، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ގެންގުޅުއްވާ މައިގަނޑު ދެ ހައްލު މިއަދު ތަކުރާރު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެއްގޮތަކީ، ރާއްޖެ ވަންނަ ޑޮލަރުގެ 30 ޕަސެންޓް ރާއްޖޭގައި ހިފެހެއްޓުމެވެ. އަނެއް ގޮތަކީ ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ފައިސާ އިން ކުރުމެވެ. ފުރަތަމަ ހައްލު ގެނައުމަށްޓަކައި ވިޔަފާރިވެރިންނާ ކުރެވުނު މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ބޭނުންވަނީ ގާނޫނީ ގޮތުން ޔަގީން ކަމެކެވެ. އެއީ ވިޔަފާރިވެރިން ބޭނުންވާ ވަގުތު، ވަކި މުއްދަތަކަށް ބަހައްޓައި ޑޮލަރު އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިއިން ކޮންމެވެސް އެއް ގޮތެއް އަޅުގަނޑުމެން ހިޔާރުކޮށް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތަންފީޒު ކުރާނަން. އޭރަށް ޑޮލަރު ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާކިމާޔީބީ ލިބުނު މައިގަނޑު ތިން ސަބަބެއް ހިއްސާކުރެއްވި އެވެ.

އޭގެ އެންމެ މުހިންމު ސަބަބަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް ލިބެން އޮތް ޕްލެޖު ވޯޓު ތަކާއި ވޯޓު ލާ މީހުންނާ ހިސާބަށް ނުދެވުމެވެ. އެއީ ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުން އަދަދު މަދުވި ސަބަބު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސް އަކަށް ރައްޔިތުންނަކަށް ރީޗްވެވިފައެއް ނެތް. އަޅުގަނޑުމެންގެ [އެމްޑީޕީގެ] މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރެއިން ހިޔާލުތަފާތުވެގެން ނުކުތް މެމްބަރުންނެވެ. އޭގެ ސަބަބުން އެމްޑީޕީއަށް ލިބެން އޮތް ވޯޓުތަކެއް ގެއްލުނު ކަން ފާހަގަކުރެއްވި އެވެ.

"މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ތެރެއިން މި ވަކިވެގެން ވަގުތީ ގޮތުން މިދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެންނަން،" އެމްޑީޕީން ނުކުތް އިސް ބޭފުޅުންތަކެއް އުފެއްދެވި ޑިމޮކްރެޓްސްއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރާ އެކު އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީން ކުރަންވީ ފަހު ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

އެކަމަށްޓަކައި ފުރަތަމަ ބުރަށް ފަހު މިވީ 15 ވަރަކަށް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބާކީ މި އޮތް ދެ ދުވަހު ވެސް އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އިންޑިޔާ އާ ބެހޭ ގޮތުން މިދައްކާ ވާހަކަ އާ، ކަނޑުވިއްކާލީ އޭ ކިޔައިގެން މިދައްކާ ވާހަކަ އާ އަދި މި ނޫން ވެސް ހަގީގަތާ ދުރުން ދައްކާ އެތައް ވާހަކައެއް، އެތައް ދޮގެއް ފަތުރަމުން އެބަދޭ. މީގެ ހަގީގަތްތައް ހާމަކޮށްދެވުނު ވަރަކަށް އަޅުގަނޑު ގަބޫލުކުރަނީ ދިވެހިން އެކަމެއް [އެ ދޮގުތަކެއް] ގަބޫލެއް ނުކުރާނޭ. އެ ދައްކަނީ ދޮގުކަމަށް ރައްޔިތުން ގަބޫލުކުރާނޭ،" ރައީސް ވިދާޅުވި އެވެ.

މި ކަން ކަން ރަނގަޅު ކޮށްގެން އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.