ބާސެލޯނާ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް
ބާސެލޯނާ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

މަޔޯކާ (ސެޕްޓެމްބަރު) - މަޔޯކާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ނިމިއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި މި މުއްދަތުގައި، އެ ޓީމުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗު ވެސް ކާމިޔާބު ކުރި އެވެ.

މެޗުގެ އަށްވަނަ މިނިޓުގައި ވެޑާޓް މުރިގީ ކާމިޔާބު ކުރި ގޯލުން ލީޑު ނެގީ މަޔޯކާ އެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ރަފީނިއާ، ބާސެލޯނާ އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް އަބްޑޮން ޕްރެޓްސް ވަނީ މި ހާފުގެ އިތުރު ވަގުތުގައި މަޔޯކާ އަށް އަލުން ލީޑު ހޯދައިދީފަ އެވެ.

ބާސެލޯނާ އިން ނަތީޖާ އެއްވަރު ކުރީ 75 ވަނަ މިނިޓުގައި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭގެ ކުރިން ބާސާ އަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް، ވީޑިއޯ ރިވިއު އަށް ފަހު ރެފްރީގެ ނިންމުން ބަދަލު ކުރި އެވެ.

"އަހަރެމެން ކޮޅަށް ދެ ގޯލު ވެސް ވަނީ ޑިފެންސުގައި ހެދުނު ގޯސްތަކުން، އެކަން ތަކުރާރު ވިޔަ ނުދެވޭނެ. މި ގެއްލުނީ ވަރަށް މުހިއްމު ދެ ޕޮއިންޓް،" ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.

މިއީ ބާސާ އަށް މި ސީޒަންގައި މިހާތަނަށް މޮޅެއް ނުހޯދުނު ދެވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ގެޓަފޭ އަތުން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

މަޔޯކާ އަތުން ތިން ޕޮއިންޓް ހޯދައިގެން ބާސެލޯނާ އަށް ލީގު އެއްވަނައިގައި ލީޑު ދެމެހެއްޓުމުގެ ބާރު އޮތީހެވެ. ނަމަވެސް މޮޅެއް ނުހޯދުމުން، މިރޭ ޖިރޯނާ އަދި ރެއާލް މެޑްރިޑް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ބާސާ ތިންވަނައަށް ވެއްޓުމުގެ ފުރުސަތު އެބަ އޮތެވެ.

ބާސެލޯނާ މިވަގުތު ލީގު އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ޖިރޯނާ ދެވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.