ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަންނަ ފަރާތްތަކަށް މިހާރު ވެސް މަސައްކަތް ފެށޭނެ: އެޗްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަންނަ ފަރާތްތަކަށް މިހާރު ވެސް މަސައްކަތް ފެށޭނެ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަންނަ ފަރާތްތަކަށް މިހާރު ވެސް އިމާރާތްކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުގެ ބިންގަނޑު ހަމަޖެހިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި އިމާރާތްކުރަން މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ވަނަ ފިޔަވަހިން ބިން ގަންނަ ފަރާތްތަކަށް ވަގުތުން މަސައްކަތް ފެށޭނެ ކަމަށެވެ.

"ދެވަނަ ފިޔަވަހީގައި ހިއްކި ސަރަހައްދަކީ ފުދޭ ވަރަކަށް ތިލަ ސަރަހަދަކަށް ވީމަ ބިންގަނޑު ހަމަޖެހެން އެހާ ގިނަ ދުވަހެއް ނުނަގާނެ. މިހާރު ވެސް އެތަނުގައި ސޯޝަލް ހައުސިންގެ މަސައްކަތް ފަށަން އެދަނީ ތައްޔާރުވަމުން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ދެވަނަ ފިޔަވަހީގެ އިމާރާތްތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ފަށާފައިވާ ކަމަށެވެ. އަދި އެތަނުގައި ހަދާ އިމާރާތްތައް ނިމެންވާ އިރަށް އެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެތަނުގެ މައި މަގުތައް ހެދުމާއި އެނޫން ވެސް ވަރަށް ގިނަ މަސައްކަތްތައް އެ ދަނީ ކުރަމުން. އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ނިންމަން،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ގަންނަން ހުޅުވާލުމުން 300 އަށް ވުރެ ގިނަ މީހުން އެކަމަށް އެދި ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ބިމަށް ބިޑް ހުށަހަޅަން ޖެހެނީ މާދަމާ އެވެ.

ދެވަނަ ފިޔަވަހީގެ އަތިރިމައްޗަށް ވާ ގޮތަށާއި އަތިރިމައްޗާ ކައިރިން 101،954.33 އަކަފޫޓުގެ ބިން ވައްކަން ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ މީހަކަށް ވެސް ގިނަވެގެން ގަނެވޭނީ އެއް ބިމެވެ. ގަންނަން ހުށަހެޅޭނީ 2،000 އަކަފޫޓާއި 6،000 އަކަފޫޓާ ދެމެދުގެ ބިމެވެ.

މިހާރު ވިއްކަން ހުޅުވާލި ބިމުގެ ފެށޭ އަގު އުޅެނީ އަކަފޫޓެއް 3،000ރ. ގަ އެވެ.