އަޒުމް ކަނޑައަޅަންވީ އުޅުންތަކާއި ގުޅުންތައް އިސްލާހުކުރަން: ރައީސް
އަޒުމް ކަނޑައަޅަންވީ އުޅުންތަކާއި ގުޅުންތައް އިސްލާހުކުރަން: ރައީސް

ކީރިތި ރަސޫލާގެ ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޒުމް ކަނޑައަޅަންވީ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ފާހަގަކުރާ ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ރަސޫލާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ މުހިންމު ކަމަކީ ސުލްހަވެރިކަމާއި އަމާންކަން ކަމަށެވެ.

ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ސުލްހަވެރި ކުރެއްވުމާއި މުޖުތަމައު އަމާން ކުރެއްވުން ކަމަށާއި އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް އަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ރަސޫލާ އަމަލީ ގޮތުން ދެއްކެވި އަދަބު އަހުލާގުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނުގެ ހިތާބުގައި، ދިވެހިންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފަ އެވެ.