26 ސެޕްޓެމްބަރ 2023 - 11:44

ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މާފުކުރަން ބޭނުންވާ މީހުން އަންނަ މަހު 25 ގެ ކުރިން ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ފަސް އަހަރުގެ ހުރިހާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާތައް މާފުކޮށްދެއްވައިފަ އެވެ. މާފުކޮށް ދިނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތަކެވެ.
ނަމަވެސް، ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ނިންމީ އެކަމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެއްގައި ބައިވެރިވާ މީހުންނަށެވެ. އެހެންވެ، ގަވައިދާ ހިލާފަށް ޕާކުކޮށްގަން ޖަހާފައިވާ ސްޓިކާތަކުގެ ޖޫރިމަނާ މާފު ވިޔަސް ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުން ފަދަ ކަންކަމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުވާނީ ޓްރެއިނިން ޕްރޮގްރާމް ހެދުމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލްގައި ބުނެފައިވާ ގޮތުގައި، އިއްޔެ އިން ފެށިގެން އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅާފައިވާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހެނީ ސިމްސް ޕޯޓަލް މެދުވެރިކޮށެވެ. އަދި އެ ފުރުސަތު އަންނަ މަހު 25 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.