26 ސެޕްޓެމްބަރ 2023 - 05:58

ހުޅުމާލޭގައި ހެދި އުރީދޫގެ އާ ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.

ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މި އޮފީސް ހުޅުއްވައިދެއްވީ އުރީދޫ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަހްރޫ އެވެ.
އުރީދޫ ހެޑް އޮފީހަކީ ޑިިޖިޓަލް ދުނިޔެއާ ގުޅޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުކޮށްފައިވާ، ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ހިމެނޭ އޮފީހެކެވެ. މި ތަނުގައި ކަރަންޓުގެ ހަރަދު ކުޑަކޮށް އަވިން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންކޮށްފައި ވަނީ ލެމިނޭޓަޑް ޓެމްޕަޑް ބިއްލޫރި އެވެ. ސޯލާ ޕެނަލް ބަހައްޓާފައި ވާއިރު ލައިޓުތައް މެނޭޖުކުރާނެ ސިސްޓަމަކާއި ތާޒާ ވައި ސަޕްލައިކުރާނެ ސިސްޓަމަކާއި ފެން އިސްރާފުވާ މިންވަރު މަދުކޮށް މެނޭޖުކުރާ ސިސްޓަމެއް ވެސް މިތަނުގައި ހުރެ އެވެ.
މި އިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އިމާރާތް ފަރުމާކޮށްފައި ވަނީ ފަޔަ ރޭޓެޑް ދޮރުތަކާއި ފަޔަ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔަ ސޭފްޓީ ސިސްޓަމާ އެކު އެވެ.
މި އޮފީހުގައި މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން މަސައްކަތުގެ މާހައުލު ފަރުމާކޮށްފައި ވަނީ ހިތް ފަސޭހަ، ޖާގަ ތަނަވަސް ތަނެއްގެ ގޮތުގަ އެވެ. އަދި މި ތަނުގައި މުވައްޒަފުންނަށް މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާއަކާއި ކެފޭއެއް ވެސް ހުރެ އެވެ. މީގެ އިތުރުން ކުޑަކުދިން ގެންގުޅެން ހާއްސަ ސަރަހައްދަކާއި މުވައްޒަފުންނަށް ޕާކިން އޭރިއާއަކާއި ޖިމެއް ވެސް ހަދާފައިވެ އެވެ. އަދި ޖާގަ ބޮޑު މީޓިން ރޫމާއި ޓައުން ހޯލް އޭރިއާއެއް ވެސް ހުރެ އެވެ.
އުރީދޫގެ ހެޑް އޮފިސް ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެ ކުންފުނިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހދ. ކުޅުދުއްފުއްޓާއި ސިންގަޕޫރާއި ޔޫރަޕުގެ ގައުމުތައް ގުޅިގެންދާ ގޮތަށް އަޅަމުންދާ "ޕީސް" ސަބްމެރިން ކޭބަލްގެ މަސައްކަތް ޑިސެމްބަރު މަހު ނިމޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ އަލަށް ހުޅުވި އިމާރާތަކީ އެ ކުންފުންޏަށް ވޭތުވެދިޔަ 18 އަހަރު ލިބުނު ކާމިޔާބީ ރަމްޒުކޮށްދޭ އިމާރާތެއް ކަމަށެވެ. އަދި މި އިމާރާތް ފަރުމާކުރުމުގައި ދެމެހެއްޓެނިވި ވަސީލަތްތައް ހިމެނުމަށް މަސައްކަތްކުރި ކަމަށާއި އިމާރާތްކުރުމުގައި ވިސްނުން ބެހެއްޓީ އެ ތަނުގައި ތިބެގެން އީޖާދީ ހިޔާލުތަކެއް އުފަންކުރެވޭނެ ތަނަކަށް ހަދަން ކަމަށް ވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫން ކުރުމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިތުރުން އުރީދޫން އަދާކޮށްފައިވާ އިޖުތިމާއީ ޒިންމާ އާއި ގައުމުގެ ޑިޖިޓަލް ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.
އުރީދޫގެ ހެޑް އޮފީސް ހުޅުވީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގަ އެވެ. އެގާރަ ބުރީގެ މި އިމާރާތުން ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ވެސް ވަނީ ހަދާފަ އެވެ.