ގެއްލިގެން ހޯދަން އިއުލާނުކުރި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ގެއްލިގެން ހޯދަން އިއުލާނުކުރި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

މިދިޔަ މަހު ގެއްލިގެން ހޯދަން އިއުލާނުކުރި މުހައްމަދު ތައުފީގު ފެނުނުތާ މަހެއްހާ ދުވަސް ފަހުން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ބާރަށު މީހެއް ކަމަށްވާ ތައުފީގު ގެއްލިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އިއުލާނުކުރިތާ ފަސް ދުވަސް ފަހުންނެވެ. އޭނާ ފެނުނީ ނެޝަނަލް ޑްރަގް އެޖެންސީން ހިންގާ ރިހެބަކަށް ދިއުމުންނެވެ.

އުމުރުން 35 އަހަރުގެ ތައުފީގު ހޯދަ ދުވަހު ހައްޔަރުކޮށް އިއްޔެ ބަންދަށް 10 ދުވަސް ދިނީ ވައްކަމުގެ މައްސަލައެއްގަ އެވެ. ބަންދުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، ތައުފީގާއި އިތުރު މީހަކު ހައްޔަރުކުރީ ވަގަށް ނަގާފައިވާ ފޯނެއް ވިއްކަން އުޅެނިކޮށެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތައުފީގަކީ ކުށުގެ ރިކޯޑު ގިނަ މީހެކެވެ.

ވަކީލެއް ބޭނުންވާ ކަމަށް ތައުފީގު ބުނުމުން ވަކީލު އައްޔަންވުމުން ބަންދު މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އަމުރުގައިވެ އެވެ.

ތައުފީގު މިދިޔަ މަހު ގެއްލުނު އިރު މަސައްކަތް ކުރަނީ ވިލިމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއްގަ އެވެ. އޭނާ އަކީ މަސްތުވާ ތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ބާރަށު ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.