ފްލެޓު ލިބޭ ދާއިމީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
ފްލެޓު ލިބޭ ދާއިމީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

މި ސަރުކާރުން ދޫކުރާ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެ، ޝަކުވާ އަށް މިރޭ ހުޅުވާލައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވައިލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެ އެވެ.

އެ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިިދިޔަ މަހުގެ 8 ވަނަ ދުވަހު ނެރެ، މިދިޔަ މަހުގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި އެވެ.

ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން އެ މިނިސްޓްރީން އިއުލާން ކުރި ވަގުތީ ލިސްޓްގައިވާ ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންނާއި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމުން، ހުށަހެޅި ޝަކުވާތައް ބަލާފައިވާ ކަމަށެވެ.

އެ ޝަކުވާތައް ބެލުމަށް ފަހު، ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ލިބޭކަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޝަރުތު ހަމަނުވާ މީހުންނަށް، ޝަރުތު ހަމަނުވީ ކީއްވެކަން ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ދީފައިވާނެ ކަމަށާއި އެ މީހުންގެ އިތުރު ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހުޅުމާލޭގައި 8،000 ފްލެޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ. އޭގެ އިތުރުން 4،000 ފްލެޓް އަޅަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ 2.5 ބިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި މިހާތަނަށް ގިނަ ޓަވަރުތަކެއްގެ މަަސައްކަތް ވަނީ ނިމުމުގެ މަރުހަލާގަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.