އުމްރާ އަށް ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
އުމްރާ އަށް ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ރާއްޖެ އިން އުމްރާ އަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެ ޕްރޮޕޯޒަލްތައް އަންނަ މަހުގެ 8 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ.

މިިއީ އުމްރާ މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް މި އަހަރު ފުރުސަތު ހުޅުވައިލި ދެ ވަނަ ފަހަރެވެ.

މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިމެނޭ "ޕްރޮޕޯސަލް ފޮތް" އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެކެވެ.

އުމްރާ އަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައިނުވާ ކުންފުނިތަކުން އުމްރާއާށް މީހުން ގެންދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން މިދިޔަ މަހު ވަނީ ބުނެފަ އެވެ.

ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގެ މަސައްކަތް އަމިއްލަ ގްރޫޕްތަކުގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ވެސް ކުރެ އެވެ.