ޖަދަލު
ޖަދަލު

އާދިއްތަ ދުވަހާ ގުޅޭ

"މި ނައްޓާލަނީ! ހަމަ މިހާރު!" އާމިރާ ބުންޏެވެ.

ފައިސަލް ފޯނުކަނޑައިލާފައި ގެއަށް ދާން ހިނގައިގަތެވެ. ފުރަތަމަ ފިޔަވަޅު އެޅިތަނާ އޭނަގެ މަވެތިވަންތަ ސިފަ، މޭފަޅައިފައި ބޭރަށް ފުންމައިލި ކަހަލައެވެ. ސިންގާއެެއް ފަދައިން ހޭރިގެންފައި ފައިސަލް ހުއްޓުވިއެވެ.

"ކޮން ތާކަށް ތި ދަނީ؟" އެ ސިންގާ ވާހަކަދެއްކި ކަހަލައެވެ. "އާދޭސްކުރަން؟ އޭނަ ހުއްޓުވަން؟ އޭރުން ކަލޭ ދަށުވީނު! މީހުން ކިހާ މަލާމާތެއްކުރާނެ؟ އޭނަ އުޅެނީ ކަލޭ މުށުތެރެއަށްލައި ފިތާލަން. ފިރިހެނެއް ވިއްޔާ ގޮތެއްހުންނަން ޖެހޭނެ. ދަންޏާ ހިނގައިދާނެއްނު! ކަލެއަށް ކީއް؟"

ފައިސަލްގެ ވިސްނުން ބަދަލުވިއެވެ. އަމިއްލަ ނަފުސް ދެއްކި ވާހަކަ ފައިސަލް އަޑުއެހިއެވެ. ގަބޫލުކުރިއެވެ.

"އެކަމަކު ޒިޔާން ވެސް ގޮވައިގެންނޭ އެ ދަނީ!" ހިތާހިތުން ފައިސަލަށް ބުނެވުނެވެ.

"ގޮއްސާނެއްނު! ދުވަސްކޮޅަކުން ނުގެންގުޅެވިގެން ގެންނާނެ،" ފައިސަލްގެ އެތެރެއިން ޖަވާބުއައި ކަހަލައެވެ. "އެ އުޅެނީ ބިރުދައްކަން. މިއަދު ކަލޭ ގޮއްސިއްޔާ އޭނަ މޮޅުވީ! ކަލޭ ބަލިވީ! ހަނދާންކުރާތި! ދަރި ކުރިމަތީގަ ކަލޭގެ އަގު ތި ވައްޓާލަނީ!"

ފައިސަލްގެ ވިސްނުން ބަދަލުވިއެވެ. އަލުން ގޮސް ގޮނޑީގައި އިށީނެވެ. ކޮންމެވެސް މަސައްކަތެއް ފެށިއެވެ. އެހެނަސް، ގޮނޑިން ނުތެދުވެ ފައިސަލަށް އިނދެވެނީ ކިރިޔަކިރިޔާއެވެ. އާމިރާ ގޮނޑިން ތެދުވިއެވެ. ޒިޔާންގެ އަތުގައި ހިފައިގެން ބަހުން ފޭބިއެވެ. ބަސް ނައްޓައިލިއެވެ. އެއީ، ދެމައިން ހުޅުމާލެއަށް އެ ގޮތަށް އައި ފުރަތަމަ ފަހަރެވެ. ދާންވީ މިސްރާބު ނޭނގި ހިނގާހެން އާމިރާ ހިނގައިގަތެވެ. ފޯނަށް ބަލައިލިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ފޯނަކަށް ސިގުނަލެއް ނުލިބެއެވެ. އެ ފޯނަށް، ބައެއް ފަހަރު އެހެންވެއެވެ. ތަންކޮޅަކަށް ދިޔަތަނާ ސިގުނަލު ރަނގަޅުވިއެވެ. އާމިރާ ނަންބަރުތަކަށް ފިތައިލިއެވެ. އިވެނީ ފޯނު ކަނޑައިލައިފައި ހުރުމުން އިވޭ އަޑެވެ. އާމިރާ މަގުގެ ދެކޮޅަށް ނަޒަރުހިންގައިލިއެވެ.

"މަންމައަށް މަގުއޮޅުނީތަ؟" ޒިޔާން އިނގެރޭސިން އެހިއެވެ.

"މީ ޒުމްރާ ބުނި ހިސާބަކީ،" ކުޑަކޮށް ކަންބޮޑުވެފައި އާމިރާ ބުންޏެވެ. "މި ބަސްސްޓޭންޑަށް ފައިބާ އިރު، އެހެރަ ތަނާ، މިހިރަ ތަނާ ހުންނާނެ ވާހަކަ ބުނީ. އެ އޮތީކަން ނޭނގެ އެ ގޯޅި. އަޅެ ހިނގާބަލަ! ގެ ނުފެނިއްޖެއްޔާ އަލުން މި ތަނަށް އަންނާނީ. އޭރުން ގައިމު ވެސް ގެއަށް ދެވޭނެއްނު!"

ދެމައިން އެކުގައި ގޮސް އެންމެ ކައިރިއަށް އޮތް ގޯޅިއެޅިއެވެ. ގޯޅީގައިހުރި ގެތަކަށް އާމިރާ ބެލީ ބީރައްޓެހި ނަޒަރަކުންނެވެ. ވަކި ހިސާބަކުން އާމިރާ ހުއްޓުނެވެ. އާމިރާ ހުއްޓިގެންހުރި ފަޅި ނޫން އަނެއް ފަޅީގެ ގެއަކުން، ކުއްޖަކު އުރައިގެން ދެމަފިރިޔަކު ނުކުތްތަން ފެނުނެވެ. ފިރިހެންމީހާގެ ތުނބުޅިހުރީ ހިސާބަކަށް ނުރަވެފައެވެ. އަންހެންމީހާ ހުރީ ކަޅުހެދުމުގައެވެ.

"ޒުމްރާ!" އާމިރާ ގޮވައިލިއެވެ.

ޒުމްރާ ބަލައިލިއެވެ. ހިނިތުންވެލިއެވެ. އެމީހުން ކައިރިއަށް އާމިރާ އައެވެ. ބައްދަލުކޮށް ސަލާންކުރިއެވެ. ޒުމްރާ ސަލާންކުރީ އަތާއި އަނގަބަހުންނެވެ. ގާތުގައިހުރި ނިމާން ސަލާންކުރީ އަނގަބަހުން އެކަންޏެވެ.

"މި ހިސާބުގަ ކޮން ވަޑާމެއް؟" ޒުމްރާ އެހިއެވެ.

"ތި ގެ ނުފެނިގެންނޭ މި އުޅެނީ،" އާމިރާ ބުންޏެވެ. "ނަމެއް ވެސް ހަނދާނެއް ނުވި!"

"އެހެންތަ؟ މިހިރީއޭ އަހަރެންގެ ގެ،" އިޝާރާތްކޮށްލައިފައި ޒުމްރާ ބުންޏެވެ. "ކީއްވެ ގުޅާނުލާ ތި އައީ؟"

"ގުޅަން އުޅުނީމޭ! ނެޓްވާކަށް ކޮންމެވެސް ކަމެއްވެފަ ހުރީ. ހާދަ އުފާވެއްޖޭ ދިމާވީމަ. ކޮން ތާކަށް ތި ދަނީ؟" އާމިރާ ސުވާލުކުރިއެވެ.

"ކުޑަމީހާ ކުޑަކޮށް ހުން ވައްތަރުވެގެން ހޮސްޕިޓަލަށް މި ދަނީ." ނިމާން ބުންޏެވެ.

"އެހެންތަ؟" އާމިރާ ބުންޏެވެ. "ތިހެންވިއްޔާ އަހަރުމެން ވެސް ދެން ނައްޓާލާނީ ދޯ ދަރިފުޅާ؟"

"މިހެން ހަދާ! އަހަރުމެން އަންނަންދެން އާމިރާ ގެ ބަލާލަދޭންވީނު؟" ޒުމްރާ އެދުނެވެ. "މާ ލަހެއްނުވާނެ."

އާމިރާ ޒިޔާނަށް ބަލައިލައިފައި ބޮލުގެ އިޝާރާތުން، ކިހިނެއްހޭ ހަދަންވީ އެހިއެވެ.

"އޯކޭ!" ޒިޔާން އެއްބަސްވިއެވެ.

އާމިރާއަށް ތަޅުދަނޑި ދީފައި، ނިމާނާއި ޒުމްރާ ދާން ހިނގައިގަތެވެ. އެ މީހުން ދިޔުމުން އާމިރާއާއި ޒިޔާން ގެއަށް ވަދެފައި އުނދޯލީގައި އިށީނެވެ. އާމިރާ ފޯނަށް ބަލައިލިއެވެ. ފައިސަލްގެ މެސެޖެއް އޮތްތޯއެވެ. ނެތެވެ. އާމިރާ ހިތަށްއެރިއެވެ. ފައިސަލްގެ ހިތަކު އާމިރާއަކަށް އެއްވެސް ލޯތްބެއް ނެތެވެ. އެހެން ނޫން ނަމަ، ފުރަނީއޭ ބުނުމުން އާމިރާ ހުއްޓުވަން މަސައްކަތްކުރީހެވެ.

"އެއީ ކާކު؟" ޒިޔާން އިނގެރޭސިން އެހިއެވެ.

"އިންޑިޔާއިން އެމީހުންނާ ދިމާނުވި ނަމަ، މަންމަ މިއަދު ދަރިފުޅު ކައިރިޔަކު ނުހުންނާނެ،" އާމިރާ ބުންޏެވެ. "އެއީ ވަރަށް، ވަރަށް ނައިސް ބައެއް."

"މަންމަ ދެން އިންޑިޔާގަ ކީއްކުރީ؟" ކުޑަ އުނދޯލި ހެއްލަމުން ޒިޔާން އެހިއެވެ.

"ފަތިހު ހޭލައިގެން ނަމާދުކޮށްގެން ދަނީ ހިނގަން،" ވިސްނައިލާފައި އާމިރާ ބުންޏެވެ. "ބައެއް ދުވަސް ދުވަހު ގަސްތަކަށް ފެންދޭން ވެސް ހުންނަން. މާމަ އުޅޭ ގޭގަ ވަރަށް ބައިވަރު ފިނިފެންމާ ހުންނާނެ. ހެނދުނު ސައިބޮއިގެން ދަނީ މުސަޅުތަކަށް ކާންދޭން. ގޭގަ ހުންނާނެ މުސަޅުކޮއްޓެއް. ދެން މެންދުރު ނަމާދުކޮށްގެން، ކައިގެން، ގެކައިރީގަ ހުންނަ ލައިބްރަރީއަށް ދަނީ. ހަވީރު ޔޯގާ ކްލާހަކަށް ވެސް ދަން. އަދި ހަފުތާއަކު ދެ ދުވަހު ލަވަކިޔަން ދަސްކުރާ ކްލާހަކަށް ވެސް ދަން. ދެން އެ ކަހަލަ ގޮތަކަށް އޮންނަނީ. ވަރަށް ބޯރިން ދޯ؟"

"ކިހާ ކޫލް!" ހިނިއައިސްފައި ޒިޔާން ބުންޏެވެ.

"ސީރިޔަސްކޮށް؟" އާމިރާ ހިނިތުންވެފައި ބުންޏެވެ. ފެންކަޅިވެފައި، ތެދުވެގެން ގޮސް ޒިޔާން ގައިގަ ބައްދައިލިއެވެ. "މަންމަ ކޮންމެ ކަމެއް ކުރިޔަސް، ދަރިފުޅާ ދުރުގަ ހުރި ދުވަސްތައް ދެން އަނބުރައެއް ނާންނާނެ. އެއީ ވާނެކަމެއް ނޫން. މިހާރު މަންމަ ހިތަށްއަރާ އެއީ ކީއްވެ މަންމަ ކުރި މޮޔަކަމެއްބާއޭ؟"

"މަންމާ! ޒިޔާން ވާހަކައެއް އަހަންތަ؟" ޒިޔާން ސުވާލުކުރިއެވެ. "ދެން މަންމަ ދުވަހަކު ވެސް އެހެނެއް ނަހަދާނަން ދޯ؟"

އާމިރާ ރޮއިގެންފައި ޒިޔާން ގައިގައި ބައްދައިލިއެވެ.

"ނަހަދާނަން. ﷲ ގަންދީ މި ބުނަނީ. ދުވަހަކު ވެސް ދެނެއް އެހެނެއް ނަހަދާނަން،" އާމިރާ ބުންޏެވެ. "ދެން މަންމަ ބުނަންތަ ވާހަކައެއް. ބައެއް ފަހަރު ދަރިފުޅަކަށް ނުވިސްނޭނެ، ދަރިފުޅު ބޮޑަށް ލޯބިވަނީ މަންމަދެކެ ކަމެއް ނޫނީ ރިންތަދެކެ ކަމެއް. މަންމަ ނޫޅެން ރިންތައާ ދެކޮޅަށް ދަރިފުޅަށް ނުބައި ވަސްވާސް ލައިދޭކަށް ވެސް. މަންމަގެ އޮތީ ހަމަ އެންމެ އެދުމެއް. މަންމައަށް މާފުކުރޭ! މަންމައަށް ކުރެވުނު ކުށަށް މާފުކުރޭ! ކުރެވޭނެތަ؟"

"އޯކޭ މަންމާ!" ޒިޔާން ބުންޏެވެ. "އައި ލަވް ޔޫ މަންމާ!"

އާމިރާ އުފަލުން އަނެއްކާ ވެސް ޒިޔާން ގައިގައި ބައްދައިލިއެވެ. އެއީ، މަންމަ ދެން ޒިޔާން ދޫކޮށްލާފައި ނުދާނެކަން ޒިޔާނަށް ކަށަވަރުވި ދުވަހެވެ. އެ ދުވަހު އާމިރާ ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. އައި އިރު ފައިސަލް ގޭގައި އިނެވެ. ޒިޔާން ގޮސް ފައިސަލް ގައިގައި ބައްދައިލާފައި ކޮޓަރިއަށް ވަނެވެ.

"އަހަރެން ހީކުރީ އާމިރާ ފުރީކަމަށް." ވަރަށް ހިތްހަމަނުޖެހިފައި ފައިސަލް ބުންޏެވެ.

"އަހަރެން ހީކުރީ އަހަރެން ހުއްޓުވަން ފައިސަލް އަންނާނެކަމަށް،" އާމިރާ ބުންޏެވެ. "ކުޑަމިނުން ގުޅާލާފަ، ނުދާށޭ ބުނާނެކަމަށް. ލޯބިވެޔޭ ބުނަން ކިހާ ފަސޭހަ؟ އެކަމަކު ލޯބިވާން ކިހާ އުނދަގޫ؟ ވަރަށް ބޮޑަށް ތޭންކްސް އިނގޭ! ގޮތެއްނިންމަން އަހަންނަށް ފަސޭހަކޮށްދިނީތީ."

އައިސްކޮފީ ތަށްޓަށް ވައްޓައިލި ގަނޑުފެންކޮޅު، އަނެއް ގަނޑުފެންކޮޅާއި ތަށީގައި ޖެހުނު އަޑުއިވުނެވެ. މޫދުކައިރީގައިހުރި ކެފޭއެއްގައި އިން ފައިސަލް، ތިންވަނަ ގަނޑުފެންކޮޅު ކޮފީތަށްޓަށް ވައްޓައިލިއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ރިންދާ ކުޑަކޮށް ހިތްހަމަނުޖެހިފައި، ފައިސަލް ކުރާ ކަންތަކަށް ބަލަން އިނެވެ. ރިންދާ ކައިރީގައި ހުރީ ޖޫސްތަށްޓެކެވެ.

"އަދި ކިތައް އައިސްކިއުބު ތައްޓަށްލާފަ، ކިތައް ގަޑިއިރު ފަހުން ޖަވާބުދެވޭނީ؟" ފޫހިވެފައި ރިންދާ އެހިއެވެ. "އަހަރެން ދުވަހަކު ވެސް ހިޔެއްނުކުރަން ފައިސަލަކީ ތިހާ ބޯރިން މީހެއްކަމަކަށް. ދެން ބުނާނެ ވާހަކައިގެ މެދުތެރެއިން އަހަރެން ނައްޓާލަނީއޭ! ބުނަން ތި އުޅޭ އެއްޗެއް ބުނެބަލަ ދެން."

"ކީކޭ ބުނަންވީ؟" ފައިސަލް ސުވާލުކުރިއެވެ.

ފޫހިވެގެން ގޮސް މަރުވާވަރުވެފައިއިން މީހަކު ބޭރުކޮށްލާ ކަހަލަ ނޭވާއެއް ރިންދާ ބޭރުކޮށްލިއެވެ.

"އަހަންނަށް ކިހިނެއްތަ އެނގެނީ؟" ކެތްކުރަމުން ރިންދާ ބުންޏެވެ. "ފޯނުން ދެއްކޭ ވަރުގެ ވާހަކައެއް ނޫނޭ، މި ތަނަށް އަންނާށޭ ބުނީމައެއްނު އަހަރެން މި އައީ. ކޮންމެ ފަހަރަކު ވެސް އަހަރެން ގެނެއްސަ ދެން.."

"އާނ! ހަނދާންވެއްޖެ!" އެ ހިސާބަށް ބުނެފައި އަނެއްކާ ވެސް ފައިސަލް ވިސްނައިލިއެވެ. "ކީކޭތަ މަ ބުނީ؟"

ރިންދާ އިނީ އެއްޗެއް ނުބުނާށެވެ. ކެތްކުރުމަށް ޓަކައި ލޯމަރައިލައިގެން ވެސް ރިންދާ އިރުކޮޅަކު އިނެވެ.

"ފައިސަލް ބުނީ ފަހު ޓެސްޓޭ، ފައިނަލް ޓެސްޓޭ، ދެން މަށަކަށް ނޭނގެ،" ރިންދާ ބުންޏެވެ. "ހަނދާންނެތިއްޔާ މަ ދަނީ."

ދިޔުމަށް ޓަކައި ރިންދާ ތެދުވުމާއެކު، ނުދިޔުމަށް ފައިސަލް އަތުން އިޝާރާތްކުރިއެވެ.

"އާނ ހަނދާންވެއްޖެ! އިށީނދެބަލަ އިށީނދެބަލަ!" ފައިސަލް ބުންޏެވެ.

ހިތްހަމަނުޖެހިފައި ރިންދާ އިށީނުމުން، ފައިސަލް ގޮނޑީގައި ހަމަޖެހިލިއެވެ. މޭޒުން ކުޑަކޮށް ތަން ހަދާލާފައި، މޭޒުގައި އަތްއަޅާފައި ރިންދާ ކައިރީގައި އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު ފައިސަލަށް ފޯނެއްއައެވެ.

"އެކްސްގިއުޒް!" ފައިސަލް ބުންޏެވެ.

ފައިސަލް ފޯނު ކަންފަތުގައި ޖެހުމާއެކު ރިންދާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.

"އާމިރާ ބުނީ ހަމަ ތެދެއް! ފައިސަލްގެ ހުރިހާ ވެސް އެއްޗަކީ ބިޒްނަސް. އޮފީސް. ލާރި. އެހެން މީހަކަށް ދޭނެ ޓައިމެއް ފައިސަލަކަށް ނޯންނާނެ،" ރިންދާ އުދާސްތައް ބޭރުކޮށްލިއެވެ. "ފައިސަލާ އިނުމަށް ވުރެ މާ ރަނގަޅުވާނެ މީހަކާ ނީނދެ ހުއްޓަސް،" ފައިސަލް އެއްޗެއް ބުނަން އުޅުނެވެ. "އުހުނ ފައިސަލް އިނދޭ ފޯނުގަ. އަހަންނާ ވާހަކަދައްކާނެކަމެއް ނެތް. އަހަންނަށް ދެން ގުޅާނެކަމެއް ވެސް ނެތް."

ރިންދާ ތެދުވެފައި ނިކަން ބާރަށް ހިނގައިގަތެވެ. ފައިސަލް ކުޑަކޮށް ހުއްޓުންއަރާފައި އިނެވެ. ދެން ފޯނު ކަންފަތުގަޖެހިއެވެ.

"ހަމަ ކަލޭ ބުނިހެން ވީ!" ފައިސަލް ބުންޏެވެ.

"ދިޔައީ ދޯ!" ސައިކަލު ހުއްޓާލައިގެން މަގުމަތީގައި އިން ސިރާޖު ބުންޏެވެ. "މަ ކުރިން ވެސް ބުނީމެއްނު ތީތި ޖައްސަބަލާށޭ!"

"އެކަމަކު އޭނަ ހާދަ ރީތިކޮށް ކުރިން ބުންޏޭ ތިމަންނައަށް އަންޑަސްޓޭންޑު ވާނޭ!" ފައިސަލް ބުންޏެވެ.

"ފައިސަލް!" ސިރާޖު ބުނެލިއެވެ. "އަހަރުމެން ފިރިހެނުން ބާލަނީ ތަރިއެއްނު. އަންހެނުން ބާލާނީ ސަތަރި!"

-ނުނިމޭ-